08 Jul 2016, 14:25
ޕެސިފިކް ކަނޑުގެ ހުޅަނގުގައި މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން އުފެދުނު ކޮޅިގަނޑެއް ބާރުގަދަވެ، އުފެދުނު ތޫފާން ޓައިވާން އަށް އަރައި، އެ ގައުމުގެ އިރުމަތީ އައްސޭރި ފަށަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
ޓައިވާންގެ އިރުމަތީގައި އޮންނަ ޓައިޓަންގު ސިޓީއަށް މިއަދުގެ ހެނދުނު އެރި "ނެޕާޓަކް" ނަމަކަށް ކިޔާ އެ ތޫފާނު ގަޑިއަކު 234 ކިލޯ މީޓަރަށް ވައި ޖެހިފައިވާ އިރު، މީޑިއާތަކުގައި އާއްމުކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ކާރުތަކާއި ގެތަކުގެ ފުރާޅުތަކާ އެއްޗެހި މަގުތަކަށް ވަޔާ އެކު އުކާލާފައިވާ މަންޒަރު ފެނެ އެވެ.

ޓައިވާން އަށް މިއަދު ހެނދުނު އެރި ޓައިފޫންގައި މަގުމަތީގައި ހުރި ކާރުތަކާ ގަސްތައް ވަޔާއެކު ލުހެލާފައި ---
ޓައިވާންގެ މޫސުމާ ބެހޭ ބިއުރޯއިން ބުނާ ގޮތުން، އެ ތޫފާނުގެ އަސަރު ޓައިވާނަށް އަށް ގަޑިއިރަށް ކުރާނެ ކަމަށް ބެލެވޭ އިރު، ބޯކޮށް ވާރޭވެހޭނެ ކަމުގެ އިންޒާރުވަނީ ދީފަ އެވެ.
އެގޮތުން ޓައިވާންގެ ފަރުބަދަ މަތީ ހިސާބުތަކާ އެކު ގާތްގަނޑަކަށް 500 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ސެންޓަރުން ލަފާކުރާ އިރު، ބިންގަނޑު ކަޑައިގެން ދިއުމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.
sunrise over Super Typhoon#Nepartak- lashing Taiwan with winds 130 KT, gusts to 160 KT per latest JTWC advisorypic.twitter.com/WW9iKukq3V
— NWS OPC (@NWSOPC)July 7, 2016
ޓައިވާންގެ ސެންޓަރަލް އެމެޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާން ވިދާޅުވީ، ޓޫފާނުގެ ސަބަބުން މިހާތަނަށް 66 މީހަކަށް އަނިޔާވެގެން ރިޕޯޓްކޮށްފައިވާ އިރު، 270،000 ގެއަކުން ކަރަންޓް ކެނޑިފައިވާ ކަމަށެވެ.
ތޫފާނާ ގުޅިގެން 35،000 ސިފައިން ވަނީ ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ. ސިފައިން ދަނީ މީހުން އެއްތަނުން އަނެއް ތަނަށް ބަދަލުކުރުމުގައާ ބޯހިޔާވަހިކަން ދޭނެ ޓެންޓުތައް ޖަހަމުންނެވެ.
ތޫފާނުގެ ސަބަބުން ޓައިވާންގެ ސްކޫލްތައް ބަންދުކޮށްފައިވާ އިރު، ޓައިޕެއިގެ މައި ދެ އެއާޕޯޓުން އިއްޔެ ބުނީ، ޑޮމެސްޓިކް ފްލައިޓްތަކުގެ ދަތުރުތައް ހުއްޓާލާފައިވާ އިރު އިންޓަނޭޝަނަލް ފްލައިޓް ދަތުރުތަކަށް އަސަރުކޮށްފައިވާ ކަމަށެވެ.
Ripping winds, debris crashing down super#typhoon#NepartakTaitung Taiwanpic.twitter.com/5IeoXC8iU3
— James Reynolds (@EarthUncutTV)July 7, 2016
ގާތްގަނޑަކަށް 200 ކިލޯ މީޓަރަށް ދެމިފައިވާ އެ ކޮޅިގަނޑު މިހާރު ދަތުރުކުރަމުން ދަނީ ޗައިނާއާ ދިމާލަށެވެ. އެގައުމަށް އެ ކޮޅިގަނޑު އަރާނެ ކަމަށް ލަފާކޮށްފައި ވަނީ މާދަމާގެ ހެނދުނުގެ ވަގުތެއްގަ އެވެ.
މައުލޫމާތު: ދަ ގާޑިއަން