ޗައިނާގެ މިލިޓަރީ ބޭނުންތަކަށް އުފެއްދި މާސިންގާ މަތިންދާ ބޯޓު، އެގައުމުގެ އަސްކަރިއްޔާ އަސްކަރިއްޔާ ނުވަތަ ޕީޕަލްސް ލިބަރޭޝަން އާމީގައި ބޭނުންކުރަން ފަށައިފި އެވެ.

ޝިއާން ވައި-20 މަރުކާގެ މި ބޯޓަކީ މޫސުން ވަރަށް ގޯސް ހާލަތްތަކުގައި ވެސް ދިގު ދަތުރުތައް ކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ބޯޓެކެވެ. އަދި 200 ޓަނަށް ވުރެ ބަރުކޮށް ތަކެއްޗާއި މީހުން އުފުލުމުގެ ގާބިލިއްޔަތު މި ބޯޓުގައި ހުރެ އެވެ. މި ބޯޓު ހުސްކޮށް އޮންނަ އިރު ވެސް އޭގެ ބަރުދަނުގައި 110 ޓަނު ހުންނާނެ އެވެ. ޝިއާން ވައި-20 އަކީ ދުނިޔޭގައި މިހާރު އޮތް އެންމެ ބޮޑު މިލިޓަރީ އެއާކްރާފްޓެވެ.

މީގެ ކުރިން އެންމެ ބޮޑު އެއާކްރާފްޓަކީ ބޮއިންގއިން އުފައްދާ ސީ17 ގްލޯބްމާސްޓާ ތިނެކެވެ. ނަމަވެސް އެ ބޯޓު އުފެއްދުން މިދިޔަ އަހަރު ވަނީ ހުއްޓާލާފަ އެވެ. މީގެ އިތުރުން ޝިއާން ވައި 20 އެއާކްރާފްޓަކީ ރަޝިއާގެ މިލިޓަރީ އެއާކްރާފްޓް އިލްޔޫޝިން އިލް76 އަށް ވުރެ ވެސް ބޮޑު އެއާކްރާފްޓެކެވެ.

ޝިއާން އެއާކްރާފްޓް އިންޑަސްޓްރިއަލް ކޯޕަރޭޝަނުން މި އެއާކްރާފްޓް އުފެއްދުމުގެ މަސައްކަތް ފެށީ 2006 ވަނަ އަހަރު އެވެ. އަދި 2013 ވަނަ އަހަރު މި އެއާކްރާފްޓްގެ ފުރަތަމަ ޓެސްޓު ފްލައިޓު އުދުއްސާލި އިރު، އަސްކަރީ ބޭނުންތަކަށް ފްލައިޓުގެ ބޭނުން ހިފުމަށް ފްލައިޓު ނެރުނީ ނިމިދިޔަ ބުދަ ދުވަހު އެވެ.

މިހާތަނަށް ޝިއާން ވައި-20 މަރުކާގެ އަށް އެއާކްރާފްޓު އުފައްދާފައި ވެ އެވެ.

ޕީޕަލްސް ލިބަރޭޝަން އާމީގެ އެއާފޯސްއިން ބުނާ ގޮތުގައި ޗައިނާގެ ގައުމީ ސަލާމަތް ރައްކާތެރި ކުރުމަށާއި ކާރިސާތަކުގައި ރައްޔިތުން ސަލާމަތް ކުރުމަށާއި އެހީ ފޯރުކޮށްދިނުން ފަދަ މިލިޓަރީ ބޭނުންތަކަށް އަސްކަރިއްޔާއިން ތިބީ ބޭނުން ޖެހިފަ އެވެ.

އަސްކަރިއްޔާގެ މާހިރުން ބުނާ ގޮތުގައި މި ފްލައިޓުގެ ރޭންޖުގައި 5،000 ކިލޯމީޓަރު ހުންނާނެ އެވެ. އަދި މިއީ ދެކުނު ޗައިނާ ކަނޑުގެ ޖަޒީރާތަކުގެ ތެރެއިން ޗައިނާއިން އާބާދު ކޮށްފައިވާ، އަދި ބިން ހިއްކައިގެން ތަރައްގީ ކުރަމުން އަންނަ ސަރަހައްދުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޗައިނާއަށް ކޮންމެހެން ވެސް ބޭނުން އެއާކްރާފްޓު ތަކެކެވެ.