ސެލްބްރިޓީންނަށް އޮންނަ ސަޕޯޓާއި ތާއީދު ދައްކުވައިދިނުމަށް، ތަފާތު ކަންކަން ކުރާ މީހުން އުޅެ އެވެ. އެއްބަޔަކު ސެލްބްރިޓީންނާ ވައްތަރުވާ މަސައްކަތް ކުރެ އެވެ. ހެދުން އެޅުމާ އިސްތަށިގަނޑު ބަދަލު ކުރުން ފަދަ ކަންކަން މިއީ އާންމު ކަމެކެވެ.

އަދި ބައެއް މީހުންނަކީ، ސެލެބްރިޓީންނަށްޓަކައި ހަރަދަށް ބެލުމެއް ނެތި ކޮންމެ ފަދަ ކަމެއް ވެސް ކުރާ މީހުންނެވެ. ހަމައެކަނި ދީޕިކާ ޕަދުކޯން ހަމަލޮލަށް ބަލައިލުމަށް ވެސް 300،000 ރުޕީޒް ހަރަދު ކޮށްފައި އެވޯޑު ހަފްލާއަކަށް ދިޔަ މީހުން ވެސް އުޅެ އެވެ.

އަނެއްކާވެސް މި އޮތީ އެފަދަ ފޭން އެއްގެ ވާހަކަ އެވެ. ސަލްމާން ޚާންގެ "ސުލްތާން" ސިނަމާތަކުގައި މިހާރު ދައްކަން ފަށައިފައި ވާއިރު، އިންޑިއާގެ ފިރިހެނަކު މިވަނީ ފިލްމު އަޅުވަން ހަމަޖެހިފައިވާ ސިނަމާއެއްގެ އެއް ޝޯވ އަށްވާ ހުރިހާ ޓިކެޓެއް ގަނެ ސިނަމާ އެކީގައި ހިފައިފަ އެވެ.

ހާމިރްޕޫރު ސިޓީގެ ހިމާޗަލް ޕްރަދޭޝްގެ ރައްޔިތެއް ކަމުގައިވާ ޝަންކަރު މުސާފިރު، އެއް ޝޯވ އަށް މުޅި ސިނަމާ ހިފައިފައި ވަނީ އޭނާގެ އަންހެނުންނަށްޓަކަ އެވެ. ހަބަރުތައް ބުނާ ގޮތުން އޭނާގެ އަންހެނުންނަކީ ސަލްމާންގެ ވަރަށް ބޮޑު ސަޕޯޓަރެކެވެ.

ފިތުރު ޢީދު ދުވަހު ފިލްމު ރުލީޒް ކުރި އިރު، އޭގެ އެއް ދުވަސް ކުރިން ޝަންކަރު ވަނީ ސިނަމާގެ 120 ސީޓު ގަނެފަ އެވެ. އޭނާ ބުނީ އެއީ އަންހެނުން ދެކެ ވާ ލޯބީގެ ބޮޑުކަމުން އޭނާއަށްޓަކައި ކޮށްދިން ކަމެއް ކަމަށެވެ.

ދެމީހުން އެކަނި ސިނަމާ ހޯލްގައި ތިބެ ފިލްމު ބަލާލުމަށް ޝަންކަރު މި ކުރި މަސައްކަތަށް އޭނާގެ އަންހެނުން ބުނީ ކީކޭ ކަމެއް އަދި ނޭނގެ އެވެ. ނަމަވެސް ޝަންކަރު ވެފައި މި ވަނީ އަނބިމީހާއަށްޓަކައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ މީހަކަށެވެ. އަނބިމީހާއަކީ ސަލްމާންގެ ފޭން އެއް ނަމަވެސް، އަނބިމީހާގެ އެންމެ ބޮޑު "ފޭން" އަނީ އޭނާގެ ފިރިމީހާ ޝަންކަރު ކަން ޔަގީނެވެ.

"ސުލްތާން" އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، ދެ ދުވަހުގެ ތެރޭގައި އެ ފިލްމަށް ވަނީ 75 ކުރޯޑު ރުޕީޒް އަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ. އަދި ހަފްތާ ބަންދުގައި އެ ފިލްމަށް 150 ކުރޯޑް އިންޑިއަން ރުޕީސް ލިބޭނެ ކަމަށް ޓްރޭޑް އެކްސްޕާޓުން ލަފާކުރެއެވެ.

ސަލްމާން ޚާންގެ އިތުރުން ފިލްމު، ސުލްތާންގައި ދެން ފެނިގެންދާނީ އަނުޝްކާ ޝަރުމާއެވެ. ދެ ތަރިން ވެސް ފެނިގެންދާނީ ބޮކްސިން ކުޅުންތެރިންގެ ގޮތުގައެވެ.