08 Jul 2016, 17:25
މޮސްކޯ (ޖުލައި 8) : ރަޝިޔާގެ ނުރައްކާ ނޭޓޯއަށް އޮތްކަމަށްބުނެ ނޭޓޯގެ އިސްވެރިން ދައްކަވާ ވާހަކަތަކަކީ އަސާސެއްނެތް ވާހަކަ ތަކެއްކަމަށް ރަޝިޔާއިން ބުނެފިއެވެ.
ރަޝިޔާގެ ރިޔާސީ މަރުކަޒު ކަމަށްވާ ކްރެމްލިންއިން ބުނީ ނޭޓޯގެ އަސްކަރީ އިންތައް ރަޝިޔާގެ ސަރަހައްދީ ރޮނގާ ހަމައަށް ފުޅާކޮށްފައި ރަޝިޔާގެ ނުރައްކާ ނޭޓޯއަށް އޮތް ވާހަކަ ދެއްކުމަކީ ޖޯކެއް ކަމުގައެވެ. ކްރެމްލިންގެ ތަރްޖަމާން ޑިމިޓްރީ ބިސްކޯފް ވިދާޅުވީ ވޯސޯގައި މިއަދު ފެށޭ ނޭޓޯގެ އިސްވެރިންގެ ސަމިޓްގައި ޖަޒުބާތުތަކަށްވުރެ ބުއްދިއާއި ހެޔޮވިސްނުމަށް އިސްކަންދޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައެވެ.
ވޯސޯގައި މިއަދު ފެށޭ ނޭޓޯގެ އިސްވެރިންގެ ސަމިޓްގެ އެޖެންޑާގައި މައިގަނޑު ކަމަކަށް އޮތީ ޔުކްރޭންގެ މައްސަލައެވެ. ރަޝިޔާގެ ބަނޑުދަށުގައިއޮތް ޔުކްރޭންގެ އިދިކޮޅު ފަރާތްތަކަށް ރަޝިޔާއިން ދޭ އަސްކަރީ އެހީތެރިކަމާއެކު ޔުކްރޭންގައި ހިނގަމުންދާ ހަނގުރާމައާއި އެކަމުގެ ނުރައްކާ ޔޫރަޕްގެ އެހެންގައުމުތަކަށްވެސް ފޯރާނެ ކަމަށް ނޭޓޯއިން ދެކޭ މައްސަލައެވެ.

ނޭޓޯގެ ސަމިޓް ކުރިޔަށްދާ އިމާރާތް
ނޭޓޯއާއި ރަޝިޔާއާ ދެމެދު މައްސަލަ ޖެހިފައިވަނީ ނޭޓޯގެ އަސްކަރީ އިންތައް ރަޝިޔާގެ ސަރަހައްދީ ރޮނގާ ހަމައަށް ފުޅާކުރުމާއި ރަޝިޔާގެ އަވަށްޓެރި އިރުމަތީ ޔޫރަޕްގެ ގައުމުތަކުގައި ނޭޓޯއިން އަސްކަރީ ބާރުވަރުގަދަ ކުރަމުންގެންދާތީއެވެ. މީގެއިތުރުން ޔުކްރޭންގެ ބައެއްގެ ގޮތުގައި އޮތް ކްރައިމިޔާ ސަރަހައްދު ރަޝިޔާގެ ބައެއްގެ ގޮތުގައި ހެދުމަށް ރަޝިޔާ ނިންމި ނިންމުމާއި ޔުކްރޭންގައި އޮތް ރަޝިޔާއަށް ތާއީދުކުރާ ސަރުކާރު ވައްޓާލުމަށް ގެނައި މަދަނީ އިންގިލާބަށް ނެޓޯގެ ގައުމުތަކުން ތާއީދު ކުރުމަކީވެސް ނޭޓޯއާއި ރަޝިޔާއާ ދެމެދު މައްސަލަތައް ބޮޑުވެގެން ދިޔަ ކަމެކެވެ.
މިމައްސަލަތަކާ ގުޅިގެން ނޭޓޯގެ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާއިރު ރަޝިޔާވެސްވަނީ އެމެރިކާވެސް ހިމެނޭގޮތަށް ނޭޓޯގެ ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. މިފިޔަވަޅުތަކުގެ ސަބަބުން ދެފަރާތަށްވެސް ގެއްލުންތައް ލިބެމުންދެއެވެ.

ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންް
ރަޝިޔާއަކީ އެގައުމު އެކަނިވެސް މުޅި ނޭޓޯއާ ކުރިމަތި ލެވޭފަދަ އަސްކަރީ ބޮޑު ބާރެކެވެ. ނޭޓޯގެ މެންބަރު ގައުމުތަކުގެ ގޮތުގައި އެމެރިކާއާއި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތް އޮތްނަމަވެސް ރަޝިޔާއާ އަސްކަރީ ގޮތުން ކުރިމަތިލައިގެން ނޭޓޯއަށް ކާމިޔާބު ނުލިބޭނެކަމަށް އެންމެ ފުރަތަމަ ނޭޓޯގެ އަސްކަރީ ތަޖްރިބާކާރުން އެއްބަސްވެ ވަޑައިގަންނަވައެވެ. ސަބަބަކީ ޚުދު އެމެރިކާއަށްވުރެވެސް ގިނައިން ރަޝިޔާގައި ނިއުކްލިޔަރ ހަތިޔާރު ހުރުމެވެ.
މިއާއެކުވެސް ނޭޓޯގެ އަސްކަރީ އިންތައް ރަޝިޔާގެ ސަރަހައްދީ ރޮނގާ ހަމައަށް ފުޅާކޮށް ރަޝިޔާގެ އަވަށްޓެރި އިރުމަތީ ޔޫރަޕްގެ ގައުމުތަކުގައި ނޭޓޯއިން އަސްކަރީ ބާރުވަރުގަދަކުރަނީ ރަޝިޔާއަށް ފިއްތުންތައް ކުރިމަތި ކުރުމުގެ ބޭނުމުގައެވެ. މިކަމުގެ ރައްދުގައި ރަޝިޔާއިންވަނީ ނޭޓޯގެ ގައުމުތަކަށް އަމާޒުކޮށް ރަޝިޔާގެ ހުޅަނގުގެ ސަރަހައްދުތަކުގައި ނިއުކްލިޔަރ މިސައިލްތައް ރުކުރުވާލާނެ ކަމުގެ އިންޒާރު ދީފައެވެ. (ނޫސްއެޖެންސީތައް)