ކުއްލި އާލާސްކަންފުޅެއްގައި ލަންކާ ހޮސްޕިޓަލުގައި ފަރުވާ ދޭން ފެށި، ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ހާލުކޮޅު ރަނގަޅު ވަމުން އަންނަ ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރަކު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ޒަމީރަށް ފަރުވާ ދޭން ފަށާފައި ވަނީ ލަންކާ އިން އެހެން ގައުމަކަށް ފުރާވަޑައިގަތުމަށް ރޭ ބަންޑާރަ ނައިކު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވަނިކޮށް މެއަށް ތަދެއް އެރުމާ ގުޅިގެންނެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރަކު މިއަދު "ސަން" އަށް ވިދާޅުވީ މެއަށް ތަދުވާތީ އެންޖިއޯގްރާމް އެއް ހަދާފައިވާ ކަމަށާއި، މިނިސްޓަރު ޒަމީރުގެ މައި ލޭ ހޮޅީގެ 99 ޕަސެންޓު ބެދިފައިވާ ކަމަށް އެންޖިއޯގްރާމުން ދައްކާފައިވާ ކަމަށެވެ.

"މިހާރު އެންޖިއޯޕްލާސްޓީ ވަނީ ހަދާފައި. އޮޕަރޭޝަން ކާމިޔާބު. އިރާދަކުރެއްވިއްޔާ ހާލުކޮޅު އަންނަނީ ރަނގަޅުވަމުން،" މެމްބަރު ވިދާޅުވި އެވެ.

އެންޖިއޯ ޕްލާސްޓީއަކީ ހިތަށް ލޭ ފޮނުވައިދޭ ނާރުތައް ބެދުމުން، ނާރުތައް އަލުން ހުޅުވައި ލޭ ދައުރުވާ ގޮތް ހެދުމަށް ކުރާ އޮޕަރޭޝަނެކެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި މިނިސްޓަރު ޒަމީރުގެ މެޔަށް ތަދެއް އެރުމާ ގުޅިގެން ފުރަތަމަ ގެންގޮސްފައި ވަނީ އެއާޕޯޓުގައި ހުންނަ ނެގަންބޯ ހޮސްޕިޓަލަށެވެ. ނަމަވެސް އެތަނުން ކޮލަންބޯގައި ހުންނަ ލަންކާ ހޮސްޕިޓަލަށް ބަދަލުކޮށް އެ ހޮސްޕިޓަލުގެ އައިސީޔޫގައި ވަނީ ފަރުވާ ދީފަ އެވެ.