އދ. މާމިގިލިން: އަހުމަދު ސާއިލް އަލީ

ގެސްޓްހައުސްގެ ވިޔަފާރި މުޅި ރާއްޖެއަށް ފަރިވަމުންދާއިރު އެކިރަށްރަށަށް ކުރިމަތިވަނީ އެކި ގޮންޖެހުންތަކެވެ. އޭގެ ތެރެއިން އެންމެ ބޮޑު ގޮންޖެހުންތައް ކުރިމަތިވަނީ ރާއްޖެ އުފެދިފައިވާ ގޮތުންނެވެ. އެހެންކަމުން އާންމުކޮށް ހުރިހާ ރަށަކަށް ވެސް ދިމާވަނީ އެއްކަހަލަ މައްސަލަތަކެކެވެ. ނަމަވެސް އދ. މާމިގިލި މުޅިން ތަފާތެވެ. އެހެން ރަށްރަށަށް ދިމާވާ މައްސަލަތައް މިރަށަށް ވަނީ ފަހިވެ އެވެ. ނަމަވެސް ގިނަ ރަށްރަށަށް ލިބިފައިވާ ނަސީބުން މިރަށް ވަނީ ވަގުތީ ގޮތުން ނަމަވެސް މަހުރޫމްވެފަ އެވެ. އެއީ އެރޭނެ ރީތި މޫދެއް ނެތުމުގެ ގޮންޖެހުމެވެ.

ޓޫރިސްޓުންގެ މެދުގައި ރާއްޖެ މަޝްހޫރުވެފައި ވަނީ ދޮންވެއްޏާއި ސާފު މޫދުގެ އިތުރުން އިރުގެ އަލި ލިބޭ "ސުވަރުގެ" އެއްގެ ގޮތުގަ އެވެ. ޓޫރިސްޓުންގެ ތެރޭގައި ރާއްޖެ ވިއްކަނީ ވެސް އެހެންނެވެ. މާމިގިލީގައި މިވަގުތު ހަތަރު ގެސްޓް ހައުސް ހިންގަމުންދާ އިރު މިރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ރީތި މޫދެއް ނެތުމުގެ މައްްސަލަ އެވެ.

މާމިގިލީ ބީޗް އޭރިއާ-- ސަން ފޮޓޯ

ދިގު ދަތުރެއްކޮށްފައި ޓޫރިސްޓުން ރާއްޖެ އަށް އަންނައިރު އެމީހުންގެ އެންމެ ބޮޑު ޝަކުވާއަކީ އަނެއްކާ ބޮޑު ކަނޑެއް ހުރަސް ކުރަންޖެހުމެވެ. މާމިގިއްޔަށް އަންނަ ފަރާތްތަކަށް އެތަކުލީފް އުފުލާކަށް ނުޖެހެ އެވެ. އިންޓަނޭޝަނަލް ފުލައިޓުން ފައިބައިގެންގޮސް ފުލައިމީގައި 20 މިނެޓުގެ ކުރު އަރާމް ދަތުރަކަށް ފަހު މިރަށަށް އާދެވެ އެވެ. ސީދާ އެއާޕޯޓުން ގެސްޓްހައުސްއަށް ދާންވީ އެވެ. ތަފާތު ކެއުމެއް ކާން ބޭނުން ނަމަ އެއްފަޅެއްގެ ތެރޭގައި އޮތް ދެ ރިސޯޓަށް ފަސޭހައިންދެވެ އެވެ. މިއީ އެހެން ރަށްތަކާއި މި ރަށާއިއޮތް ބޮޑު ތަފާތެކެވެ.

މާމިގިއްޔަކީ ރަށުގެ ބޮޑު ބައެއްގައި ތޮށިލައިފައިވާ ރަށެކެވެ. މިބޮޑުރަށުގައި ދޮންވެއްޔާ އެކު މޫދެއް އޮންނަނީ 1750 ފޫޓެއްހާ ހިސާބުގަ އެވެ. އެ ސަރަހައްދަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މޫދު ވިނައިގެ މައްސަލައެކެވެ. މޫދު ވިނަ ހެދިފައިވާލެއް ބޮޑުކަމުން މުޅި އެސަރަހައްދުގެ މޫދު ވަނީ ކަޅުކޮށްލައިފަ އެވެ. އެތަން ފެންނަނީ ބިރުވެރި ގޮތަކަށެވެ. މިއީ ޓޫރިސްޓުންގެ ބޮޑު ޝަކުވާއެކެވެ.

