08 Jul 2016, 16:06
ޑަލަސް (ޖުލައި 8) : ކަޅުނަސްލުގެ ދެމީހުން މަރާލި މައްސަލާގައި ރުޅިގަދަ ވެފައިވާ އެމެރިކާގެ އާންމުންގެ ބަޔަކު ބަޑިން ހަމަލާދީ އެމެރިކާ ފުލުހުންގެ ފަސް މީހުން މަރާލައިފި އެވެ.
އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވީ މިއީ ފަހުގެ ތާރީޚުގައި ބަދަލުހިފުމުގެ ރޫހެއްގައި ބަޔަކު ނުކުމެ އެމެރިކާގެ ފުލުހުންނަށް ބަޑިން ޙަމަލާދީ ފުލުހުންގެ މިހާގިނަ ބަޔަކު އެއްފަހަރާ މަރާލި ފުރަތަމަ ހާދިސާ ކަމުގައެވެ. އެމެރިކާ ގެ ފުލުހުންނަށް ބަޔަކު ބަޑިން ޙަމަލާދިނީ ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅަށް ޑަލަސްގައި ކުރި މުޒާހަރާއެއްގަ އެވެ. ހަމަލާދިން މީހުން ތިބީ ސްނައިޕަރުންގެ ގޮތުގައި ބައެއް އިމާރާތްތަކުގެ މަތީގައި ތިބެގެން ކަމަށްވެ އެވެ. މިހާދިސާއަށްފަހު ތިންމީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އިތުރު މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް އެމެރިކާގެ އަމަނާބެހޭ މަސްއޫލުވެރިން ވިދާޅުވެއެވެ.
ފާއިތުވެދިޔަ ދިހަވަރަކަށް ދުވަހުގެ ތެރޭގައި އެމެރިކާގެ ފުލުހުން ވަނީ އެއްވެސް ސަބަބެއްނެތި ދެމީހެއްގެ ގަޔަށް ބަޑިޖަހައި މަރާލާފައެވެ. އެމެރިކާގެ ސްޓޭޓެއް ކަމަށްވާ މެނިސޯޓާގެ ފުލުހުން އެއްވެސް ކަމަކާނުލައި މިދިޔަ ބުދަ ދުވަހު ކަޅު މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލާފައިވާއިރު އޭގެ ތަންކޮޅެއް ކުރިން އެމެރިކާގެ އެހެން ސްޓޭޓެއް ކަމަށްވާ ލޫޒިޔާނާގެ ފުލުހުން ވެސް ވަނީ ކަޅުމީހެއްގެ ގަޔަށް ތަކުރާރުކޮށް ބަޑި ޖަހައި އެ މީހާ މަރާލައިފަ އެވެ.

އެމެރިކާގެ ފުލުހުންނާ ދެކޮޅަށް އާންމުން މުޒާހަރާކޮށް އަޑުއުފުލަނީ
މި ދެ ޖަރީމާއާ ގުޅިގެން އެމެރިކާގެ ކަޅު ނަސްލުގެ ޒުވާނުންގެ މެދުގައި އެމެރިކާގެ ފުލުހުންނާ ދެކޮޅަށް ބަދަލުހިފުމުގެ ވަރުގަދަ ރޫހެއް ވަނީ އުފެދިފަ އެވެ. އެ ދެ ޖަރީމާއަށްފަހު އެމެރިކާގެ އެތަށް ސްޓޭޓެއްގައި އެތަށް ސަތޭކަ ބަޔަކު ގެންދަނީ ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅަށް މުޒާހަރާތަކާއި އިޙްތިޖާޖްތައް ވެސް ކުރަމުންނެވެ.
އެއާއެކު އެމެރިކާގެ ރައީސް ބަރަކް އޮބާމާވެސް ވަނީ އެމެރިކާގެ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ނޭޓޯގެ އިސްވެރިންގެ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ޓަކައި މިހާރު ޕޮލެންޑްގެ ވެރިރަށް ވޯސޯގައި ހުންނެވި އޮބާމާ ވިދާޅުވީ އެމެރިކާގެ ސްޓޭޓްތަކުގެ ފުލުހުންގެ މުއައްސަސާތަކާ އަދި ފެޑްރަލް ފުލުހުންގެ މުއައްސަސާވެސް އިސްލާޙު ކުރަންޖެހިފައިވާ ކަމުގައެވެ. އަދި ނަސްލީ އިމްތިޔާޒުގެ ކުލަވަރާއި އަނިޔާވެރިކަން އެމެރިކާގެ ފުލުހުންގެ ފަރާތުން ތަކުރާރުކޮށް ފެންނަމުންދާކަމަށާއި މިއީ އެމެރިކާގެ ފުލުހުންގެ މުއައްސަސާތައް އިސްލާހްކޮށް ހަމަމަގަށް އަޅުވަންޖެހޭކަން ހާމަވާކަމެއް ކަމަށްވެސް އޮބާމާ ވަނީ ވިދާޅުވެފައެވެ. (ރޮއިޓާސް)