ކޮމިކް ފޮތް އުފައްދާ މާވެލްގެ ކުރިއަށް އޮތް އަޔަން މޭން ސީރީސްގެ އެޕިސޯޑްތަކުގައި މާވެލްގެ އެންމެ މަޝްހޫރު އެއް ފިކްޝަނަލް ސުޕަހީރޯ، އަޔަން މޭންގެ ރޯލުން ފެނިގެން ދާނީ 15 އަހަރުގެ ކުޑަ ކަޅު ނަސްލުގެ އަންހެން ކުއްޖެއް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މާވެލް އިން ބުނީ، އެ ކުންފުނިން އެންމެ ފަހުން ނެރުނު ކޮމިކް ފޮތް، "ސިވިލް ވޯ 2"ގައި އަޔަން މޭންގެ ރޯލުން ޓޯނީ ސްޓާކްގެ ރިޓަޔާ ވުމުން، އޭނާގެ ބަދަލުގައި އެ ރޯލު ކުޅޭނީ ރީރީ ވިލިއަމްސް ކިޔާ އަންހެން ކުއްޖެކެވެ.

ޗިކާގޯ އަށް އުފަން އެ ކެރެކްޓާއަކީ މޭސާޗޫސެޓްސްގައި އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އިން އެންމެ 15 އަހަރުގައި ދަސްވެނިވި، ޓޯނީ ކަހަލަ ސައިންސްއަށް ލޯބިކުރާ އެކަމުގެ މާހިރެކެވެ.

އަޔަން މޭން އުފެއްދި އަދި ކޮމިކްގެ ލިޔުންތެރިޔާ ބްރިއަން މިޝޭލް ބެންޑިސް ބުނީ، ރީރީ ވިލިއަމްސްގެ ހިޔާލު އޭނާ އަށް އައީ ޗިކާގޯގައި ހިނގި ހަމަނުޖެހުންތަކާ މާރާމާރީތަކުގެ ތެރޭގައި ވެސް ކޮލެޖަށް ދިޔަ އަންހެނެއް ވާހަކަ އަޑުއިވުމުންނެވެ.

އޭނާ ބުނާ ގޮތުން، އަޔަން މޭންގެ ގޮތުގައި ރީރީ ވިލިއަމްސް އެންމެ ފުރަތަމަ ފެނިގެންދާނީ އޮކްޓޯބަރު މަހު ނުކުންނަ "އިންވިންސިބަލް އަޔަން މޭން" ސީރީޒްގެ ބަޔަކުންނެވެ.

ހަތިޔާރު އުފައްދާ ބިލިއަނަރެއްގެ މައްޗަށް އުފައްދައި 1963 ވަނަ އަހަރު ވުޖޫދަށް އައި އަޔަން މޭން އަކަށް އަންހެނަކު މާވެލް އިން ހަމަޖައްސާފައިވާ އިރު، އެ ކުންފުނީގެ ސުޕަހީރޯތަކަށް ގެންނަން ފަށާފައިވާ ބަދަލުތަކުގެ ތެރެއިން އަންހެން ތޯ ކެރަކްޓާ އަކާއި ކަމާލާ ޚާންގެ ނަން ދީފައިވާ މުސްލިމް އެމެރިކަން ކެޕްޓަން މާވެލް ކެރެކްޓާއެއް އެ ކުންފުނިން ވަނީ ވުޖޫދަށް ގެނެސްފަ އެވެ.