07 Jul 2016, 21:03
އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކްލަބު މެންޗެސްޓާ ސިޓީ އަށް ފުރަތަމަ ފަހަރަށް އީ-ސްޕޯޓްސް ކުޅުންތެރިއެއް ގެނެސްފި އެވެ.
މެންޗެސްޓާ ސިޓީއާއެކު ސޮއިކޮށްފައިވާ އުމުރުން 18 އަހަރުގެ ކިއެރެން ބްރައުން އަކީ ވީޑިއޯ ގޭމް "ފީފާ" ކުޅުމުގައި މަޝްހޫރުކަން ހޯދާފައިވާ އީ-ސްޕޯޓްސް ކުޅުންތެރިއެކެވެ.
އީ-ސްޕޯޓްސް ކުޅުންތެރިން ގެނައި ހަމައެކަނި ފުޓްބޯޅަ ކްލަބަކީ މެންޗެސްޓާ ސިޓީއެއް ނޫނެވެ. އިނގިރޭސިވިލާތުގެ ވެސްޓް ހާމް ޔުނައިޓެޑާއި ޖަރުމަނުގެ ވޮލްފްސްބާގަށް ވެސް ކުރިން އީ-ސްޕޯޓްސް ކުޅުންތެރިން ގެނެސްފައިވެ އެވެ.
"މިއީ ކްލަބަށް ވެސް އަދި އަހަރެންނަށް ވެސް މުޅިން އާ ކަމެއް. މެންޗެސްޓާ ސިޓީގެ ޔޫޓިއުބް ޗެނެލަށް އަހަރެން ވީޑިއޯ ހަދައިދޭނަން. އަދި ސިޓީގެ ފަރާތުން ކުރިއަށް އޮތްތާ މުބާރާތްތަކުގައި އަހަރެން ވާދަކުރާނަން،" ސިޓީއާއެކު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ބްރައުން ބުންޏެވެ.
މެންޗެސްޓާ ސިޓީގެ މީޑީއާ އެންޑް އިނޮވޭޝަންގެ ނައިބު ރައީސް ޑިއޭގޯ ގިގްލިއާނީ ވިދާޅުވީ، އީއޭ ސްޕޯޓްސްގެ ފީފާ ގޭމުގައި ޓީމެއްގެ ގޮތުގައި މެންޗެސްޓާ ސިޓީ ނަގައިގެން ކުޅޭ ސަޕޯޓަރުން ބައިވެރިކުރަން އެ ކްލަބުން ބޭނުންވާ ކަމަށާއި ގޭމިން މުބާރާތްތަކުގައި ސިޓީގެ ފަރާތުން ވާދަކުރަން ބޭނުންވާ ކަމަށެވެ.