ކޮޕާ އެމެރިކާގެ ފައިނަލުގައި ޗިލީއާ ދެކޮޅަށް ކުޅުނު މެޗުގެ ޕެނަލްޓީ ޝޫޓް އައުޓުގައި އާޖެންޓީނާ ތަރި ލިއޮނެލް މެސީ ފޮނުވާލި ބޯޅަ ވިއްކާލަން، އެ ބޯޅަ ލިބުނު ޗިލީގެ ސަޕޯޓަރު ނިންމައިފި އެވެ.

ޗިލީގެ ސަޕޯޓަރެއް ކަމަށްވާ ޕެޑްރޯ ވަސްކުއޭޒް އަށް އެ ބޯޅަ ލިބިފައިވަނީ ޕެނަލްޓީ ޖެހި ފަޅީގައި އޭނާ އިނުމުންނެވެ. ޕެނަލްޓީގައި މެސީ ފޮނުވާލި ބޯޅަ ގޮސްފައިވަނީ ގޯލާ އަމާޒުނުވެ، ސަޕޯޓަރުންގެ ތެރެއަށެވެ. ވަސްކުއޭޒް އަށް އެ ބޯޅަ ލިބުނީ އެ ހިސާބުންނެވެ.

މެސީ ޕެނަލްޓީ ފޮނުވާލި ބޯޅަ ވިއްކާލުމަށް ވަސްކުއޭޒް މިހާރު ނީލަމަށް ލާފައިވާ އިރު، މިހާރު އެ ބޯޅައިގެ އަގު 27،000 ޔޫރޯއިން މައްޗަށް ވަނީ އަރައިފަ އެވެ.

"ހަގީގަތަކީ ބޯޅައިގެ އަގު މާ މަތިވެއްޖެ ނަމަ، އެ ބޯޅަ އަހަރެންގެ ގޭގައި އޮތުމުން ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހިދާނެ. އަހަރެންނަށް ބޯޅަ ވިއްކާލެވިދާނެ. އެކަމަކު ހާލަތްތަކަށް ވެސް ބަލަން ޖެހޭ،"މާކާއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

ކޮޕާ އެމެރިކާގެ ފައިނަލުގައި ދެވަނަ ފަހަރަށް ޗިލީ އަތުން ބަލިވުމާއެކު މެސީ ވަނީ އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލާކަން އިއުލާންކޮށްފަ އެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ވެސް ޗިލީ އަތުން އާޖެންޓީނާ ބަލިވެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.

މި އަހަރުގެ ކޮޕާ އެމެރިކާގެ ފައިނަލުގައި ޕެނަލްޓީ ނާކާމިޔާބުވި ކުޅުންތެރިންގެ ތެރޭގައި މެސީ ހިމެނެ އެވެ.