08 Jul 2016, 17:05
މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް ކަމާ އަލަށް ހަވާލުވި ހޯޒޭ މޮރީނިއޯ، އޭނާއާއެކު އެޓީމުގެ ކޯޗިން ސްޓާފުންގެ ގޮތުގައި ހަރަކާތެރިވާނެ ޓީމު އެކުލަވާލައިފިއެވެ.
ޔުނައިޓެޑްގެ ލެޖެންޑް ރަޔާން ގިގްސް މީގެ ކުރިން ފުރަމުން ދިޔަ އެސިސްޓެންޑް މެނޭޖަރުގެ މަގާމަށް މޮރީނިއޯ ހަމަޖައްސާފައި ވަނީ، އޭނާގެ ފުޓްބޯޅަ ކެރިއަރުގައި އަބަދުވެސް އެންމެ ގާތް ގުޅުމެއް ބާއްވާ، ޕޯޗްގަލްގެ ކޯޗެއް ކަމަށްވާ ރުއީ ފާރިއާއެވެ. ރުއީ ފާރިއާ ވަނީ މޮރީނިއޯއާ އެކު ބާސެލޯނާ، ޗެލްސީ، އިންޓަމިލާން އަދި ރެއާލް މެޑްރިޑްގައި ވެސް މަސައްކަތްކޮށްފައެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ އާ ކޯޗް ހޯޒޭ މޮރީނިއޯ (ވ) އާއި އޭނާގެ ކޯޗިން ސްޓާފުން: ކަނާތުން ވާތަށް: ރިކާޑޯ ފޯމޮސީނިއޯ، ސިލްވިނޯ ލޫރޯ، ރުއީ ފާރިއާ، --
ޔުނައިޓެޑްގެ ގޯލްކީޕަރސް ކޯޗުންގެ ގޮތުގައި ހަމަޖައްސާފައި ވަނީ، މޮރީނިއޯއާ އެކު ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ސިލްވިނޯ ލޫރޯއާއި، އެމީލިއޯ އަލްވާރޭޒްއެވެ.
މީގެ އިތުރުން، ކްލަބުގެ ފިޓްނަސް އެސިސްޓެންޓެއްގެ ގޮތުގައި ހަމަޖއްސާފައިވަނީ ކޯޗް ކާލޯސް ލަލިންއެވެ. މޮރީނިއޯއަށް މެޗުތަކުގެ ވިޜުއަލް ރިޕޯޓްސް ތައްޔާރުކޮށްދޭނީ ޖިއޮވާނީ ސެރާއެވެ. އަދި ޔުނައިޓެޑްގެ އޮޕޮޒިޝަން ސްކައުޓެއްގެ ގޮތުގައި މިފަހަރު ހަރަކާތްތެރިވާނީ ކުރީން ޕޯޓޯ އަދި ރެއާލްގައި ވެސް މޮރީނިއޯއާއެކު މަސައްކަތްކޮށްފައިވާ ރިކާޑޯ ފޯމޯސީނިއޯއެވެ.
މެންޗެސްޓަރ ޔުނައިޓެޑްގެ އާ ކޯޗް ހޯޒޭ މޮރީނިއޯގެ ކޯޗިން ސްޓާފުން: ކަނާތުން ވާތަށް: ޖިއޮވާނީ ޝެރާ، އެމިލިއޯ އަލްވަރޭޒް، ކާލޯސް ލަލިން --
އެލެކްސް ފާގަސަންގެ ކާމިޔާބު ދުވަސްތަކަށް ފަހު، ޑޭވިޑް މޮއެސް އަދި ލުއިސް ވެން ހާލް އާއެކު ނާކާމިޔާބު ތިން ސީޒަން ހޭދަކުރި ޔުނައިޓެޑް އަލުން ލީގު ހޯދަން މިފަހަރު މޮރީނިއޯ އާއެކު ނުކުންނައިރު، ކުރިން އެކްލަބްގެ ބެކްރޫމް ސްޓާފުންގެ ތެރޭގައި ހިމެނޭ އެކަކުވެސް މިހާރު ނުހިމެނޭކަމަށް ވެއެވެ. އެގޮތުން އެ ކްލަބްގައި 29 އަހަރު ހޭދަކުރި ގިގްސް އެސިސްޓެންޓް މެނޭޖަރުކަމުން އިސްތިއުފާ ދިނީ، މޮރީނިއޯ އޭނާއަށް ފުރުސަތު ނުދޭނޭކަމުގެ އަޑުތަކެއް ފެތުރުމުން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އެހެންނަމަވެސް މޮރީނިއޯ ބުނީ، ގިގްސް އެ ކްލަބުން ވަކިވީ އޭނާ އަމިއްލައަށް ބޭނުންވެގެން ކަމަށެވެ. އަދި ގިގްސް ބޭނުންވަނީ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ބަދަލުގައި ހެޑްކޯޗެއްގެ ދައުރު އަދާކުރުން ކަމަށާއި އެހެންކަމުން ގިގްސްގެ އެ ނިންމުމަށް މަރުހަބާ ކިޔާ ކަމަށްވެސް މޮރީނިއޯ ބުންޏެވެ. މީގެ އިތުރުން މޮރީނިއޯ އެ ކްލަބުގައި ހުއްޓައި ގިގްސް އަލުން އެ ކްލަބާ ގުޅެން ބޭނުންވެއްޖެ ނަމަވެސް އެކަމަށް އޭނާ މަރުހަބާ ކިޔާނޭ ކަމަށް އޭނާ ބުންޏެވެ.