ސްރީލަންކާއިން ވިލާތަށް މަސް އެކްސްޕޯޓު ކުރުމުގެ ހުއްދަ ލިބުމާ އެކު، މަސް ޕްރޮސެސްކުރާ ފެކްޓަރީތައް އަލުން ހުޅުވައިގެން އެގައުމަށް ގާތްގަނޑަކަށް 110 މިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ބެލެވޭ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފި އެވެ.

ލަންކާއިން އެކްސްޕޯޓު ކުރާ މަސް ގަތުމަށް ޔޫރަޕިއަން ޔޫނިއަނުން (އީޔޫ)އިން އެ އިއްތިހާދުގެ މެމްބަރު ގައުމަކަށް 2014 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި މަނާ ކުރުމުގެ ސަބަބުން، ލަންކާގައި މަސް ޕްރޮސެސްކުރާ 36 ފެކްޓަރީއެއް ބަންދުކުރަން ޖެހުނެވެ.

އެހެން ނަމަވެސް ޖޫން 17 ވަނަ ދުވަހު އީޔޫއިން ވަނީ، ލަންކާއިން މަސް އިމްޕޯޓު ކުރުމުގެ ހުއްދަ އެ އިއްތިހާދުގެ މެމްބަރު ގައުމަކަށް އަލުން ދީފަ އެވެ. ހުއްދަ ލިބުމާ އެކު ފުރަތަމަ ފަހަރަށް ލަންކާއިން މަސް ޝިޕްމެންޓެއް ފޮނުވީ ޖޫން 22 ވަނަ ދުވަހު ނެދަލެންޑްސް އަށެވެ.

ލަންކާގެ މަސްވެރިކަމާ ބެހޭ ވަޒީރު މަހިންދަ އަމަރަވީރަ މިއަދު ވިދާޅުވީ، ދޮޅު އަހަރު ދުވަސް ވަންދެން 36 މަސް ފެކްޓަރީ ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވައި، އެންމެ ފުރިހަމައަށް މަސައްކަތް ކޮށްފި ނަމަ އަހަރަކު ދައުލަތަށް 16 ބިލިޔަން ރުޕީސް ނުވަތަ ގާތްގަނޑަކަށް 110 މިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށެވެ.

މިނިސްޓަރ މަހިންދަ އަމަރަވީރަ މިއަދު ވަނީ ލަންކާގައި މަސް ޕްރޮސެސްކުރާ އެންމެ ބޮޑު ފެކްޓަރީއަށް ޒިޔާރަތް ކުރައްވައިފަ އެވެ.

ޓްރޮޕިކްސް ސީ ފުޑްސް ނަމަށް ކިޔާ މި ފެކްޓަރީއަކީ ޖަޕާނަށާއި ރަޝިއާއަށް އެކްސްޕޯޓު ކުރުމަށް ދުވާލަކު ގާތްގަނޑަކަށް ދެ ޓަނުގެ މަސް ޕްރޮސެސްކޮށް ތައްޔާރުކުރާ ފެކްޓަރީއެކެވެ.

މިނިސްޓަރު އަމަރަވީރަ ވިދާޅުވި ގޮތުގައި އީޔޫގެ ގައުމުތަކުން ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ލަންކާގެ މަހާއި ސީފުޑް އިމްޕޯޓު ކުރަން ފެށި ފަހުން މިހާތަނަށް 78 ޓަނުގެ މަސް އެކްސްޕޯޓު ކުރެވިފައިވާ ކަމަށެވެ.