08 Jul 2016, 15:51
ދަތުރުފަތުރުގެ ނިޒާމަށް ބުރޫއަރައި ހިނގާ މީހުންނަށާއި ދުއްވާ ތަކެއްޗަށް ދަތިތައް ކުރުމަތިވާނެތީ މަގުމަތީގައި ސިޔާސީ ހަރަކާތް ހިންގުމަކީ މަނާކަމެއް ކަމަށާއި އެ ފުރުސަތު އެމްޑީޕީއަށް ވެސް ނުދެވޭނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމްޑީޕީގެ އަހަރީ ދުވަހާ ގުޅިގެން މިމަހުގެ 11 ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމާފައިވާ ހިނގާލުމަށް ފުރުސަތު ނުދެވޭނެކަން އެމްޑީޕީ އަށް ވަނީ އަންގާފައި ކަމަށެވެ.
އެގޮތަށް ނިންމައި އެކަން އެމްޑީޕީއަށް އަންގާފައި ވަނީ އެޕާޓީއާ އެކު އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށްފަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.
މަގުމަތީގައި ސިޔާސީ ހަރަކާތްތައް ހިންގުން މަނާކޮށްފައި ވަނީ މާލޭގެ މަގުތަކަކީ ކާރުބާރު ބޮޑު މަގުތަކަކަށްވެފައި، ގިނަ ވަގުތުތަކަކަށް މަގުތައް ބަންދުކުރުމުން ހިނގާ ބިނގާވާ މީހުންނާއި ޒަރޫރީ ބޭނުންތަކަށް އެއްތަނުން އަނެއްތަނަށް ދަތުރުކުރާ މީހުންނާއި މަގުމަތީގައި ކުރެވޭ ދަތުރުތައް ހުއްޓި އެތައް ބައެއްގެ ހައްގުތައް އޭގެ ސަބަބުން ގެއްލިގެންދާތީ ކަމަށް ފުލުހުން ބުންޏެވެ.
"އެހެންވީމާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން އެދިފައިވާ ގޮތަށް 2016 ޖުލައި 11 ވަނަ ދުވަހުގެރޭ 21:00 ން 00:00 އަށް މާލޭގެ މަގުތަކުގައި ސިޔާސީ ޙަރަކާތްތައް ހިންގަން ފުރުޞަތު ނުދޭނެ ކަމަށާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ނިންމުމާ ޚިލާފަށް އެފަދަ ޙަރަކާތެއް ކުރިޔަށް ގެންދާނަމަ އެ ޙަރަކާތެއް ހުއްޓުވާނެކަންވެސް މިބައްދަލުވުމުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓިއަށް އަންގާފައެވެ،" ފުލުހުން މިއަދު ނެރުނު ބަޔާނުގައި ވެއެވެ.