"ޓޫރިސްޓުން އެންމެ ބޮޑަށް އެދޭ ކަމަކީ ބީޗު، ރީތި ގޮނޑުދޮށެއް ރީތި މޫދެއް، މިއީ މާމިގިއްޔަށް ޓޫރިސްޓުން އައުން މަދު އެއް ސަބަބު، މިއީ ވަރަށް ބޮޑު ޝަކުވާއެއް، މިދިޔަ މަހުގެ ތަފާސް ހިސާބަށް ބަލާއިރު އެބައުޅޭ 18 ގެސްޓުން، އެ އެންމެންގެ ވެސް ކޮމްޕްލެއިންއެއް އެއީ އެތަނަށް ފައިބަން ބިރުގަންނަ ވާހަކަ،" ވޭލްޝާކް އިން މާމިގިލީ ގެސްޓްހައުސްގެ ވެރިޔާ އަހުމަދު ނާފިޒު ބުންޏެވެ.

މިރަށު ކައުންސިލް އިން ވަނީ އެ ގޮނޑުދުށުގެ 650 ފޫޓު ހިސާބެއް ޓޫރިސްޓުންނަށް ހާއްސަކޮށްފަ އެވެ. ނަމަވެސް އެ ސަރަހައްދުގައި ވެސް އިންތިހާއަށް މޫދު ވިނައޮވެ އެވެ. ނަތީޖާއަކީ ޓޫރިސްޓުންނަށް މޫދަން އެރެން ނުކެރުމެވެ. އެހެންކަމުން ޓޫރިސްޓުން އެކަމަށް ފަސްޖެހެ އެވެ.

"އަޅުގަނޑުމެންނަށް އެންމެ ބޭޑް ކޮމެންޓްސް ލިބިފައި މި ވަނީ ބީޗުން، އެހެން ހުރިހާ ކަމެއް އަޅުގަނޑުމެންގެ ފަރާތުން ވަރަށް ރަނގަޅު، ބީޗުގެ އެންމެ ބޮޑު ޝަކުވާއަކީ ވިނަގަނޑު ކަންތައް، ކޮންމެ ގެސްޓްކު ވެސް އަޅުގަނޑުމެން ކައިރި ރިކަމެންޑްކުރޭ އޭތި ރަނގަޅު ކޮށްދޭށޭ،" ސަމާ ގެސްޓްހައުސްގެ ވެރިޔާ ޝަމްއޫން އަބްދުﷲ ބުންޏެވެ.

ވިނަގަނޑު ނެގުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިރަށަށް ނިސްބަތްވާ ތަނަވަސް މީހުން ކައިރީ އެކަން ކޮށްދިނުމަށް ދަނީ އެދެމުންނެވެ. ތަނަވަސް މީހުން ކައިރީ އެދިގެން އެމީހުން ބޭނުމަކީ މިރަށަށް ގިނަ ޓޫރިސްޓުންނެއް ގެނައުމަށެވެ. އޭރުން ގެސްޓްހައުސްތައް ހިންގާ ފަރާތްތަކުގެ އިތުރުން ރަށުގެ ވިޔަފާރިތަކަށް ވެސް ބޮޑު ފައިދާއެއް ލިބިގެންދާނެ އެވެ.

ޝަމްއޫންގެ ވިސްނުމަކީ އެ ވިނަގަނޑު އެތަނުން ސާފު ކުރުމަށް ފަހު ސުކޫލް ކުދިންނާއި ގެސްޓްހައުސް ހިންގާ ފަރާތްތަކާ ގުޅިގެން މުރަކަ އިންދުމެވެ. އެއީ އޭނާ ރިސޯޓުތަކުގައި ތަޖުރިބާކޮށްފައިވާ ކަމަކަށް ވުމުން އެކަން ކުރެވޭނެކަމުގެ ޔަގީންކަން އޭނާއަށް އެބައޮތެވެ.

ކައުންސިލްއިން އެދެނީ ރައްޔިތުންގެ އެއްބާރުލުމަށް!

