08 Jul 2016, 14:52
އިސްލާމް ދީނަކީ ދުނިޔޭގެ އެންމެ ސުލްހަވެރި ދީން ކަމަށް އދ.ގެ ސައިންޓިފިކް، ސަގާފީ އަދި ތައުލީމާ ބެހޭ ޖަމިއްޔާ ޔުނެސްކޯ އިން ރަސްމީކޮށް ކަނޑައަޅައިފި ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކުރެވުނު ވާހަކަތަކަކީ ދޮގު ވާހަކަތަކެއްކަން ހާމަވެއްޖެ އެވެ.
ޔުނެސްކޯ އިން އެހެން ނުބުންޏަސް، އެއްވެސް ޝައްކެއް ނެތް މިންވަރަށް އެނގޭ ކަމަކީ އިސްލާމް ދީނަކީ އެންމެ ސުލްހަވެރި އަދި ތާ އަަބަދަށް ދެމިގެންވާ ދީން ކަމެވެ. އަހަރެމެން މުސްލިމުން އެކަމާ ޝައްކެއް ނުކުރަމެވެ.
އިސްލާމް ދީނަކީ ދުނިޔޭގެ އެންމެ ސުލްހަވެރި ދީން ކަމަށް ޔުނެސްކޯ އިން ކަނޑައެޅި ކަމަށް ބުނާ ޚަބަރު ރިޕޯޓު ކޮށްފައި ވަނީ އިންޑިއާގެ ވެބްސައިޓެއް ކަމުގައިވާ "ޖުންތާ ކާ ރިޕޯޓާ" ނަމަކަށް ކިޔާ ވެބްސައިޓެއްގަ އެވެ. އެ ވެބްސައިޓަކީ ސެޓަޔާ ނިއުސް ނުވަތަ މުނިފޫހިފިލުވުމާއި ހަޖޫ ޖެހުމުގެ ބޭނުމަށް ދޮގު މައުލޫމާތު ޚަބަރުގެ ގޮތުގައި ލިޔެ ފަތުރާ ވެބްސައިޓެކެވެ.
އެ ވެބްސައިޓުގައި ޝާއިއުކުރި ޚަބަރުގައި، ޔުނެސްކޯ އިން އިސްލާމް ދީނަކީ އެންމެ ސުލްހަވެރި ދީން ކަމަށް ކަނޑައެޅި ކަމަށް ބުނެ ބަޔާނެއް ނެރިފައިވާ ކަމަށް ބުނި ނަމަވެސް ޔުނެސްކޯ އިން އެފަދަ ބަޔާނެއް ނެރެފައެއް ނުވެ އެވެ. އަދި އެފަދަ ނިންމުމަކާ ބެހޭ ބަޔާނެއް ޔުނެސްކޯގެ ވެބްސައިޓާއި ޔުނެސްކޯގެ ސޯޝަލް މީޑިއާ އެކައުންޓަކުން ވެސް ފެންނާކަށް ނެތެވެ.
ޚަބަރުގައި، އިންޓަނޭޝަނަލް ޕީސް ފައުންޑޭޝަނާއި ޔުނެސްކޯއާ މީގެ ހަ މަސް ދުވަސް ކުރިން ގުޅި، ދުނިޔޭގެ ހުރިހާ ދީނެއްގެ ސުލްހަވެރިކަމުގެ މައްޗަށް ދިރާސާއެއް ކުރަން ފެށި ކަމަށާއި ދެ ޖަމިއްޔާ އެކުލެވޭ ކޮމިޓީއިން އެންމެ ސުލްހަވެރި ދީނަކީ އިސްލާމްދީން ކަން ކަނޑައަޅައި ދާދި ފަހުން ފްރާންސްގެ ޕެރިހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ކަމަށް ބުނާ އިރު، މިކަމަށް ބާރު ލިބޭ އެއްވެސް ހެއްކެއް ނެތެވެ.
އެ ވެބްސައިޓުގައި ޔުނެސްކޯ އިން އިސްލާމް ދީނަށް ދީފައިވާ "ސެޓްފިކޭޓް އޮފް ޕީސް" ކަމަށް ބުނާ ސެޓްފިކޭޓެއް ވެސް އުފައްދައި، އެ އާންމު ކޮށްފައިވެ އެވެ.
