ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލަކީ ޓުވިޓާގައި "ފިޔަޖަހާ" ބޭފުޅެކެވެ. ވަޒީރުކަމުން ވަކިކުރެއްވިތާ "މަސް ދުވަސް" ފަހުން އެމަނިކުފާނުގެ ޓުވީޓުތައް އިންތިހާއަށް ގިނަ އެވެ. ސިޔާސީ ވެށީގައި ކިތަންމެ ކުޑަ ކަމެއް ވިޔަސް އޭނާގެ ބަސް އިއްވާނެ އެވެ. ފިސާރި އަވަހަށް ރައްދު ވެސް ދެއްވައެވެ.

ރާއްޖޭގެ ތާރީހުގައި ވާން އުޅޭ ބޮޑު ކަމެއްގެ ވާހަކަ ފިސާރި ބާރަށް ޓުވިޓާގައި މިދުވަސްކޮޅު ދަނީ ދެކެވެމުންނެވެ. މަރުގެ އަދަބު ދޭން އުޅޭ ވާހަކަ އެވެ. އެ ބަހުސްގެ ތެރެއިން އިތުރު "ކުރިއެއް" ފަޅައިގެން ދިޔައީ މާލީހާއި ރައީސް ޔާމީންގެ ކެބިނެޓުގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައިދާ ދެމެދު ރައްދު ކުރި ވާހަކަތަކުންނެވެ.

ޓުވިޓާގައި އެ ދެ ބޭފުޅުންގެ ބަހުގެ ހަނގުރާމަ ފެށުނީ ތާރިގު ރަމަޟާނަށް ޝަހީމް ރައްދު ދެއްވި ހަބަރު މީޑިއާތަކުން ރިޕޯޓު ކުރި ހިސާބުންނެވެ. އެ ރިޕޯޓާއެކު މަލީހު އަވަސްވެގަތީ ޝަހީމް "ކަތިލެވޭތޯ" އެވެ. ފަޟީހަތް ކޮށްލެވޭތޯ އެވެ.

ޑރ. އަފްރާޝީމް އަލީގެ ގާތިލު ހ. ލޮބީ ހުސައިން ހުމާމް އަހްމަދުގެ މައްޗަށް މަރުގެ އަދަބު ދިނުމާ ދެކޮޅަށް އޮކްސްފޯޑް ޔުނިވާސިޓީގައި އިސްލާމް ދީނާ ބެހޭ ޢިލްމު ކިޔަވައިދޭ ތޯރިގު ރައީސް ޔާމީނަށް ފޮނުއްވި ސިޓީގައިވާ ވާހަކަތަކަށް ޝަހީމް ދެއްވި ރައްދުތަކަށް ފާޑުވިދާޅުވެ އިދިކޮޅު އިއްތިހާދާ ގުޅިވަޑައިގެން އުޅުއްވާ މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޝަހީމްގެ ރައުޔާ ދޭތެރޭގައި ބަހުސް ކުރާނެ ކަމެއް ނެތް ކަމަށެވެ.

ތޯރިގު ރަމަޟާން އަށް ދެއްވި ރައްދަކީ ވަޒީފާއަށް ބިރުން ނެރުއްވި އެއްޗެއް ކަމަށް ތުހުމަތު ކުރެވޭ ގޮތަކަށް އޭނާ ކުރެއްވި އެ ޓްވީޓުގައި ބުނީ، ޝަހީމް އަކީ ސަރުކާރު މުވައްޒަފެއް ކަމަށާއި "ފެންނަ ރަނގަޅު ގޮތަށް އެއްޗެއް ބުނީ ކަނޑާލީ" ކަމަށެވެ.

މަރުގެ ހުކުމާ ގުޅިގެން ޝަހީމް ދެއްވި ރައްދަށް ބަހުސް ކުރާނެ ކަމެއް ނެތް ކަމަށް މަލީހު ވިދާޅުވުމުން މަލީހަށް އިޝާރާތްކޮށް ޝަހީމް ޖަވާބު ދެއްވީ "މަލީހުގެ ދިރިއުޅުމުން ފިލާވަޅެއް" ނަގައިދެމުންނެވެ. ޝަހީމް އެކަން ކުރެއްވީ ވިސްނުންތެރިކަމާއެކުގަ އެވެ.

ޝަހީމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، މަލީހަކީ ކެބިނެޓްގައި އިންނެވިއިރު މަރުގެ އަދަބު ތަންފީޒު ކުރުމުގެ ގަވާއިދަށް ވޯޓް ދެއްވައި، އެކަމަށް ހިތްވަރުދީ ބާރު އެޅި މީހެއް ކަމަށެވެ.

ވަޒީފާއާ ބެހޭ ގޮތުން ޓްވީޓުގައި މަލީހް ވިދާޅުވި އެއްޗަކަށް ރައްދުދެއްވާ ޝަހީމް ވިދާޅުވީ، އޭނާ އަކީ ވަޒީފާއާމެދު ބިރު ގަންނަ ބޭފުޅެއް ނޫން ކަމަށެވެ.

"އަޅުނގަޑަކީ އިސްތިއުފާ ދިން މީހެއް. ތީ (މަލީހު) ކަނޑާލި ބޭފުޅެއް" ކަމަށް ވިދާޅުވެ ޝަހީމް ވަނީ އެކަމާމެދު މަލީހު ވިސްނައިވަޑައިގަތުމަށް އެދިވަޑައިގެންފަ އެވެ.

ރައްދުގައި ޝަހީމް އިތުރަށް ވިދާޅުވީ، އިސްލާމިކް ޔުނިވާސިޓީން ވަޒީފާ ގަބޫލުކުރެއްވީ ބޭރު ގައުމަކުން ވަޒީފާއެއް ހަމަޖެހިފައި އޮތްވާ ކަމަށާއި ދަހިވެތިކަމުގައި ނޫން ކަމަށެވެ. އަދި ވަޒީފާ ގަބޫލުކުރެއްވީ ރާއްޖޭގެ އިސްލާމީ އިލްމު ދަމަހައްޓަން ރައީސް ޔާމީން ދެއްވި ފުރުސަތަށް އިހުތިރާމްކޮށް ރާއްޖޭގައި އިސްލާމީ އިލްމުގެ ކިއްލާއެއް ގާއިމް ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަހީމް ޓެގް ކުރައްވާ މަލީހް އިއްޔެ ކުރެއްވި އިތުރު ޓްވީޓެއްގައި އޭނާ ވިދާޅުވީ، ޝެއިހް ޝަހީމް އެއްވެސް ކަމަކާ ރައުޔެއް ނެރޭނަމަ ނެރަން ޖެހޭނީ ކުޑައިރުގެ ރަހުމަތްތެރިޔާ އަދި ޓެރަރިޒަމްގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 12 އަހަރަށް ޖަލު ލާފައި ހުރި އަދާލަތު ޕާޓީގެ ރައީސް އައްޝައިހް އިމްރާން އަބްދުﷲ އަށް އަށް ކުރި ބޮޑު ހުކުމާ ގުޅޭ ގޮތުން ކަމަށެވެ.

ޝަހީމްގެ އިހުލާސްތެރިކަމަށް ސުވާލު އުފައްދައި މަލީހު ކުރެއްވި އެ ޓްވީޓާއަށް ޝަހީމް ދެއްވީ ފިނި ޖަވާބެކެވެ.

ޖަވާބުގައި ޝަހީމް ވަނީ، އިމްރާނާމެދު އޭނާގެ އިހުލާސްތެރިކަމާ ބެހޭ ގޮތުން އިމްރާނާ ސުވާލު ކުރައްވައި، ދެއްވާ ޖަވާބު ޓްވީޓް ކޮށްލެއްވުމަށް މަލީހުގެ އަރިހުން އެދިވަޑައިގެންފަ އެވެ.

ޝަހީމާ ދެމެދު ބަހުގެ ހަމަލާތައް ބަދަލު ކުރަން މެދުވެރިވީ މަލީހެވެ. އެ ހަމަލާތައް ހުއްޓާލީ ވެސް މަލީހެވެ. އެ ހަނގުރާމަ ހުއްޓާލީ މަލީހު ހަތިޔާރު ބެހެއްޓުމުންނެވެ.

މަލީހުގެ ފަހު ޖަވާބުގައި ޝާހީމަށް ވިދާޅުވީ، "ހެޔޮ ދުއާ އާ ސަލާމް. ބާއްޖަވެރި ރޭގަނޑަ،"ކަށް އެދޭ ކަމަށެވެ. އެ ދެބޭފުޅުން ފަޅާލި ވާހަކަތަކުން "ލައްކަ" ގިނަ ކުރި ފަޅައިގެން ދާނެ އެވެ.