08 Jul 2016, 11:18
މިދިޔަ ހޯމަ ދުވަހުގެ ރޭ ސައުދީ އަރަބިއްޔާގެ މަދީނާގައި ހުންނަ މަސްޖިދުއްނަބަވީ ކައިރީގައި ބޮން ގޮއްވާލި މީހާ ދެނެގަނެވިފައިވާ ކަމަށް ސައުދީ ސަރުކާރުން ބުނެފި އެވެ.
މަސްޖިދުލް ނަބަވީ ކައިރީގައި އޮތް ޕަކިން ޒޯނެއްގައި ބޮމެއް ގޮއްވާލައިގެން ދިން ޖާނުން ފިދާވުމުގެ އެ ހަމަލާގައި ހަތަރު ސެކިއުރިޓީ އޮފިސަރުން ވަނީ ޝަހީދުވެފަ އެވެ.
ސައުދީގެ އިންޓީރިއާ މިނިސްޓަރު އިއްޔެ ވިދާޅުވީ އެ ހަމަލާ ދީފައި ވަނީ ސައުދީ ރައްޔިތެއް ކަމަށްވާ، ނާޔަރު މުސައްލަމް ހައްމާދު އަލް ނިޖޭދީ އަލް ބްލޫވީ ކިޔާ 26 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އޭނާއަކީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލަތަކުގެ ރެކޯޑު އޮންނަ މީހެއް ކަމަށްވެ އެވެ.
ސައުދީ ސަރުކާރުން ވަނީ އޭނާގެ މައުލޫމާތާއި ފޮޓޯ އާންމު ކޮށްފަ އެވެ. އޭގެ އިތުުރުން ހަމަލާގައި ޝަހީދުވި ހަތަރު އޮފިސަރުންގެ މައުލޫމަތު ވެސް ސައުދީ ސަރުކާރުން ވަނީ އާންމުކޮށްފަ އެވެ.

ހަމަލާގައި ޝަހީދުވި ހަތަރު އޮފިސަރުން ---
ސައުދީ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ޖުލައި ހަތަރު ވަނަ ދުވަހު (ރަމަޟާން މަހުގެ 29 ވަނަ ދުވަހު)، މަސްޖިދުއް ނަބަވީ އާ ދިމާލަށް މީހަކު ދާތީ ސެކިއުރިޓީ އޮފިސަރުންނަށް އެ މީހާ އާ ދޭތެރޭ ޝައްކު ކުރެވުނެވެ.
މަސްޖިދުއް ނަބަވީ އާ ކައިރިވުމުގެ ކުރިން އޭނާ ހުއްޓުވި ކަމަށާއި، ބޮން ގޮއްވާލީ އެ ހިސާބުން ކަމަށެވެ. އޭރު އޭނާ ހުރީ ޕާކިން ޒޯނުގަ އެވެ. އަދި އޭނާ ހުރީ ގޮވާތަކެތި ހަރުކޮށްފައި ހުރި ޖެކެޓެއް ލައިގެން ކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފަ އެވެ.
ބޮން ގޮއްވާލާފައި ވަނީ މަސްޖިދުލް ނަބަވީ ކައިރީގައި އޮންނަ ޖަންނަތުލް ބަޤީއު ޤަބުރުސްތާނުގެ ކައިރީގަ އެވެ. މި ޤަބުރުސްތާނަކީ ކީރިތި ރަސޫލާ މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމާގެ ކިރުމައިކަމަނާ ހަލީމަތުގެފާނާއި، ޚަދީޖަތުގެފާނުން ފިޔަވައި ކީރިތި ރަސޫލާގެ ހުރިހާ އަނބިކަނބަލުންނާއި، ކީރިތި ރަސޫލާގެ ދަރިކަލުން އިބްރާހީމާއި ދަރިދަރިކަނބަލުން ރުޤިއްޔާ، އުއްމު ކުލްސޫމް، ޒައިނަބު އަދި ފާތިމަތުގެފާނު ފަސްދާނުލާފައިވާ ޤަބުރުސްތާނެވެ. މީގެ އިތުރުން ޚަލީފާ އުސްމާން ބިން އައްފާން ވެސް ފަސްދާނުލާފައި ވަނީ ޖަންނަތުލް ބަޤީއު ޤަބުރުސްތާނުގައެވެ.
ކީރިތި ރަސޫލާ އާއި އަބޫބަކުރުގެފާނާއި އުމަރުގެފާނު ފަސްދާނުލާފައި ވަނީ މަސްޖިދުލް ނަބަވީގައެވެ.
މަސްޖިދުއް ނަބަވީ ކައިރީގައި ބޮން ގޮއްވާލުމުގެ ކުރިން ހަމަ އެ ރޭ ވަނީ ޖިއްދާ އާއި، އިރުމަތީގެ ސިޓީއެއް ކަމުގައިވާ ޤާތިފްގައި ވެސް ޖާނުންފިދާވުމުގެ ހަމަލާ އެއް ދީފަ އެވެ. ޤާތިފް ގައި ހަމަލާ ދިން މީހުން ވެސް މިހާރު ވަނީ ދެނެގަނެފަ އެވެ.

ޤާތިފް ގައި ހަމަލާ ދިން މީހުން ---
އެ ހަމަލާގައި ހިމެނެނީ 23 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ދެ ފިރިހެނުންނެވެ. ތިން މީހުންގެ އަތުގައި ވެސް ސައުދީ ރައްޔިތެއްކަން އަންގައިދޭ ކާޑު ނެތް ކަމަށް ސައުދީ ސަރުކާރުން ބުނެ އެވެ.
ސައުދީގެ އިންޓީރިއާ މިނިސްޓްރީ އިން ބުނީ އެ ތިން ހަމަލާއާ ގުޅިގެން ތުހުމަތު ކުރެވޭ 19 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ ޕާކިސްތާނުގެ 12 މީހުންނާއި ސައުދީ ހަތް މީހުން ކަމަށެވެ.