08 Jul 2016, 14:33
ކޮޕާ އެމެރިކާގެ ފައިނަލްގައި ޗިލީ އަތުން އާޖެންޓީނާ ބަލިވި މެޗަށްފަހު ދެން ގައުމީ ޓީމަށް ނުކުޅޭނޭކަން އިއުލާނުކޮށްފައިވާ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ، އޭނާގެ އެ ނިންމުން އަނބުރާ ގެންދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އާޖެންޓީނާގެ ނޫހެއް ކަމަށްވާ 'ލަ ނޭސިއޯން' އާ ހަވާލާދީ 'ސްޕޯޓްސް އިލަސްޓްރޭޓެޑް' އިން ބުނީ، ގައުމީ ޓީމަށް ކުޅުން ހުއްޓައިލިކަން މެސީ އިއުލާނު ކުރިނަމަވެސް އޭނާގެ އެ ނިންމުން އަނބުރާ ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި މެސީ އިންޓަނޭޝަނަލް ފުޓްބޯޅައިން ރިޓަޔަރ ކުރިކަން އިއުލާނުކުރީ، ހާލަތު ކަންދިމާކުރިގޮތުން ކަމަށްވެސް އެ ނޫހުގައި ވެއެވެ.

ކޮޕާ އެމެރިކާގެ ފައިނަލުގައި ޗިލީ އަތުން އާޖެންޓީނާ ބަލިވި މެޗަށްފަހު، މެސީ މާޔޫސްވެފައި: އެ މެޗަށްފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލާކަން ވަނީ އިއުލާންކޮށްފައި --- ފޮޓޯ: އޭޕީ
ކޮޕާ އެމެރިކާ ފައިނަލަށް ފަހު ރިޕޯޓަރުންނާ ވާހަކަދައްކަމުން މެސީ ބުނެފައި ވަނީ، ގައުމީ ޓީމުގައި އޭނާއަށް ކާމިޔާބެއް ނުހޯދުނު ކަމަށާއި އެހެންކަމުން އޭނާގެ އިންޓަނޭޝަނަލް ކެރިއަރ ނިމުމަކަށް ގެނައީ ކަމަށެވެ. އެހެން ނަމަވެސް ފަހުގެ ރިޕޯޓްތަކުން ހާމަވާގޮތުން، ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ ނޮވެމްބަރު މަހު މެސީ އާޖެންޓީނާ ގުޅޭނެއެވެ.
"އަހަރެން ގައުމީ ޓީމަށް ކުޅުން ދެން މި ނިމުނީ. އަހަރެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްފިން. ނަމަވެސް މި ޓީމާ އެކު ކާމިޔާބީއެއް ނުހޯދުމުން ވަރަށް އަސަރުކޮށްފި،" މެޗަށް ފަހު ވާހަކަ ދައްކަމުން މެސީ ބުނެފައިވެއެވެ.

ގައުމީ ޓީމަށް 54 ލަނޑު ކާމިޔާބުކުރުމަށް ފަހު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އުފާފާޅުކުރަނީ -- ފޮޓޯ: ބީބީސީ
އާޖެންޓީނާގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ މެސީ އަތުން ވަނީ ކޮޕަ އެމެރިކާ ފައިނަލްގެ ޕެނަލްޓީޝޫޓްއައުޓްގައި އޭނާ ޖެހި ޕެނަލްޓީ ނާކާމިޔާބުވެފައެވެ. 2014 ވަނަ އަހަރުގެ ވޯލްޑް ކަޕާއި ކޮޕަ އެމެރިކާ 2015 އަދި މިއަހަރުގެ ކޮޕަ އެމެރިކާއާއެކު މިއީ ޖެހިޖެހިގެން އާޖެންޓީނާ ބަލިވި ތިންވަނަ ފައިނަލެވެ. އަދި މެސީ ގައުމީ ޓީމަށް ކުޅެންފެށި ފަހުން މުބާރާތެއް ކާމިޔާބު ނުކުރެވި އެޓީމު ބަލިވި ހަތަރުވަނަ ފައިނަލެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ފަސް ފަހަރު ހޯދާފައިވާ މެސީ ގައުމީ ޓީމަށް ދެން ނުކުޅޭނޭ ވާހަކަ އިއުލާނުކުރުމުން އެ ނިންމުން އަނބުރާ ގެންދިއުމަށް ގިނަ ފަރާތްތަކަކުން ވަނީ މެސީއަށް ގޮވާލައިފައެވެ. އޭގެ ތެރޭގައި އާޖެންޓީނާގެ ރައީސް މައުރީސިއޯ މަކްރީ އާއި އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއެގޯ މަރަޑޯނާ ފަދަ ފަރާތްތަށް ހިމެނެއެވެ.