ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދު ﷲ އަބްދުއްރަހީމް (ކަޅޭ) ޑީއާރްޕީން ވަކިވެ ވަޑައިގެންފި އެވެ.

މީގެ ކުރިން އެމްޑީޕީ އަށް ސޮއި ކުރެއްވިތާ 24 ގަޑިއިރު ވެސް ނުވަނީސް ސޮއި އަނބުރާ ގެންދެވި އަބްދުއްރަހީމް ޑީއާރްޕީން މިއަދު ވަކިވެ ވަޑައިގެން އެމްޑީޕީ އަށް ސޮއި ކުރެއްވައިފި ކަމަށް އެމްޑީޕީގެ އިސް އޮފިޝަލަކުވެސް ވިދާޅުވި ނަމަވެސް އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ އަދި ޕާޓީއަކާ ގުޅިވަޑައި ނުގަންނަވާ ކަމަށެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އެހެން އޮފިޝަލަކު ވިދާޅުވީ އަބްދުއް ރަހީމް އެމްޑީޕީއާ ގުޅިވަޑައިގަތުމަށްފަހު މިވަގު ހުންނެވީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރަކާއެކު ރަށުން ބޭރުގައި ކަމަށާއި ވަރަށް އަވަހަށް ބޮޑު ޖަލްސާއެއްގައި އަބްދުރައްހީމަށް މަރުހަބާ ކިޔުން އޮންނާނެ ކަމަށެވެ.

ޑީއާރްޕީގެ މީޑިއާ ކޯޑިނޭޓަރު އަލީ ސޯލިހު ވިދާޅުވީ އަބްދުﷲ އަބްދުއް ރަހީމް ޕާޓީން ވަކިވެ ވަޑައިގަތުމަށް ސިޓީ ފޮނުއްވުމަށް މިއަދު ސެކްރެޓަރީ ޖެނެރަލް އަށް ގުޅުއްވެވި ކަމަށާއި ނަމަވެސް ބަންދު ދުވަހަކަށް ވުމުން އޭނާގެ އިސްތިއުފާގެ ސިޓީ ޕާޓީ އޮފީހަށް މިއަދު ބަލައިގެންފައި ނުވާ ކަމަށެވެ.

"ނަމަވެސް އޭނާ ވަނީ މިހާރު ޑީއާރްޕީން ވަކިވެވަޑައިގެންފައި. އެކަން ޕާޓީގެ ލީޑަރުވެސް ވަނީ ކަށަވަރުކޮށްދެއްވާފައި،" އަލީ ސޯލިހު ވިދާޅުވި އެވެ.

އަބްދުއްރަހީމް ޑީއާރްޕީން ވަކިވެ ވަޑައިގަތީ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ 241 ކޮމެޓީގެ މުގައްރިރު އަލީ ވަހީދު އެމްޑީޕީ އަށް ސޮއި ކުރެއްވިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ.