ސްރީލަންކާގެ މިހާރުގެ ސަރުކާރާ ދެކޮޅަށް އެގައުމުގެ ކުރީގެ ރައީސް އަދި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު މަހިންދަ ރާޖަޕަކްސަ ފައްޓަވާފައިވާ މަސައްކަތުގެ ދަށުން، އޭނާގެ ސަރުކާރެއްގައި މިނިސްޓަރުންގެ ގޮތުގައި އައްޔަނުކުރާނެ 50 މީހަކު ހިމެނޭ ޝެޑޯ ކެބިނެޓެއް އެކުލަވާލައިފި އެވެ.

ސްރީލަންކާގެ އިދިކޮޅު ޕާޓީ ސްރީލަންކާ ފްރީޑަމް ޕާޓީގެ ޓިކެޓުގައި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ކުރައްވާ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ، މިދިޔަ އަހަރު އެގައުމުގެ އާންމު އިންތިޚާބަށް ކުރިމަތިލެއްވީ އިދިކޮޅު ޕާޓީގެ ފަރާތުން ބޮޑުވަޒީރުކަން ކުރައްވާނެ މެމްބަރަށް ވުމުގެ އަޒުމާ އެކުގަ އެވެ. އެހެން ނަމަވެސް އެ އިންތިޚާބު ކާމިޔާބުކޮށް، ބޮޑުވަޒީރުގެ މަގާމު ހޯއްދެވީ ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ ރަނިލް ވިކްރަމަސިންހަ އެވެ.

ރަނިލްގެ ދަށުން ޔޫއެންޕީގެ ސަރުކާރެއް ލަންކާގައި ގާއިމުކޮށްފައިވާ އިރު، ރައީސް ރާޖަޕަކްސަ ވަނީ އިދިކޮޅު އެސްއެލްއެފްޕީގެ ފަރާތުން ލަންކާ ސަރުކާރާ ދެކޮޅަށް ބޮޑެތި މަސައްކަތްތަކެއް ފަށައިފަ އެވެ. އެގޮތުން ރާޖަޕަކްސައާ ވާގިވެރިވާ ބައެއް މެމްބަރުން މަޖިލީހުން ހޯއްދަވައި، ގުޅިފައިވާ އިއްތިހާދުގެ ނަމުގައި އިދިކޮޅު އިއްތިހާދެއް އުފައްދައިފަ އެވެ.

ޖޮއިންޓް އޮޕޮޒިޝަންގެ ސިޔާސީ ހަރަކާތްތައް ރާޖަޕަކްސަ ހިންގަވަމުންދާ އިރު އޭނާ މިއަދު ވަނީ 50 މެމްބަރުން ހިމެނޭ ޝެޑޯ ކެބިނެޓެއް އިއުލާން ކޮށްފަ އެވެ.

އެ ކެބިނެޓުގައި ބޮޑުވަޒީރުކަމާއި ޑިފެންސް މިނިސްޓަރުކަމުގެ އިތުރުން ދީންތަކާ ބެހޭ މިނިސްޓަރުގެ ގޮތުގައި ހިމެނެނީ މަހިންދަ ރާޖަޕަކްސަ އެވެ.

ޝެޑޯ ކެބިނެޓުގެ ޓްރާންސްޕޯޓު މިނިސްޓަރުގެ މަގާމަށް މަހިންދަ ރާޖަޕަކްސަގެ ބޭބޭފުޅު ޗަމަލް ރާޖަޕަކްސަ އައްޔަނު ކޮށްފައިވާ އިރު، މަހިންދަގެ ދަރިކަލުން ނާމަލް ރާޖަޕަކްސައަކީ ޝެޑޯ ކެބިނެޓުގެ ފޮރިން މިނިސްޓަރެވެ.

ސްރީލަންކާގެ މިހާރުގެ ސަރުކާރަކީ ތަފާތު 10 ސިޔާސީ ޕާޓީއެއް އެކުލެވޭ ގޮތަށް އުފައްދާފައިވާ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެކެވެ. އެ ކެބިނެޓުގައި ރައީސާއި ބޮޑުވަޒީރު ފިޔަވައި 45 މިނިސްޓަރުން ތިއްބަވަ އެވެ. އަދި ކެބިނެޓުގެ ބޭރުން 20 ޑެޕިއުޓީ މިނިސްޓަރުންނާއި 25 ސްޓޭޓް މިނިސްޓަރުން ވެސް ތިއްބަވަ އެވެ.