09 Jul 2016, 13:15
ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފި އެވެ.
މެޓް އޮފީހުން މިއަދު ބުނީ، ރާއްޖޭގެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމުގެ ސަބަބުން ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުތަކުގައި ބާނި ބޮޑުވެފައި ވާތީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް ބުންޏެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށް ދައްކާއިރު، ދެކުނާއި މެދުތެރޭގެ ބައެއް އަތޮޅު ތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެ އެވެ.
ވައިޖެހޭނެ ކަމަށް ލަފާކޮށްފައި ވަނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގަ އެވެ.
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާ 55 މޭލާ ދެމެދުގެ ބާރުމިނަށް ވައި ގަދަވުމަކީ ވެސް އެކަށީގެންވާ ކަމަށް ވެސް އެ އޮފީހުން ބުނެ އެވެ.
އެހެންކަމުން ކަނޑުތައް ދެކުނުގައި އާދައިގެވަރަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކުރެވޭއިރު އުތުރާއި މެދުތެރޭގެ ކަނޑުތަށް ވެސް އާއްމުގޮތެއްގައި ގަދަވާނެ އެވެ.
މިދުވަސް ވަރަކީ އީދު ޗުއްޓީއަށް ގިނަ ބަޔަކު އަތޮޅުތެރެއަށް ގޮސްފައިވާ ދުވަސްވަރެއް ކަމުން، މެޓް އޮފީހުން ވަނީ ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އަންގާފައެވެ.