މަރުވެފައިވާ ތުއްތު ފިރިހެން ކުއްޖަކު ހުޅުމާލޭ ޕާކުތެރެއިން ފެނިއްޖެއެވެ. ކޮތަޅަކަށްލާފައިވާ ކުޑަކުއްޖާ އެ ރަށު މިސްކިތްކައިރީ ޕާކުތެރެއިން ފެނުނީ މިއަދު 7:30ގަ އެވެ.

އެ ސަރަހައްދު ބަންދުކޮށް ފުލުހުން އިންވެސްޓިގޭޝަން ފަށައިފައިވާއިރު ފުލުހުން ބުނީ ކޮތަޅުގައި އޮތީ ބަނޑަށް ނުވަ މަހުގައި ވިހާފައިވާ ކުއްޖެއް ކަމަށާއި ކޮތަޅުގައި ކުއްޖާ އޮތީ މަހާއި ފޫޅު ދަނޑިއާ ވެސް އެކުގައި ކަމަށެވެ. މިވަގުތު ތުއްތު ކުއްޖާ ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ފުލުހުން ބުނެފައި ވަނީ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށާއި އަދި ތަފުސީލެއް ނެތް ކަމަށެވެ.

ކޮތަޅެއްގެ ތެރޭގައި އޮތް މި ކުއްޖާ ފެނިފައި ވަނީ މީގެ ދުވަސްކޮޅެއް ކުރިން މާލޭގެ ޓްރެކް ސަރަހައްދުގެ މޫދުން މަރުވެފައިވާ ކުޑަކުއްޖަކު ފެނި، އަދި މީގެ އެއްދުވަސް ކުރިން ވިލިމާލޭ ވަލުތެރެއިން ވެސް ކޯސްޓް ދަޅަކަށްލާފައިވާ ހަމަހުގެ ކުއްޖަކު ފެނި، އެ މައްސަލަތައް ތަހުގީގު ކުރަމުން އަންނަނިކޮށެވެ.

ފުލުހުން އެ ސަރަހައްދު ބަންދުކޮށްފައިވާއިރު ފުދޭވަރަކަށް ގިނަ ބަޔަކު އެސަރަހައްދުގައި އެބައުޅެ އެވެ.