މި ދޮގު ޚަބަރު އެ ވެބްސައިޓުގައި ޖޫން ހަތަރު ވަނަ ދުވަހު ޝާއިއުކުރި ޚަބަރުގެ ސައްހަކަން ނުބަލައި، ގިނަ ބަޔަކު ވަނީ އެކަމާ މެދު އުފާކޮށް ޚަބަރު ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ. ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ރޭގެ ވަގުތެއްގައި، މި ޚަބަރާ މެދު އުފާ ފާޅުކުރައްވައި ޓުވީޓެއް ކުރެއްވި އެވެ. އެހެން ނަމަވެސް އެމަނިކުފާނު ފަހުން ވަނީ އެ ޓުވީޓު ޑިލީޓް ކުރައްވައިފަ އެވެ.
މި ޚަބަރާ ގުޅިގެން އަދާލަތު ޕާޓީގެ ކުރީގެ ނައިބު ރައީސް ޑރ. މައުރޫފް ހުސައިން ވިދާޅުވީ، ޚަބަރަކީ ދޮގު ޚަބަރެއް ނަމަވެސް ޔުނެސްކޯ އިން މިފަދަ ގޮތަކަށް ކަމެއް ކަނޑައެޅިއަސް ނުވަތަ ނޭޅިއަސް އިސްލާމް ދީނަކީ ސުލްހަވެރި ދީނެއް ކަމަށެވެ.
"ބަޔަކު މިފަދައިން ދޭ ޝަރަފެއްގެ ސަބަބުން އަހަރެމެންގެ ދީނީ އަގީދާއަށް އިތުރުވުން ނުވަތަ ދަށް ވެގެން ނުވާނެ. އެއަށް ވުރެ ބޮޑަށް އަގީދާ ވަރުގަދަވާން ޖެހޭ. ޔުނެސްކޯ ނުވަތަ އެހެން ބަޔަކު ވިޔަސް، އިސްލާމް ދީނަކީ ސުލްހައިގެ ދީން. އިސްލާމްގެ މާނައަކީ ވެސް ސުލްހަ،" ޑރ މައުރޫފް އޭނާގެ ފޭސްބުކްގައި ލިޔުއްވި އެވެ.
"ޖުންތާ ކާ ރިޕޯޓަރ"ގެ ނަމުގައި އިންޑިއާގައި ހިންގާ ވެބްސައިޓަކީ، "ޖަންތާ ކާ ރިޕޯޓަރ"ގެ ނަމުގައި ހިންގާ އޮންލައިން ނޫހަކަށް ހަޖޫ ޖެހުމަށް ބަޔަކު ހަދައިގެން އުޅޭ ވެބްސައިޓެކެވެ. "ޖަންތާ ކާ ރިޕޯޓަރ" ވެބްސައިޓަކީ އިންޑިއާގެ ސިޔާސީ ޕާޓީއެއް ކަމުގައިވާ އާމް އާޑްމީ ޕާޓީ (އޭއޭޕީ)އަށް ވަފާތެރި ވެބްސައިޓެކެވެ. މި ސަބަބަށް ޓަކައި، "ޖުންތާ ކާ ރިޕޯޓަރ" ވެބްސައިޓުގައި ލިޔާ ލިޔުންތަކަކީ އިންޑިއާގެ ސަރުކާރަށާއި ވަކިން ޚާއްސަކޮށް، އޭއޭޕީއަށާއި އެ ޕާޓީގެ ލީޑަރުންނާއި މެމްބަރުންނަށް ވަރަށް ބޮޑަށް ހަޖޫ ޖަހާ ލިޔުންތަކެކެވެ.
ޖުންތާ ކާ ރިޕޯޓަރ ވެބްސައިޓުގެ އޮފީހުގެ ގޮތުގައި ޖަހާފައިވާ އެޑްރެސް
މި ވެބްސައިޓުގެ އެޑްރެސްގެ ގޮތުގައި ވެބްސައިޓުގައި ޖަހާފައި ވަނީ އުއްތަރު ޕްރަދޭޝްގެ އާގްރާ ސިޓީގައި ހުންނަ އިންސްޓިޓިއުޓް އޮފް މެންޓަލް ހެލްތު އެންޑް ހޮސްޕިޓަލް އެވެ. މި ކަމަށް ބަލައިލުމުން އެކަނި ވެސް، މި ވެބްސައިޓުގެ ސައްހަކަމާ މެދު ސުވާލު ކުރެވޭނެ އެވެ.