08 Jul 2016, 02:12
ފަންސާސް އަށް އަހަރުގެ ދިގު އިންތިޒާރަށް ނިމުމެއް ގެނެސް، ފްރާންސުން އަމިއްލަ ގައުމުގައި ކުރިއަށްދާ ޔޫރޯގެ ފައިނަލުން ޖާގައެއް ހޯދައިފި އެވެ.
ވޯލްޑް ކަޕް 1958ގައި ޖަރުމަން އަތުން ހޯދި ކާމިޔާބަށްފަހު، ފްރާންސަށް ވަނީ މުބާރާތެއްގެ މެޗަކުން ޖަރުމަން ބަލިކުރުމަށް ނުކުޅެދިފަ އެވެ. ޔޫރޯގެ ސެމީ ފައިނަލުގައި ދުނިޔޭގެ ޗެމްޕިއަން ޖަރުމަނުގެ މައްޗަށް ފްރާންސުން މިރޭ ކުރި ހޯދީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ.

ޔޫރޯގެ ސެމީ ފައިނަލުގައި ޖަރުމަނާއި ފްރާންސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން 2-0 ލަނޑުން މޮޅުވެ، ފްރާންސުން ވަނީ ފައިނަލުން ޖާގަ ހޯދާފައި --- ފޮޓޯ: އޭޕީ
މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ފްރާންސްގެ ގޯލަށް ޖަރުމަނުން ނުރައްކާތެރި ހަަމަލާތަކެއް އުފައްދާފައިވެ އެވެ. ޖަރުމަނުގެ އެމްރީ ޗޭން އާއި ބަސްޓިއަން ޝުވެންޓެއިގާ އުފެއްދި ނުރައްކާތެރި ހަމަލާތަކެއް ފްރާންސްގެ ގޯލްކީޕަރު ހޫގޯ ލޮރިސް އަށް މަތަކުރަން ޖެހުނެވެ.
މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ފްރާންސަށް ލިބުނު ޕެނަލްޓީއަކުން އެންޓޮއިން ގްރީޒްމަން ވަނީ އެ ޓީމަށް ކުރި ހޯދައިދީފަ އެވެ. ފްރާންސަށް އެ ޕެނަލްޓީ ލިބުނީ ކޯނަރެއްގެ ތެރެއިން ޖަރުމަނުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޝުވެންސްޓެއިގާ ބޯޅަގައި އަތްލުމުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ފްރާންސް ކުރީގައި އޮވެގެންނެވެ.

ޔޫރޯގެ ސެމީ ފައިނަލުގައި ޖަރުމަނާއި ފްރާންސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން 2-0 ލަނޑުން މޮޅުވެ، ފްރާންސުން ވަނީ ފައިނަލުން ޖާގަ ހޯދާފައި --- ފޮޓޯ: އޭޕީ
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ވެސް ޖަރުމަނުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އެވެ. ނަމަވެސް ފްރާންސުން ޑިފެންސިވް ކުޅުމަކާއެކު ދެވަނަ ހާފު ފެށުމުން ޖަރުމަނަށް އެ ވަގުތުކޮޅު ތެރޭގައި ފްރާންސްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވެ އެވެ.
މެޗުގެ 72 ވަނަ މިނެޓުގައި ފްރާންސުން ވަނީ އިތުރު ލަނޑެއް ޖަހައި ފަރަގު ބޮޑުކޮށްފަ އެވެ. ފްރާންސަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ގްރީޒްމަން އެވެ. އޭނާ އެ ލަނޑު ޖެހީ ޕޮގްބާ ނަގައިދިން ހުރަސް ކީޕަރު ނޯޔާ ދިފާއުކުރުމާއެކު ޖަރުމަނުގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށް ހުއްޓާ ލިބުނު ބޯޅައިން އުފެއްދި ހަމަލާ އަކުންނެވެ. އެއީ މުބާރާތުގައި އޭނާ ޖެހި ހަ ވަނަ ލަނޑެވެ. މި ވަގުތު މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ވެސް ގްރީޒްމަން އެވެ.

ޔޫރޯގެ ސެމީ ފައިނަލުގައި ޖަރުމަނާއި ފްރާންސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން 2-0 ލަނޑުން މޮޅުވެ، ފްރާންސުން ވަނީ ފައިނަލުން ޖާގަ ހޯދާފައި --- ފޮޓޯ: އޭޕީ
އެ ލަނޑަށްފަހު ޖަރުމަނުން ލަނޑެއް ޖެހޭތޯ މަސައްކަތްކުރި އެވެ. އެގޮތުން ކުޅުން ރަނގަޅުކޮށް ޖަރުމަނުގެ ޑިފެންޑަރު ބެނެޑިކްޓް ހޮވޭޑެސް އާއި ބަދަލު ކުޅުންތެރިޔާ ލެރޯއީ ސޭން އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެ އެވެ.
މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ވެސް ޖަރުމަނަށް ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔަ އެވެ. ޖަރުމަނުގެ ޝްކްރޮޑާން މުސްތާފީ އާއި މާރިއޯ ގޮޓްޒޭ އަށް ލިބުނު ފުރުސަތުން ފްރާންސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުފެއްދި ހަމަލާ ވެސް ގޯލާ އަމާޒުވެފައެއް ނުވެ އެވެ.
ފައިނަލުގައި ފްރާންސް ނުކުންނަން ޖެހޭނީ ޕޯޗުގަލާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ރޭ 12:00ގައެވެ.