21 May 2011, 21:58
ބ. ކެންދޫ ރަށު ކައުންސިލަށް ހޮވިވަޑައިގެންނެވި އަމިއްލަ ދެ މެންބަރުން އެމްޑީޕީއަށް ސޮއިކުރައްވުމާ ގުޅިގެން ކެންދޫ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއިން ނަގައިފި އެވެ.
އެމްޑީޕީން މިއަދު ބުނީ ކެންދޫ ކައުންސިލަށް އަމިއްލަ ގޮތުގައި ވާދަކުރައްވައި އެ ކައުންސިލުގެ ދެ ގޮނޑި ކާމިޔާބު ކުރެއްވި އެ ރަށު ޖަންބުމާގޭ އަބްދުލް މުހްސިން އަބޫބަކުރާއި ނިވައިދޮށުގޭ ހަސަން މުރާދު ރޭ އެމްޑީޕީއަށް ސޮއިކުރެއްވުމާއެކު އެރަށު ކައުންސިލްގެ މެޖޯރިޓީ އެ ޕާޓީއަށް ލިބިފައިވާ ކަމަށެވެ.
ކައުންސިލަށް ހޮވިވަޑައިގެންނެވި އަމިއްލަ ދެ ކައުންސިލަރަކު އެމްޑީޕީއަށް ސޮއިކުރެއްވުމުން ފަސް ކައުންސިލަރުންގެ މައްޗަށް އެކުލެވޭ ކެންދޫ ކައުންސިލްގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވައި ގޮނޑި ކާމިޔާބުކޮށްފައިވާ ދެ މެންބަރުންނާއެކު، އެމްޑީޕީގެ ކައުންސިލަރުން އަދަދު ހަތަރަކަށް އެރީ އެވެ. ބާކީ ގޮނޑި ފުރުއްވަނީ ޑީއާރްޕީގެ ބޭފުޅެކެވެ.
އިދިކޮޅު ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ރައްޔިތުންގެ މަޖިލީހުގައި ތަމްސީލު ކުރައްވާ ކެންދޫ ދާއިރާގެ، ކެންދޫ ރަށު ކައުންސިލް އަޣުލަބިއްޔަތު އެމްޑީޕީން ނެގި އިރު، ގއ. ކޮނޑޭގެ ރަށު ކައުންސިލަށް ހޮވުނު ތިން މެންބަރަކު އެމްޑީޕީއަށް ސޮއިކުރައްވައި އެ ރަށު ކައުންސިލްގެ މެޖޯރިޓީ ވެސް އެމްޑީޕީން ވަނީ ހޯދާފަ އެވެ.
އދ. އޮމަދޫ ކައުންސިލަށް ހޮވުނު އަމިއްލަ ދެ މެންބަރަކު އެމްޑީޕީއަށް ސޮއިކުރެއްވެވި އިރު ތ. ބުރުނީ ކައުންސިލްގެ އަމިއްލަ ދެ މެންބަރަކު ވެސް ވަނީ އެމްޑީޕީއަށް ސޮއިކުރައްވާފަ އެވެ. މީގެ އިތުރުން ފ. މަގޫދޫ ކައުންސިލްގެ އަމިއްލަ މެންބަރަކު ވެސް ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.