އިނގިރޭސި ވިލާތުން ވިލާތުގެ އިއްތިހާދު (އީޔޫ)އިން ވަކިވުމަށް ނިންމުމުން ސްރީލަންކާއަށް އެކަމުގެ ނޭދެވޭ އަސަރެއް ނުކުރާ ކަމަށާއި، ސްރީލަންކާގެ ބޭރު ފައިސާގެ ރިޒާވް އެކަމުން އުފުލިގެން ގޮސްފި ކަމަށް ސްރީލަންކާގެ ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ލަންކާގެ ފިނޭންސް މިނިސްޓަރު ރަވީ ކަރުނާނަޔަކަ އިއްޔެ ވިދާޅުވީ ޔޫރަޕިއަން ޔޫނިއަނުން ޔޫކޭ ވަކިވުމަކީ ލަންކާގެ އިގްތިސާދަށް އޮތް ބިރެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ މޭ މަސް ނިމުނު އިރު ލަންކާގެ ފޮރިން ކަރަންސީ ރިޒާވް ހުރީ 5.64 ބިލިޔަނުގައި ކަމަށާއި، ނަމަވެސް އިނގިރޭސި ވިލާތް އީޔޫއިން ވަކިވި ވޯޓަށް ފަހު ރިޒާވަށް 250 މިލިޔަން ޑޮލަރު އިތުރަށް ލިބިފައިވާ ކަމަށެވެ. އަދި މިހާރު ފޮރިން ކަރަންސީ ރިޒާވްގައި ހަ ބިލިޔަން ޑޮލަރު އެބަހުރި ކަމަށާއި އެއީ ކުރިޔަށް އޮތް ހަތަރު މަހުގެ އިމްޕޯޓުތަކަށް ދެއްކޭނެ ވަރުގެ ފައިސާ ކަމަށް މިނިސްޓަރު ރަވީ ވިދާޅުވި އެވެ.

ލަންކާގެ ފިނޭންސް މިނިސްޓަރު ރަވީ ކަރުނާނަޔަކަ ވިދާޅުވީ ލަންކާގެ ކުރީގެ ސަރުކާރުން ގިނަ އަދަދެއްގެ ލޯނުތަކެއް ނަގާފައިވާ ކަމަށާއި މިހާރުގެ ސަރުކާރު ވެރިކަމަށް އައި އިރު ލިބުނީ އަޅުވެތިވެފައިވާ އިގްތިސާދެއް ކަމަށެވެ. އަދި ގައުމަށް މިހާރު ލިބެމުންދާ އާމްދަނީއަކީ ދަރަނިތައް އަނބުރާ ދެއްކުމަށް އެކަށީގެންވާ އަދަދެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ރަވީ ވިދާޅުވީ ދަރަނީގެ އުނދަގީ ކުޑަ ކުރުމަށްޓަކައި ކުރު މުއްދަތުގެ ތެރޭގައި ބޮޑެތި އިންޓެރެސްޓާ އެކު ދައްކަންޖެހޭ ލޯނުތައް ދިގު މުއްދަތުން، ކުޑަ އިންޓްރެސްޓް ރޭޓެއްގައި ދެއްކޭނެ ގޮތް ހަދަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ ގޮތުން ސްރީލަންކާއަށް ޑޮލަރު ވެއްދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ އިރު، މުސްތަގުބަލުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ޖަޕާނު، ޗައިނާ އަދި އިންޑިއާ ފަދަ ގައުމުތަކުން ފައިސާގެ ބޮޑެތި އެހީތައް ވެސް ލިބިފައި ވެ އެވެ.