08 Jul 2016, 11:54
ނުރުހުމުގައި ޖިންސީ ގުޅުން ނުވަތަ ޖިންސީ އަމަލެއް ހިންގުމަކީ ރޭޕްކުރުން ކަމަށް ކަނޑައަޅައި، އެފަދަ އަމަލުތަކަށް ބޮޑެތި އަދަބުތަކަކާ އެކު ޖަރުމަނު ވިލާތުގައި ރޭޕްއާ ބެހޭ ގާނޫނެއް ފާސްކޮށްފި އެވެ.
"ނޯ މީންސް ނޯ" ގެ ނަމުން އާންމުކޮށް ނަން ދެވިފައިވާ މި ގާނޫނު ފާސްކޮށްފައި ވަނީ ޖަރުމަނުގެ ގާނޫނު ހަދާ މަޖިލީހުގެ 601 މެމްބަރުންގެ ވޯޓާ އެކު އެވެ. އެ ގާނޫނާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދީފައި ނުވާ އިރު ވޯޓުގައި ބައިވެރި ނުވަނީ މެމްބަރުންގެ ތެރެއިން މަދު ބައެކެވެ.
މީގެ ކުރިން ޖަރުމަނުގައި "ރޭޕް" ނުވަތަ ނުރުހުމުގައި ޖިންސީ އަމަލެއް ހިންގުން މާނަކޮށްފައި ވަނީ، ޖިންސީ އަމަލެއް ހިންގުމަށް ޖިސްމާނީ ގޮތުން ގަދަ ދައްކައި ދެކޮޅު ހެދުމަށެވެ.
ނަމަވެސް މި ހަފްތާގައި ފާސްކުރި ގާނޫނުގައިވާ ގޮތުން، ނުރުހުމުގައި ޖިންސީ ގުޅުމެއް ގަދަކަމުން ހިންގުވައިފިނަމަ އެކަން ވެސް ވާނީ ރޭޕް ކުރުމަށެވެ.
"މީގެ ކުރިން ހިނގި ގިނަ ހާދިސާތަކުގައި ރޭޕްގެ ޝިކާރައަކަށް އަންހެނުން ވި ނަމަވެސް ރޭޕް ކުރި މީހާގެ މައްޗަށް އަދަބު ދެވޭ ގޮތެއް ނުވި. ގާނޫނަށް މިހާރު ގެނައި ބަދަލާ އެކު، ރޭޕްގެ ޝިކާރައަށް ވާ މީހުން އެމީހުންނަށް އަނިޔާ ދިން މީހުންނާ ދެކޮޅަށް ދައުވާ ކުރުމުގެ ފުރުސަތު ފުޅާކޮށް ލިބޭނެ. އަދި ޖިންސީ އަނިޔާ އާއި ކުށްތަކަށް ހައްގު އަދަބު ދެވޭނެ،" ޖަރުމަނުގެ އަންހެނުންގެ ކަންކަން ބަލަހައްޓާ ވަޒީރު މެނުއެލާ ޝުވަސިގް ވިދާޅުވި އެވެ.
އާ ގާނޫނު ބުނާ ގޮތުގައި ޖިންސީ ކުށަކަށް އަރައިގަންނަ ބޭރު ގައުމުތަކުގެ މީހުން ޖަރުމަނުން ޑީޕޯޓު ކުރެވޭނެ އެވެ. އަދި އެ މީހަކު ޑީޕޯޓު ކުރުމުގެ ކަންކަން އަވަސްވެ، ފަސޭހަ ކުރެވޭނެ މަގުތަކެއް އެ ގާނޫނުގައި ފަހިކޮށްފައި ވެ އެވެ.