އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި، 50 ފޫޓު ވަޅެއްގެ ތެރެއަށް އެއްލާލާފައި އޮތް ތުއްތު ކުއްޖަކު ފެނިއްޖެ އެވެ.

އިންޑިއާގެ ފުލުހުންނާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުން ވަޅުގެ ތެރެއިން ފެނިފައި ވަނީ ފަސް ދުވަހުގެ ތުއްތު އަންހެން ކުއްޖެކެވެ. އަންހެން ކުއްޖާ ވަޅަށް އެއްލައިލީ ކާކުކަން އަދި ދެނެގަނެވިފައި ނުވި ނަމަވެސް ފުލުހުން މިހާރު އަންނަނީ އެ މަސައްކަތް ކުރަމުންނެވެ.

ފުން މިނުގައި 50 ފޫޓު ހުރި އެ ވަޅަކީ ފެން ނެތް ވަޅެކެވެ.

ހަބަރުތައް ބުނާ ގޮތުން، އިއްޔެގެ ހަވީރުގެ ވަގުތެއްގައި ވަޅުގެ ތެރެއިން ކުއްޖެއްގެ ރުއިމުގެ އަޑު ގިނަ ބަޔަކަށް ވަނީ އިވިފަ އެވެ. އަދި އެމީހުން ގޮސް ބެލި އިރު ވަޅު ތެރޭގައި ފޮތިގަނޑަކަށް ލައި އޮޅާލާފައި އޮތް ކުއްޖަކު އޮއްވައި ވަނީ ފެނިފަ އެވެ. މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ ވަޅު ކައިރިއަށް ދިޔަ މީހުންނެވެ.

ފުލުހުން އައިސް ކުއްޖާ ވަނީ ސަލާމަތްކޮށްފަ އެވެ. މިހާރު އެކުއްޖާއަށް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ އިރު ހާލު ސީރިއަސް ކަމަށް ހަބަރުތައް ބުނެ އެވެ.

ޑޮކްޓަރުންނާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުން، ވަޅަށް ވެއްޓި ޖެހުމުގެ ތެރޭގައި އެކުއްޖާގެ ފުއްޕާމޭގެ އެއް ފަޅި ވަނީ ފަޅައިގެން ގޮސްފަ އެވެ.

"އަދި އެމްއާރުއައި ނުހެދޭ. އެއަށް ފަހު އެނގޭނީ އިތުރު އެއްވެސް އަނިޔާއެއް ވެފައިވޭތޯ ނުވަތަ ނޫންތޯ ބުނަން. ކުއްޖާގެ ހަންގަނޑު ވެސް ވަނީ އިންފެކްޓު ވެފައި،" ތުއްތު ކުއްޖާ ބެލި ޑޮކްޓަރު ބުނެފައިވެ އެވެ.