މަޝްހޫރު ހިޔާލީ ވާހަކަ "ބިއުޓީ އެންޑް ދަ ބީސްޓް"ގެ ތެރެއަށް އެންމެ ފުރަތަމަ ބޮޑު ސްކްރީނުން ބެލުންތެރިން ގެންގޮސްދިނީ އެނިމޭޝަން ފިލްމެއްގެ ގޮތުގައި 1991 ވަނަ އަހަރު އެވެ. އެ ފިލްމުގެ ލައިވް އެކްޝަން ފިލްމެއް ރިލީޒްކުރާނެކަން ޑިޒްނީން ހާމަކުރި ފަހުން، އެ ފިލްމު އަޅުވާނެ ދުވަހަކަށް ގިނަ ބަޔަކު ތިބީ ކެތްތެރިކަން ކުޑަވެފަ އެވެ.

އެ ފިލްމުގެ ޓްރެއިލާ އެއް އަދި މިހާތަނަށް ރިލީޒް ކޮށްފައިނުވި ނަމަވެސް، މިއަހަރުގެ މެއި މަހު ދައްކާލި ފިލްމުގެ ފުރަތަމަ ޓީޒާ އަށް ލިބުނު ވިއުސް އިން ވެސް ބެލުންތެރިންގެ ތަރުހީބު ވަނީ ފެނިގެންގޮސްފައެވެ.

ބިއުޓީގެ ރޯލުން "ހެރީ ޕޮޓާ" އިން ވިލާދި އެމާ ވަޓްސަން އަދި ބީސްޓުގެ ރޯލުން ޑޭން ސްޓީވެންސް ފެނިގެންދާ އެ ފިލްމުގެ ފުރަތަމަ ޓީޒާ ރިލީޒްކުރިތާ ދެ ދުވަހެއްގެ ތެރޭގައި އެއަށް ނުވަ މިލިއަނަށް ވުރެ ގިނަ ވިއުސް ވަނީ ލިބިފަ އެވެ.

ޑިޒްނީން މިހާރު މި ވަނީ "ބިއުޓީ އެންޑް ދަ ބީސްޓް"ގެ އޮފިޝަލް ޕޯސްޓަރު ވެސް އާއްމުންނަށް ދައްކާލާފަ އެވެ. ފިލްމުގެ އޮފިޝަލް ޓްވީޓާ އެކައުންޓުގައި އިއްޔެ ދައްކާލި އެ ޕޯސްޓަރު ފެންނަނީ ފިލްމުގެ އެންމެ މުހިއްމު އެކަތި ކަމަށްވާ، ފިނިފެން މަލެވެ. އަދި ޕޯސްޓަރާއެކު އަންނަ މާޗް މަހު، މެހެމާނަކަށް ވުމަށް ވަނީ ދައުވަތު ދީފައެވެ.

ފިލްމު، "ޓްވައިލައިޓް ބުރޭކިން ޑޯން"ގެ ފަހު ދެ ބައި ވެސް ޑައިރެކްޓް ކުރި ބިލް ކޮންޑޮންގެ މާލިމީ ކަމުގައި ހަދާ އެ ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ މާޗް، 17 ވަނަ ދުވަހު އެވެ.