ވޯސޯ (ޖުލައި 8) : އެމެރިކާގެ ރައީސް ބަރަކް އޮބާމާ، އެގައުމުގެ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ނޭޓޯގެ އިސްވެރިންގެ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ޓަކައި މިހާރު ޕޮލެންޑްގެ ވެރިރަށް ވޯސޯގައި ހުންނެވި އޮބާމާ ވިދާޅުވީ އެމެރިކާގެ ސްޓޭޓްތަކުގެ ފުލުހުންގެ މުއައްސަސާތަކާ އަދި ފެޑްރަލް ފުލުހުންގެ މުއައްސަސާ ވެސް އިސްލާޙު ކުރަންޖެހިފައިވާ ކަމަށެވެ. އެމެރިކާގެ މެނިސޯޓާގެ ފުލުހުން އެއްވެސް ކަމަކާނުލައި މިދިޔަ ބުދަ ދުވަހު ކަޅުމީހެއްގެ ގަޔަށް ބަޑިޖަހައި މަރާލި ޖަރީމާއާ ގުޅިގެން އެމެރިކާ ފުލުހުންގެ އަނިޔާވެރިކަން އަނެއްކާވެސްވަނީ ދުނިޔެއަށް ވަނީ ހާމަވެފަ އެވެ.

މެނިސޯޓާގެ ފުލުހުން ވަނީ އެއްވެސް ސަބަބެއް ނެތި އެމެރިކާގެ ކަޅުނަސްލުގެ މީހެއްގެ ގަޔަށް ޖެހިޖެހިގެން ހަތަރުފަހަރު ބަޑިޖަހައި މަރާލައިފަ އެވެ. އޭގެ ތަންކޮޅެއްކުރިން (މިދިޔަ މަހު) އެމެރިކާގެ އެހެން ސްޓޭޓެއްކަމަށްވާ ލޫޒިޔާނާގައި ވެސް ފުލުހުންގެ މީހަކުވަނީ ކަޅުމީހެއްގެ ގަޔަށް ތަކުރާރުކޮށް ބަޑިޖަހައި އެމީހާ މަރާލައިފަ އެވެ.

އެމެރިކާ ގެ ފުލުހުން މީހަކަށް އަނިޔާކުރަނީ

ވޯސޯގައި ދެއްވި ބަޔާނެއްގައި އޮބާމާ ވިދާޅުވީ ނަސްލީ އިމްތިޔާޒުގެ ކުލަވަރާއި އަނިޔާވެރިކަން (ބްރޫޓަލިޓީ) އެމެރިކާގެ ފުލުހުންގެ ފަރާތުން ތަކުރާރުކޮށް ފެންނަމުންދާކަމަށާއި މިއީ އެމެރިކާގެ ފުލުހުންގެ މުއައްސަސާތައް އިސްލާހްކޮށް ހަމަމަގަށް އަޅުވަންޖެހޭކަން ހާމަވާކަމެއް ކަމުގަ އެވެ.

އެމެރިކާގައި ކުރިޔަށްދާ މުޒާހަރާތަކާ ކުރމަތިލުމުގައި ވެސް އެމެރިކާގެ ފުލުހުންގެ އަނިޔާވެރިކަން ވަރަށް ބޮޑަށް ފެންނަމުން ދެ އެވެ. މިގޮތުން މުޒާހަރާތަކުގައި މީހުންގެ ގަޔަށް ގަސްދުގައި ބަޑިޖެހުމާއި ކަރުނަގޭހާއި ޕެޕަރ ސްޕްރޭފަދަ ވަސީލަތްތައް ބޭނުންކުރަން ނުޖެހޭ ހާލަތްތަކުގައި މުޒާހަރާތައް ކޮންޓްރޯލް ކުރުމުގެ ނަމުގައި އެފަދަ ވަސީލަތްތައް ބޭނުންކުރާ ކަމުގެ ތުހުމަތު އެމެރިކާގެ ފުލުހުންގެ މައްޗަށް ކުރެވިފައިވެ އެވެ. މިގޮތުން އެމެރިކާ ފުލުހުންގެ ޝިކާރައަކަށް ދޮން މީހުން ވެސް ވެފައިވެ އެވެ. އެމެރިކާއަކީ ނަސްލީ އިމްތިޔާޒުގެ ދިގު ތާރީޚެއް އޮތް ގައުމެކެވެ. އޮބާމާ ވިދާޅުވީ އެމެރިކާގެ ފުލުހުންގެ އިތުރުން އެނޫން މުއައްސަސާތަކުން ވެސް ހަރުކަށިކަމާއި ނަސްލީ އިމްތިޔާޒުގެ ކުލަވަރު ފެންނަމުންދާކަމަށާ މިއީ ހިތާމަ ހުރި ކަމެއްކަމުގަ އެވެ.

އެމެރިކާއަކީ އިންސާނީ ހައްގުތަކުގެ ނަމުގައި އެހެން ގައުމުތަކަށް ފާޑުކިޔާ ގައުމެއް ނަމަވެސް އިންސާނީ ހައްގުތަކުގައި އެހެން ގައުމުތަކަށް ނަމޫނާ ދެއްކުމުގައި އެމެރިކާ ވަނީ ނާކާމިޔާބު ވެފަ އެވެ. (އެޖެންސީ ފްރާންސް ޕްރެސް)