02 May 2010, 15:45
19:00
ޕާކިސްތާނުގެ ސުވާތު ވާދީގެ ބާޒާރަކަށް ހަނގުރާމަވެރިޔަކު އަމިއްލައަށް މަރުވެގެން ދިން ހަމަލާއެއްގައި އާންމުންގެ ތިންމީހަކު މަރުވެ 10 މީހުން ޒަޚަމްވެއްޖެ އެވެ.
އެސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންގެ އޮފިޝަލަކު މައުލޫމާތު ދިން ގޮތުގައި މިހަމަލާ ގައި އަމިއްލައަށް މަރުވި ހަނގުރާމަވެރިޔާގެ އިތުރުން އެހެން ބަޔަކު ވެސް ބައިވެރިވެފައިވެ އެވެ. އަދި އޭގެ ތެރޭން އެކަކު އިތުރު ބޮމެއް ގޮއްވާލަން އުޅެނިކޮށް ބަޑިޖަހައި މަރާލެވިފައިވާ ކަމަށް ވެސް އެފަރާތުން ބުނެ އެވެ.
ސުވާތު ވާދީގެ ފުލުހުން އިތުރަށް ބުނެފައިވަނީ މިހަމަލާގައި ތިންމީހަކު މަރުވެފައިވާއިރު ޒަޚަމްވެފައިވާ 10 މީހުންގެ ތެރޭން ތިން މީހަކު ވަނީ ވަރަށް ސީރިއަސް ހާލަތެއްގައި ކަމަށެވެ. އަދި އެބާޒާރަށް ހަމަލާދިނުމުގެ ކުރިން ފުލުހުންގެ ޔުނިޓަކަށް ވެސް ހަމަލާދީފައިވާ ކަމަށް ވެސް އެމީހުން ބުނެ އެވެ.
ޕާކިސްތާނުގެ ސުވާތު ވާދީ ގައި ފަހަކަށް އައިސް މިފަދަ ހަމަލާތައް ދިނުން ވަނީ އާންމުވެފަ އެވެ. އަދި މިހަމަލާތަކަކީ އެސަރަހައްދަށް ތާލިބާނުން އަނެއްކާވެސް އަތްގަދަކުރަން ފަށާފައިވާ ކަމުގެ ނިޝާނެއް ކަމަށް ބައެއް މީހުން ދެކެ އެވެ.