ގެސްޓްހައުސް ހިންގާ ފަރާތްތަކުގެ ބޮޑުއެދުމާ ގުޅޭ ގޮތުން މާމިގިލީ ކައުންސިލްގެ ރައީސް ޖުނައިދު އިބްރާހިމް ވިދާޅުވީ ބީޗު ތަރައްގީ ކުރުމުގެ ވިސްނުން އެބަހުރި ކަމަށާއި ނަމަވެސް އެކަމަށް ބޭނުންވާ ބަޖެޓު ނެތް ކަމަށެވެ. އެ ކައުންސިލްގެ ވިސްނުން ހުރީ މިރަށު ފަޅުތެރޭގައި ފިނޮޅުތަކެއް ހެދުން ކަމަށާއި އެކަން ކުރެވެން އޮތީ ގެސްޓްހައުސްތަކާއި ރައްޔިތުންގެ އެއްބާރުލުމާ އެކު ކަމަށް ޖުނައިދު ވިދާޅުވި އެވެ.

މިރަށު މޫދު ހަޑިވާ އަނެއް މައްސަލައަކަށްވެފައި ވަނީ ރައްކާތެރި ގޮތެއްގައި ކުނި ނައްތާލެވޭނެ އިންތިޒާމެއް ހަމަޖެހިފައިނެތުމެވެ. މޫދަށް ކުނި އެޅުމާއި ކުނިގޮނުގައި ހުންނަ ކުނި މޫދަށް ފެއިބުމުގެ ނަތީޖާއަކަށްވެފައި ވަނީ މޫދު އިތުރަށް ހަޑިވުމެވެ.

ކައުންސިލް ރައީސް ވިދާޅުވީ އެކަމަށް ހައްލެއް ގެނައުމަށް ވެސް ތަފާތު މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކުނި އުފުލުމަށާއި ތަފާތު ކުނި ވަކިކޮށް ރައްކާތެރިކަމާ އެކު ކުނި ނައްތާލެވޭނެ ވެހިކަލްތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަށް ސަރުކާރުގެ އެހީ ލިބެމުން އަންނަ ކަމަށް ޖުނައިދު ވިދާޅުވި އެވެ.

ހިދުމަތުގެ އަގުވެސް ހެޔޮ!

މާމިގިއްޔަށް ބަލާއިރު މިރަށަށް އައުމަށް ފަސޭހަ ވާފަދައިން މިރަށުގެ ގެސްޓް ހައުސްތަކުގެ އަގުތައް ވެސް ހެވެ އެވެ. އާންމުކޮށް ރާއްޖޭގެ ގެސްޓްހައުސްތަކުގެ ރޭޓް 75 ޑޮލަރާއި 80 ޑޮލަރާއި ދޭތެރޭ އުޅޭއިރު މިރަށުން 65 ޑޮލަރަށް ދުވާލަކަށް ޓޫރިސްޓަކަށް ރޫމްލިބެ އެވެ. ދިވެހިންނަށް 45 ޑޮލަރަށްލިބެ އެވެ. ފުލައިމީ ފުލައިޓުން 95 ޑޮލަރަށް ކޮޅަކަށް ޓޫރިސްޓަކަށް ނަގާއިރު ދިވެއްސަކަށް ނަގަނީ 600 ރުފޔާ އެވެ. ފެރީގައި 35 ޑޮލަރަށް އާދެވޭ އިރު ލޯންޗުގައި 65 ޑޮލަރަށް އާދެވެ އެވެ.

ގިނަ ސަބަބުތަކަށް ބަލާއިރު އެހެން ރަށްތަކުގައި ގެސްޓްހައުސްތައް ހިންގުމަށް ދިމާވާ ދަތިތަކުން މިރަށް ވަނީ ސަލާމަތްވެފަ އެވެ. ފަސޭހަ ދަތުރުފަތުރެއް އެބައޮތެވެ. ކައިރި ރިސޯޓްތައް ހުރުމުން އެހެނިހެން ހިދުމަތްތައް ލިބެންއެބަހުއްޓެވެ. ދިމާވަނީ އެންމެ މައްސަލައެކެވެ. އެއީ ރަނގަޅު ބީޗެއް އޮތް ނަމަވެސް ރީތި މޫދެއް ނެތް މައްސަލައެވެ. މިރަށަށް ޑޮލަރު ވަންނަން އޮތް ހުރަހަކީ އެއީ އެވެ.