ގއ. ވިލިނގިލީގައި މީހެއްގެ އަނތްބަކާ އެކު ކައިރީ އެކަހެރިކޮށް ހުރި ފުލުހަކު އެހެން ރަށަކަށް ބަދަލުކޮށްފި އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ މިއަދު ސަން އަށް ވިދާޅުވީ ރޭ 10:30 ހާއިރު ވިލިނގިލީ ޕޮލިސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހަކު އަންހެނަކާ އެކު އެކަހެރިކޮށް ހުއްޓައި ފެނިގެން އެރަށު ބަޔަކު އެކަމާ ދެކޮޅަށް ނުކުތް ކަމަށެވެ.

އޭނާ ވިދާޅުވީ އެކަމާ ހިތްހަމަނުޖެހިގެން އެރަށު ޒުވާނުންތަކެއް ޕޮލިސްޓޭޝަން ކުރިމައްޗަށް އެއްވެ އެ ފުލުސް މީހާ އެރަށުން ބޭރުކުރުމަށް އަޑުއުފުލާފައިވާ ކަމަށެވެ.

"މިހާރު އެ ފުލުސް މީހާ ވަނީ އެހެން ރަށަކަށް ބަދަލުކޮށްފައި،" އިސްމާއީލް ވިދާޅުވި އެވެ.

އެކަމާ ނުރުހުން ފާޅުކޮށް އަޑުއުފުލުން ފިޔަވައި އިތުރު އެއްވެސް ހަމަނުޖެހުމެއް ވިލިނގިލީގައި ނުހިނގާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ފުލުސް މީހާ އަންހެނަކާ އެކު އެކަހެރިކޮށް ހުރި މައްސަލާގައި އިންޓާނަލް އިންވެސްޓިގޭޝަނެއް ކުރިއަށްދާ ކަމަށް ވެސް އިސްމާއީލް ވިދާޅުވި އެވެ.

އަބްދުލް ޣަނީ އިބްރާހީމް ނަމަކަށް ކިޔާ އެ ފުލުސް މީހާ ހިލޭ އަންހެނަކާ އެކު އެރަށު ހިއްކި ސަރަހައްދުގައި ހުރި ފަޅު ގޯއްޗެއްގެ ތެރޭގައި ހުއްޓައި ފެނުނީ އެރަށު ޒުވާނުންގެ ބަޔަކަށެވެ.