މިއަދުގެ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒު ކުރިމަތީގައި ދުއާ ކުރުމަށް ފުލުހުން ހުރަސް އެޅި ކަމަށާއި އަދި ދުއާ ކުރި ފަރާތްތަކުގެ ގަޔަށް އަތްލައި ކޮށްޕައިވާ ބާރުގެ ބޭނުންކޮށް އަދި ބައެއް މީހުންގެ ލޮލަށް ޕެޕާ ސްޕްރޭ ޖަހައި އަނިޔާވެރިވެފައިވާ ކަމަށް އިދިކޮޅު އެމްޑީޕީ އިން ބުނެފި އެވެ.

އެކަން ކުށްވެރިކޮށް އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒު ކުރިމަތީ މާތް ﷲގެ ޙަޟުރަތަށް ދުއާ ދެންނެވުމަކީ އެކަމުގައި ބަހުސެއް ވެސް އެކުލެވިގެން ނުވާ ޒާތުގެ ހައްގެއް ކަމަށެވެ.

ދުއާ ކުރަމުން ދިޔަ ފަރާތްތަކާ ފުލުހުން ކުރިމަތިލައި، ބާރުގެ ބޭނުންކޮށް ދުއާ ކުރުމަށް ހުރަސްއަޅަމުން އަންނަ ކަމަށް އެޕާޓީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

"މިގޮތުން މިއަދުގެ ހުކުރުނަމާދަށް ފަހު ދުޢާކުރަމުން ދަނިކޮށް ފުލުހުން ދުއާކުރި ފަރާތްތަކުގެ ގަޔަށް އަތްލައި ކޮށްޕައި ބާރުގެ ބޭނުންކޮށް އަދި ބައެއް މީހުންގެ ލޮލަށް ގިނަ އަދަދަކަށް ޕެޕާ ސްޕްރޭ ޖަހައި އަނިޔާވެރިވެފައިވެ އެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ފުލުހުން މިއަދު ޕެޕަރ ސްޕްރޭ ޖެހި ބައެއް މީހުން --- ފޮޓޯ: ޓުވިޓާ

ޕެޕާ ސުޕްރޭ ޖެހި މީހުންގެ ތެރޭގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު މިއަދު 'ސަން' އަށް ވިދާޅުވީ ޕެޕާ ސްޕްރޭ ޖަހާފައި ވަނީ ސަކީނާ މަންޒިލް ކައިރިން ކަމަށާއި ޕެޕާ ސުޕްރޭ ޖެހީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން ކަމަށެވެ. އަދި ޕެޕާ ސުޕްރޭ ބޭނުން ކުރީ އެންމެ ފަހަރަކު ކަމަށް ވެސް އޮފިސަރު ވިދާޅުވި އެވެ.

މިސްކިތެއްގައި އަދި މިސްކިތް ހިމެނޭ ސަރަޙައްދުގައި ވެސް ސިޔާސީ ހަރަކާތްތައް ހިންގަން ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފަ އެވެ.

ފުލުހުން އެފަދަ ނިންމުމެއް ނިންމާފައި ވަނީ އީދު ނަމާދަށް ފަހު އިސްލާމިކް މަރުކަޒު ހިމެނޭ ސަރަހައްދުގައި ހާއްސަ ދުވާއެއް ކުރާނެކަން އިދިކޮޅު އިއްތިހާދުން އިއުލާން ކޮށްފައި ވަނިކޮށެވެ.

ހުކުރު ނަމާދަށް ފަހު ހިނގި ހަމަނުޖެހުންތަކުގައި އިމްތިޔާޒް ފަހުމީގެ ގަޔަށް ޕެޕަރ ސްޕްރޭ ޖަހާފައި --- ފޮޓޯ: ޓުވިޓާ

ފުލުހުން ބުނީ މިސްކިތްތަކަކީ ހުރުމަތްތެރިވެގެންވާ މުގައްދަސް ތަންތަން ކަމަށްވެފައި މިސްކިތްތަކުގައި އަދި މިސްކިތް ހިމެނޭ ސަރަހައްދު ތަކުގައި ވެސް ސިޔާސީ ހަރަކާތް ހިންގުމަކީ ޤާނޫނީ ގޮތުން މަނާ ކަމެއް ކަމަށެވެ.

އެމްޑީޕީ އިން ބުނީ އެއީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އަމުރަށް ފުލުހުން ހިންގަމުން އަންނަ ދަށުދަރަޖައިގެ ފިނޑި އަމަލެއް ކަމަށެވެ. އަދި "ސަރުކާރުން އަންގައިގެން ފުލުހުން ހިންގާ ގާނޫނު އަސާސީއާ ކަނޑައެޅިގެން ހިލާފު ޖަރީމާތަކުގެ" މައްސަލަ ބެލުމަށް އެ ޕާޓީ އިން ވަނީ ހިއުމަން ރައިޓްސް ކޮމިޝަނަށާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ތަކުރާރުކޮށް ގޮވާލައިފަ އެވެ.

އެ ޕާޓީ އިން ބުނީ ނާއިންސާފާއި އަނިޔާވެރިކަމުން މިންޖުވުމަށާއި، އެންމެހައި ފަރާތްތަކަށް ހެޔޮ ވިސްނުން ދެއްވުމަށް ރައްޔިތުން ކުރަމުންދާ ދުއާ ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް ރައްޔިތުންނަށް ހިތްވަރު ދޭ ކަމަށެވެ.