އާދީއްތަ ދުވަހުގެ ރޭ، ފްރާންސާއި ޕޯޗްގަލް ވާދަކުރާ ޔޫރޯ 2016ގެ ފައިނަލް މެޗުގެ ރެފްރީއަކަށް މާކް ކްލަޓެންބަރގް ހަމަޖައްސައި ޔުއެފާ ރެފްރީޒް ކޮމިޓީން އެކަން އިއުލާނުކޮށްފިއެވެ.

ޔުއެފާގެ މި ނިންމުމާއެކު، އެންމެ ފަހުން ކުޅުނު ޔުއެފާ ޗެމްޕިއަންސް ލީގު ފައިނަލް މެޗުގެ ރެފްރީކަން ވެސް ކުރި، އުމުރުން 41 އަހަރުގެ ކްލަޓެންބަރގް ވެގެންދާނީ، އެއް ސީޒަނެއްގައި ޔޫރަޕްގެ ބޮޑު ދެ މުބާރާތެއްގެ ފައިނަލް މެޗުގެ ރެފްރީކަން ކުރާ ދެވަނަ ރެފްރީއަށެވެ. މީގެ ކުރީން އެ ޝަރަފް ލިބިފައި ވަނީ 2012 ވަނަ އަހަރު އެ ދެމުބާރާތުގެ ފައިނަލް މެޗުގެ ރެފްރީކަން ކުރި ޕޯޗްގަލްއަށް ނިސްބަތްވާ ކުރީގެ ރެފްރީ ޕެޑްރޯ ޕްރޮއެންކާއަށެވެ.

ކުރިން އިލެކްޓިރިޝަނެއްގެ ގޮތުގައި މަސައްކަތްކުރި ކްލަޓެންބަރގް ވަނީ، މިދިޔަ މޭމަހު އޮތް އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލްމެޗުގައި ވެސް ދަނޑު މެދުގައި ހަރަކާތްތެރިވެފައެވެ.

އިންޓަނޭޝަނަލް ރެފްރީއެއްގެ ގޮތުން 2007 ވަނަ އަހަރުން ފެށިގެން ކްލަޓެންބަރގުގެ ސީވީގައި މިހާރު، 2012 ވަނަ އަހަރުގެ އޮލިމްޕިކްސް ފައިނަލާއި، 2014 ވަނަ އަހަރުގެ ޔުއެފާ ސުޕަރކަޕް ފައިނަލްވެސް ހިމެނެއެވެ.

ޔޫރޯގެ އެންމެ ފުރަތަމަ ދެމުބާރާތުގެ ފައިނަލް މެޗުގެ ރެފްރީކަން ކުރި، އަރތުރު އެލިސް (1960) އާއި އަރތުރު ހޮލަންޑް (1964)ގެ ފަހުން ޔޫރޯ ފައިނަލްމެޗެއްގައި ރެފްރީކަންކުރާ ފުރަތަމަ އިނގިރޭސި ރެފްރީ އަކީ ވެސް މާކް ކްލަޓެންބަރގެވެ.

މިއީ ޔޫރޯ 2016ގައި ކްލަޓެންބަރގް ރެފްރީކަންކުރާ ހަތަރުވަނަ މެޗެވެ. އޭނާ ވަނީ ބެލްޖިއަމާއި އިޓަލީ ބައްދަލުކުރި މެޗާއި، ޗެކްރިޕަބްލިކާއި ކްރޮއޭޝިއާ އަދި ސްވިޓްޒަލޭންޑާއި ޕޮލެންޑް ބައްދަލު ކުރި މެޗުގެ ރެފްރީކަން ކޮށްފައެވެ. އަދި މީގެ އިތުރުން މިފަހަރުގެ މުބާރާތުގައި އައިސްލެންޑާއި އޮސްޓްރިއާ ކުޅުނު މެޗުގެ ފޯތު އޮފިޝަލަކަށް ވެސް ހުރީ މާކް ކްލަޓެންބަރގެވެ.

ފައިނަލް މެޗުގެ އޮފިޝަލުން

  • ރެފްރީ:މާކް ކްލަޓެންބަރގް (އިންގްލެންޑް)
  • އެސިސްޓެންޓްސް: ސިމޯން ބެކް (އިންގްލެންޑް)، ޖޭކް ކޮލިން (އިންގްލެންޑް)
  • ފޯތު އޮފިޝަލް: ވިކްޓަރ ކަސާއި (ހަންގޭރީ)
  • އެޑިޝަނަލް އެސިސްޓެންޓްސް: އެންތަނީ ޓޭލަރ (އިންގްލެންޑް)، އެންޑްރެއި މެރެއިނާ (އިންގްލެންޑް).
  • ރިޒާވް އެސިސްޓެންޓް ރެފްރީ:ޖިއޯޖީ ރިންގ (ހަންގޭރީ)