ބަރަކާތްތެރި ރަމަޟާން މަސް ނިމުނު ނަމަވެސް، ހެޔޮ އަމަލުތައް ކުރުން ހުއްޓާނުލުމަށާއި ހެޔޮ އަމަލު ކުރުން މަތީ ދެމިތިބުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފި އެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ބުނެފައި ވަނީ ރަމަޟަން މަހުގެ ސަބަބުން ތަޤުވާވެރިކަމާއި ހެޔޮ އަމަލަށް މަގު ފަހިކޮށްދީފައިވާ ކަމަށާއި މުޅި އަހަރު ބޭނުންކުރެވޭނެ ހަކަތައެއް މުސްލިމުންގެ ހަށިގަނޑުގައި އުފައްދައިދީފައިވާ ކަމަށެވެ.

އަދި އެ ހަކަތައިގެ ބޭނުންކޮށް، ރަމަޟާން މަހު އަޅުކަމާއި ހެޔޮ އަމަލުތަކަށް އުފެދޭ ޝައުގުވެރިކަން ދެމެހެއްޓުމަށް ވެސް ޚުތުބާގައި ވަނީ ގޮވާލައިފަ އެވެ.

"ރަމަޟާން މަސް ނިމުމާއެކު މި ކަންކަމާ މުޅިން ގުޅުން ކަނޑައިގެން ނުވާނެ އެވެ. މުއުމިނުންގެ ސިފަ އަކީ ހެޔޮ އަމަލު ކުރަން މަތީގައި ދެމިތިބުމެވެ." ޚުތުބާގައިވެ އެވެ.

ފާއިތުވި ރޯދަ މަހު ކުރެވިފައި ވަނީ ކޮން ކަހަލަ އަމަލިތަކެއްތޯ ބަލައި ނަފްސުގެ ރެކޯޑު ސާފު ކުރުމަށް ޚުތުބާގައި ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި ރަމަޟާން މަހު ﷲ ގެ ވަޖުހުފުޅު އަދައިގެން، ހެޔޮ ގޮތުގައި ރޯދަ ހިފައި، ރޭ އަޅުކަންކޮށް ހެޔޮ އަމަލު ކުރެވުނު މީހާ ބޮޑާވެ ނުގަތުމަށާއި އެ އަމަލުތައް ބަލައިގަނޭތޯ ދުއާ ކުރުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.

ހަމައެއާއެކު ޝައްވާލް މަހުގެ ސުންނަތް ހަ ރޯދަ ހިފުމަށް ވެސް ޚުތުބާގައި ވަނީ ބާރުއަޅުއްވައިފަ އެވެ. ޝައްވާލް މަހުގެ ހަ ރޯދަ ހިފުން އެންމެ ރަނގަޅު ގޮތަކީ ވަޅު ޢީދު ދުވަހުން ފެށިގެން ގޮސް ހަ ރޯދަ ހިފުމެވެ. ނަމަވެސް ޝައްވާލް މަހުގެ ކޮންމެވެސް ހަ ދުވަހެއްގައި ރޯދަ ހިފުމުންވެސް އެ ސުންނަތް ހާސިލުވާނެ ކަމަށް އިލްމުވެރިން ވިދާޅުވެ އެވެ.