ބޮލީވުޑްގެ މަޝްހޫރު ތަރި އާމިރު ޚާންގެ ބުލޮކްބަސްޓާ ފިލްމު "ޕީކޭ" ރިލީޒްކުރިތާ އަހަރަކާ ހަ މަސް ވެފައިވާއިރު، އެ ފިލްމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ އެތައް ބައެއްގެ ތަރުހީބު ލިބިފައެވެ. މިހާތަނަށް ބޮލީވުޑްގައި ނެރުނު އެންމެ ކާމިޔާބު އެއް ފިލްމުގެ މަގާމުގައި އޮތް "ޕީކޭ" އާ ހަމައަށް އިތުރު ފިލްމަކަށް އައުމަކީ އުދަނގޫ ކަމެއްކަމަށް އޭރު ގިނަ ބަޔަކު ހީކުރި އެވެ.

ނަމަވެސް "ދޫމް 3"ގެ ތަރި އާމިރު ޚާން ބުނާ ގޮތުން ނަމަ، "ޕީކޭ" އިން ހޯދި ރިކޯޑްތައް މުގުރާލެވޭނެ ފިލްމެއް ބޮލީވުޑްގައި އަޅުވައިފި އެވެ. އެއީ އޭނާ ބުނާ ގޮތުން، މިއަހަރުގެ އީދު ދުވަހު ރިލީޒްކުރި ސަލްމާން ޚާންގެ އެންމެ ފަހުގެ ފިލްމު، "ސުލްތާން" އެވެ.

އާމިރު ބުނީ، އަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށްފައިވާ ފިލްމު، ސުލްތާން އަކީ ރަނގަޅު ފިލްމެއްގައި އެކުލެވެންޖެހޭ ހުރިހާ ކަމެއް ފާހަގަލެވި، އުފައްދާފައިވާ ފިލްމެއް ކަމަށެވެ.

"އަހަރެން ސުލްތާން ބަލައިފިން. އަހަންނަށް އެ ފިލްމު ވަރަށް ކަމުދޭ. އަލީ އައްބާސް ޒަފަރު ހަދާފައިވާ އެ ފިލްމަކީ ފާހަގަކޮށްލެވޭ ފިލްމެއް. ފިލްމުގެ ވާހަކަ، ސްކްރީން ޕުލޭ، ޑައިލޮގް އަދި ޑައިރެކްޝަން ވަރަށް ރަނގަޅު އަދި ފިލްމުގެ ހުރިހާ އާޓިސްޓުން ވަރަށް ރަނގަޅު މަސައްކަތެއް ކޮށްފި،" އީދުގެ މުނާސަބަތުގައި ވާހަކަދައްކަމުން އާމިރު ބުންޏެވެ.

އުމުރުން 51 އަހަރުގެ އެކްޓަރު ބުނީ، "ސުލްތާން" އަކީ އޭނާގެ ގާތް ރަހުމަތްތެރިއާ ސަލްމާން ދިން އީދު ހަދިޔާއެއް ކަމަށެވެ. އަދި އެ ފިލްމު ވަރަށް ކަމުދިޔަ ވާހަކަ ސަލްމާން ގާތު ބުނި ކަމަށް އާމިރު ބުންޏެވެ.

"މެއިންސްޓްރީމް ފިލްމެއްގައި ފެންނަން ބޭނުންވި ހުރިހާ ކަމެއް ސުލްތާން އިން ފެނިގެންދިޔަ. އަހަރެން ހެއްވާލި، އަހަރެން ރޮއްވާލި އަދި އެ ފިލްމު ބަލަމުންދިޔަ އިރު ވަރަށް މަޖާ. މިއީ ސަލްމާންގެ ފަރާތުން ދިން އީދު ހަދިޔާއެއް. ޕީކޭގެ ރިކޯޑްތައް މުގުރާލެވޭނެ ފިލްމެއް އޮތް ނަމަ އެ ފިލްމަކީ، ސުލްތާން،" އާމިރު ބުންޏެވެ.

ފިތުރު އީދާ ދިމާކޮށް މިދިޔަ ބުދަ ދުވަހު ރިލީޒްކުރި "ސުލްތާން" ބަލަން ގިނަ ތިއޭޓަރުތަކެއް ފުލްވިއިރު، އެ ފިލްމު އެޅުވި ފުރަތަމަ ދުވަހު ވެސް 37 ކުރޯޑް އިންޑިއަން ރުޕީސް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ހަފްތާ ބަންދުގައި އެ ފިލްމަށް 150 ކުރޯޑް އިންޑިއަން ރުޕީސް ލިބޭނެ ކަމަށް ޓްރޭޑް އެކްސްޕާޓުން ލަފާކުރެއެވެ.

ސަލްމާން ޚާންގެ އިތުރުން ފިލްމު، ސުލްތާންގައި ދެން ފެނިގެންދާނީ އަނުޝްކާ ޝަރުމާއެވެ. ދެ ތަރިން ވެސް ފެނިގެންދާނީ ބޮކްސިން ކުޅުންތެރިންގެ ގޮތުގައެވެ.