ޝީޝާ ބޭނުންކޮށްގެން އޮޅުވާލައިގެން މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކޮށްފާނެ ކަމުގެ ފުރުސަތު އޮތުމުން ޓެންޒޭނިއާގައި ޝީޝާ ބުއިން މަނާކޮށްފި އެވެ.

ޓެންޒޭނިއާގެ ބޮޑުވަޒީރު ކާސިމް މަޖަލިވާ މި ހަފްތާގައި ވަނީ، ވެރިރަށް ދާރުއްސަލާމުގައި ޝީޝާގެ ވިޔަފާރި ކުރާ ފަރާތްތަކުން، ޖުލައި 11 ވަނަ ދުވަހުގެ ކުރިން އެކަން ހުއްޓާލުމަށް އަންގައި އަމުރު ކުރައްވައިފަ އެވެ.

ޝީޝާއަކީ ކޮންމެވެސް ފްލޭވާއެއްގެ ނުވަތަ އާދައިގެ ފެނާއި ދުންފަތާ ބޭނުންކޮށްގެން ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ އާލާތެކެވެ. ޝީޝާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބައެއްގެ މެދުގައި މަގުބޫލު އެއްޗެކެވެ.

ނަމަވެސް ޓެންޒޭނިއާގައި ބައެއް މީހުން ޝީޝާގައި ހުންނަ ފެންގަނޑަށް ބަނގުރާ އެޅުމާއި މެރުވާނާ ފަދަ މަސްތުވާބާވަތްތަކާ ދުންފަތް އެއްކޮށްގެން ޝީޝާ ބުއިން ފަދަ ކަންކަން ދަނީ ހިނގަމުންނެވެ.

ޓެންޒޭނިއާގެ އާބާދީގެ 35 ޕަސަންޓަކީ މުސްލިމުންނެވެ.

އެގައުމުގައި ޝީޝާ ބުއިމުގައި އެންމެ ގަދައަށް އުޅެނީ އަރަބި އަދި އޭޝިއާގެ ގައުމުތަކުގެ ނަސްލުގެ މީހުންނެވެ.

ޓެންޒޭނިއާގެ ބޮޑުވަޒީރު ކާސިމް މަޖަލިވާ ވިދާޅުވި ގޮތުގައި ޝީޝާ ބުއިމަކީ ކުރިޔަށް ހުރި ޖީލުތައް ހަލާކު ކޮށްލުން ފަދަ ކަމެކެވެ.