08 Jul 2016, 21:18
އިންޑިއާގެ ކެރެލާ ސްޓޭޓުގައި ބްރޭންޑެޑް ރެސްޓޯރަންޓްތަކުން ވިއްކާ ލުއި ކާނާއިން "ފެޓް ޓެކްސް"ގެ ނަމުގައި 14.5 ޕަސަންޓުގެ ޓެކްސްއެއް ނެގުމަށް ކެރެލާގެ ސަރުކާރުން ހުށަހަޅައިފި އެވެ.
މި އަހަރުން ފެށިގެން އަންނަ އަހަރާ ހަމައަށް ކެރެލާ ސަރުކާރުގެ ބަޖެޓަށް އިސްލާހު ގެނެސް، އިސްލާހު ކޮށްފައިވާ ބަޖެޓު ކެރެލާގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ އިރު، ބަޖެޓު ހުށަހަޅުއްވަމުން ކެރެލާގެ ފިނޭންސް މިނިސްޓަރު ޑރ ޓީއެމް ތޯމަސް އިސާކް ވިދާޅުވީ ކެރެލާ ސަރުކާރުން ބޭނުންވަނީ އާމްދަނީ އިތުރުކޮށް، ތަރައްގީގެ މަޝްރޫއުތައް ގިނަ ކުރަން ކަމަށެވެ.
ކެރެލާގެ ފިނޭންސް މިނިސްޓަރު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް 120 ބިލިއަން ރުޕީސް ނުވަތަ 1.8 ބިލިޔަން ޑޮލަރު ބޭނުންވާ ކަމަށާއި އެ ފައިސާ ހޯދަން ނިންމާފައި ވަނީ ބޮންޑު ދޫކޮށްގެންނާއި ބޭންކުތަކުން ލޯނު ނެގުމުގެ އިތުރުން، ޓެކްސް ބޮޑުކޮށްގެން ކަމަށެވެ.
ބަޖެޓުގައި ހިމަނާފައިވާ ޓެކްސްތަކުގެ ޒަރިއްޔާއިން 8.05 ބިލިޔަން ރުޕީސް ނުވަތަ 120 މިލިޔަން ޑޮލަރު ހޯދުމަށް ނިންމާފައި ވެ އެވެ. ނެގުމަށް ހަމަޖެހިފައިވާ ޓެކްސްތަކުގެ ތެރޭގައި، ބަންދުކޮށްފައި ހުންނަ ގޮވާމާއި ބާސްމަތީ ހަނޑުލާއި ކާށި ތެޔޮ ފަދަ ބާވަތްތަކުން ފަސް ޕަސަންޓު ޓެކްސް އަދި ފޮތީގެ ބާވަތްތަކުން ދެ ޕަސަންޓުގެ ޓެކްސްއެއް ހިމެނެ އެވެ.
މީގެ އިތުރުން ބްރޭންޑެޑް ރެސްޓޯރަންޓްތަކުން ވިއްކާ ލުއި ކާނާތަކުން "ފެޓް ޓެކްސް"ގެ ނަމުގައި ޓެކްސްއެއް ނެގުމަށް ނިންމާފައި ވެ އެވެ. އެގޮތުން، ބާގަރ، ޕިއްޒާ، ޑޯނަޓު، ސޭންޑުވިޗު އަދި ޕާސްޓާ ފަދަ ތަކެތިން 14.5 ޕަސަންޓުގެ "ފެޓް ޓެކްސް" ނެގުމަށް ނިންމާފައި ވެ އެވެ. އަދި ޑިސްޕޯސަބަލް ތަށި ފަދަ ތަކެތިން 20 ޕަސަންޓު ޓެކްސްއެއް ވެސް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.
ފިނޭންސް މިނިސްޓަރު ވަނީ އެކިއެކި ޚިދުމަތްތަކަށް ރެޖިސްޓްރޭޝަން ފީތަކެއް އިތުރުކޮށް، އެ ފީތައް ބޮޑު ކުރުމަށް ވެސް ނިންމާފަ އެވެ.
ތަޢާރަފު ކުރުމަށް ނިންމާފައިވާ އިތުރު ޓެކްސްތަކުގެ ތެރޭގައި، 15 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާ، ހަތަރު ފުރޮޅުލީ އުޅަނދުތަކުން ނެގޭ ގްރީން ޓެކްސްއެއް ވެސް ހިމެނެ އެވެ.