ޤާހިރާ : މިސްރުގެ އިޤްތިސާދަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމަށާއި ބަޖެޓަށް ކުރިމަތިވެފައިވާ މާލީ ދަތިތައް ފޫބެއްދުމަށްޓަކައި މިސްރަށް 4 ހާސް މިލިޔަން އެމެރިކާޑޮލަރުގެ އެހީއެއް ދިނުމަށް ސައޫދީ އަރަބިޔާ ނިންމައިފިއެވެ.

މިސްރުގެ ރަސްމީ ނޫސްއެޖެންސީ ބުނިގޮތުގައިމިސްރަށް މިހާރު ކުރިމަތިވެފައިވާ އިޤްތިސާދީ މައްސަލަތައް ޙައްލުކުރުމަށް މަދުވެގެން 12 ހާސް މިލިޔަން ޑޮލަރު ބޭނުންވެއެވެ. ސައޫދީން ދިނުމަށްނިންމި 4 ހާސް މިލިޔަން ޑޮލަރުގެ އިތުރުން އައި.އެމް.އެފް. ފަދަ ބައިނަލްއަޤްވާމީ މާލީ މުއައްސަސާތަކުންވެސް މަދުވެގެން 5 ހާސް މިލިޔަން ޑޮލަރުގެ ލޯނެއް ހޯދުމަށް މިސްރު ގެންދަނީ މަސައްކަތްކުރަމުންނެވެ.

މިސްރުގެ ބަޖެޓަށް ބާރުބޮޑުވެގެންދިޔައީ ދާދިފަހުން އެޤައުމަށްއައި ރައްޔިތުންގެ އިންޤިލާބާގުޅިގެން ހިނގި ގަޑުބަޑުތަކާއެކު އިޤްތިސާދީ ޙަރަކާތްތަކަށާއި ޓޫރިޒަމަށް އެރި އާދަޔާޚިލާފް ލޮޅުންތަކުގެ ސަބަބުންނެވެ. ރައްޔިތުންގެ މި އިންޤިލާބުގައި ކުރީގެ ރައީސް ޙުސްނީ މުބާރަކްގެ ވެރިކަން ވެއްޓުނެވެ.

އެއަށްފަހު ތަރައްޤީގެ ބޮޑެތި މަޝްރޫއުތަކަށާއި ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްއެދި މިސްރުގެ ވަގުތީ ސަރުކާރަށް ރައްޔިތުން ކުރިމަތިކުރަންފެށި ފިއްތުންތަކުގެ ސަބަބުން ބަޖެޓަށްވަނީ އާދަޔާޚިލާފު ނުކުޅެދުންތަކެއް ކުރިމަތިވެފައެވެ.
މިސްރުގެ އިޤްތިސާދު ދެމެހެއްޓުމަށްޓަކައި އެމެރިކާއަށް ބަރޯސާވެގެން މުބާރަކް ގެންގުޅުއްވި ޒަމާންވީ ބޯދާ ސިޔާސަތުތައް މިސްރުގެ ވަގުތީ ސަރުކާރުންވަނީ ދޫކޮށްލާފައެވެ. އެމެރިކާއަށް ބަރޯސާވުމުގެ ބަދަލުގައި މިސްރުގެ ވަގުތީ ސަރުކާރުން މަސައްކަތްކުރަނީ ބޭރުގެ އިންވެސްޓްމަންޓްތައް ގެނަސްގެން އިޤްތިސާދީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސައޫދީން މިސްރަށް ދިނުމަށް ނިންމި 4 ހާސް މިލިޔަން ޑޮލަރުގެ ފައިސާގެ ބޮޑުބަޔަކީ ހިލޭއެހީއެވެ. ބާކީ ބަޔަކީ ދިގުމުއްދަތަކުން ދައްކައި ޚަލާސްކުރާ ލޯނެވެ. ސަޢޫދީން ދިނުމަށް ނިންމި ފައިސާ ލިބުމުން މިސްރުގެ އިޤްތިސާދަށް މިހާރު ކުރިމަތިވެފައިވާ ހާސްކަމާއި ނުތަނަވަސްކަމަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެޤައުމުގެ އަލްއަހްރާމް ނޫސް ބުނެއެވެ.

މުބާރަކްގެ ވެރިކަން ވައްޓާލުމަށް މިސްރުގެ ޒުވާނުން އިސްނަގައިގެން ހިންގި އިޙްތިޖާޖްތަކާއެކު ވެތުވެދިޔަ ހަތަރު މަސްދުވަހުގެ ތެރޭގައި މިސްރަށް އެރި ކުއްލި ލޮޅުންތަކުގެ ސަބަބުން އެޤައުމުގެ އިޤްތިސާދަށްވަނީ 7 އިންސައްތައިގެ ގެއްލުމެއް ތަޙައްމަލްކުރަން ޖެހިފައެވެ. -- ރޮއިޓާސް