އދ. މާމިގިލިން: އަހުމަދު ސާއިލް އަލީ

އީދު އައުމާއެކު ރަށްތަކަށް ވެރިވެ ގަންނަނީ އުފާވެރި ކަމެކެވެ. މުނިފޫހި ފިލުވުމުގެ ގޮތުން ތަފާތު ކުޅިވަރުތައް ކުޅެން ފަށަ އެވެ. ޒަމާނުންސުރެ އެކަން އޮންނަނީ އެގޮތަށެވެ. ނަމަވެސް މާމިގިލިން ފެންނަނީ ތަފާތު މަންޒަރެކެވެ. މާމިގިލީ ޒުވާނުން އީދު ފާހަގަކުރުމަށް ކުރި ކަމަކީ ނުކުމެ ރަށް ސާފު ކުރުމެވެ.

އީދު ނަމާދުން ފައިބައިގެން މާމިގިލީ ރައްޔިތުން ނުކުމެ ފުރަތަމަ ވަނީ މިރަށު ބާސްކެޓް ކޯޓް ސާފްކޮށްފަ އެވެ. އިއްޔެ ވަނީ ބަނދަރު ސަރަހައްދު ސާފްކޮށްފަ އެވެ. މިއަދާއި މާދަމާ ވެސް މިރަށް ސާފު ކުރުމަށް ވަނީ ނިންމައިފަ އެވެ.

"މާދަމާ މި އޮތީ ބީޗު ސާފު ކުރުން، ބީޗު ސާފު ކުރުމާ އެކު ގަސް އިންދުން އޮންނާނެ. މިކަމަކީ ރައްޔިތުން ނުކުމެ މިރަށް ރީތި ކުރުމަށް ކުރާކަމެއް، މިއީ ވެސް ހަމަ އީދު ފާހަގަކުރުން،" މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު ސާފީ ބުންޏެވެ.

ސާފީ ބުނީ އީދު ހަރަކާތެއްގެ ގޮތުގައި މިފެށި ހަރަކާތް ނިންމާލާނީ މުޅި ރަށް ސާފު ކުރުމަށް ފަހު ކަމަށެވެ. އެގޮތުން އެކި ދުވަސްތަކަށް ބަހާލައިގެން މިރަށް ސާފު ކުރާނެ ކަމަށް އޭނާ ބުންޏެވެ.

"މާލޭގައި ދިރިއުޅޭ ފަރާތްތައް ވެސް މިކަމުގައި ހަރަކާތްތެރިވޭ، އެހެންވީމަ ވީކެންޑްތަކަށް ބަހާލައިގެން މިކަން ކުރާނަން." ސާފީ ބުންޏެވެ.

އީދަށް އޮތީ ހަމައެކަނި ރަށް ސާފު ކުރުމެއް ނޫނެވެ. ކުޅިވަރު ވެސް އެބައޮތެވެ. އެކަން އޮންނަނީ ރޭގަނޑެވެ. ރޭގަނޑެ ދަފިނެގުމާއި ބޮޑުބެރުން ޖެހުން އޮވެ އެވެ.

ޓޫރިސްޓު ރިސޯޓްތައް އެއްފަޅެއްގެ ތެރޭގައި އޮންނަ އަދި ގެސްޓްހައުސްތައް ހިންގާ މާމިގިއްޔަކީ ކުނި މެނޭޖް ކުރުމުގެ މައްސަލަ ދިމާވެފައިވާ ރަށެކެވެ. މިހާރު ކުނި މެނޭޖު ކުރަނީ އަންދައިގެންނެވެ. އެކަމަށް ރައްކާތެރި ހައްލެއް މިރަށު ރައްޔިތުން ބޭނުންވެ އެވެ.

ކޮންމެއަކަސް މާމިގިލިން މިފެންނަނީ ތަފާތު މަންޒަރެކެވެ. އީދަށް ނުކުމެ ރަށް މިވަނީ ސާފްކުރަން ފަށައި އެވެ. މިއީ އީދު ފޯރިއާ އެކު މިރަށް ރީތިކޮށްލާނެ ކަމެކެވެ.