07 Jul 2016, 18:07
އިރާގާ ދެކޮޅަށް އެމެރިކާ އާއއި އިނގިރޭސިވިލާތުން ކުރި އުދުވާނީ ހަނގުރާމައާބެހޭގޮތުން އިނގިރޭސި ލޯޑް ޖޯން ޗިލްކޮން މިދިޔަ ބުދަދުވަހު ނެރުއްވި ތަހްގިގީ ރިޕޯޓާ ގުޅިގެން އޭރުގެ އިނގިރޭސި ބޮޑުވަޒީރު ޓޯނީ ބްލެއަރ އާއި އެމެރިކާގެ ރައީސް ޖޯޖް ޑަބްލިޔުބުޝްގެ އަނިޔާވެރިކަމާއި ދުނިޔޭގެ އަމަނާއި ސުލްހައަށް އެދެބޭފުޅުންގެ ނުރައްކާތެރިކަން އަނެއްކާވެސް މިވަނީ ދުނިޔެއަށް ހާމަވެފައެވެ.
ހަތް އަހަރުގެ ލަސްކުރުމަކަށްފަހު ނެރުނު ޗިލްކޮންގެ ރިޕޯޓްގައި އެއްވެސް އައު ކަމެއްނެތެވެ. އޭގައި ހުރީ މުޅިންވެސް އެންމެންނަށް އެނގޭ ހަގީގަތްތަކެވެ. އެމެރިކާ އިސްވެ އޮވެގެން އިރާގާ ދެކޮޅަށްކުރި އުދުވާނީ އަދި ޣައިރު ގާނޫނީ ހަނގުރާމައިގާ އިނގިރޭސިވިލާތް ބައިވެރިވީ ހަނގުރާމައެއްގައި ބައިވެރިވާންޖެހޭ ފަދަ ގާނޫނީ ސަބަބުތައް ނެތިކަމާއި އެހަނގުރާމައިގެ ސަބަބުން ބޭކާރުގޮތެއްގައި އިނގިރޭސި ސިފައިންގެ ދުއިސައްތައަށްވުރެ ގިނަމީހުން މަރުވި މައްސަލައާއި އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށްބުނެ ބުޝްއާއި ބްލެއަރ ދޮގުހައްދަވައި ހަގީގަތް އޮޅުވާލެއްވި ވާހަކަތަކެވެ.

ބުޝް އާއި ބްލެއަރ ގެ ސިފައިން 2003 ވަނަ އަހަރު އިރާގަށް ހަމަލާތައްދެނީ
ނަމަވެސް އިރާގާ ދެކޮޅަށް ބުޝްއާއި ބްލެއަރ ކުރެއްވި ޣައިރު ގާނޫނީ ހަނގުރާމައިގެ ސަބަބުން އިރާގުގެ މިލިޔަނަކަށްވުރެ ގިނަ އާންމުން މަރުވެ މުޅި އިރާގު ސުންނާފަތިވެ އިރާގުގެ ދައުލަތް ރޫޅި އެގައުމުގެ ޓެރަރިޒަމްގެ މަރުކަޒަކަށް ބަދަލުވެގެން ދިޔަމައްސަލައަށް މާބޮޑަށް އިޝާރާތްކޮށްފައެއް ނުވެއެވެ.
އިރާގާ ދެކޮޅަށްކުރި މިހަނގުރާމަ ކޮށްފައިވަނީ ހަގީގަތަށް ބަލާއިރު ސައްދާމް ހުސައިންއާ ދެކޮޅަކަށް ނޫނެވެ. އިރާގަކީ އިސްރާއީލާ ކުރިމަތިލެވޭފަދަ އަސްކަރީ އަދި އިގްތިސާދީ ބާރަކަށްވާތީ އިރާގު ފަނާކޮށް ފުނޑުފުނޑު ކޮށްލުމުގެ ބޭނުމުގައެވެ. ބުޝްއާއި ބްލެއަރ ކުރެއްވި ޣައިރު ގާނޫނީ ހަނގުރާމައަށްފަހު ކުރީގެ ބާރުގަދަ އިރާގެއް ނެތެވެ. އޮތީ ޓެރަރިޒަމްގެ ހާއްޔެކެވެ. ބޮންގޮއްވުމާއި ބަދަލުހިފުމުގެ ރޫހުގައި ޓެރަރިޒަމްގެ އަމަލުތައް ހިންގާ އައިއެސްފަދަ ތަކްފީރީ ޓެރަރިސްޓް ޖަމާއަތްތަކެވެ. މިޖަމާއަތްތަކުގެ ބޮން ގޮއްވުމުގެ ޙަމަލާތަކުގައި ކޮންމެ ދުވަހަކު އިރާގުގެ އެތަށް ސަތޭކަ ބަޔަކު ދަނީ މަރުވެ ފަނާވަމުންނެވެ.

އިރާގު ހަނގުރާމައިގެ ޝިކާރައަކަށްވި އިރާގުގެ އާންމުންގެ ހިތާމަ
ބުޝްއާއި ބްލެއަރ ގެ ހަނގުރާމައަށްފަހު އިރާގުވަނީ ސުންނީންނާއި ޝިޔައީންނާއި ކުރުދީންގެ ކުދިކުދި ޕޮކެޓްތަކަކަށް ބައިބައިވެފައެވެ. އިރާގުގައި މަރުކަޒީ ސަރުކާރެއް އޮންނަނީ ނަމެއްގައެވެ. އެސަރުކާރުގެ ބާރު، މަދު ސަރަހައްދުތަކަކަށް ހިނގިނަމަވެސް ބާރުހިނގާ ސަރަހައްދުތަކުގައިވެސް އަމްނު އަމާންކަން ގާއިމް ކުރުމުގެ ގާބިލްކަމެއް އެސަރުކާރުގައި ނުވެއެވެ. އައިއެސްފަދަ ޓެރަރިސްޓް ޖަމާއަތްތަކުން ބަދަލުހިފުމުގެ ރޫހުގައި ދޭ ޓެރަރިސްޓް ހަމަލާތަކުން ރައްޔިތުން ސަލާމަތް ކުރުމުގެ ގާބިލްކަމެއް އެސަރުކާރުގައި ނުވެއެވެ.
އިރާގުގައި ހަރަކާތްތެރިވާ އައިއެސްފަދަ ޓެރަރިސްޓް ޖަމާއަތްތަކަކީ އެޖަމާއަތްތަކަށް ބޯލަނބާ މީހުން ފިޔަވައި އެހެން ކޮންމެ މީހަކީ (ސުންނީންކަމަށްވިޔަސް އަދި ޝިޔައީން ކަމަށްވިޔަސް) ކާފަރުންނަށް ހަދައި އެމީހުން އަޅުކަމުގައި މިސްކިތުގައި ތިއްބަސް އެއީ ފެންނަތަނަކުން މަރަންޖެހޭ ކަމަށް ގަބޫލުކުރާ ހައްދު ފަހަނަޅާފައިވާ މުޖްރިމުންގެ ޖަމާއަތްތަކެކެވެ. މިޖަމާއަތްތައް އުފެދުނީ އިރާގު ހަނގުރާމައިގެ ސަބަބުންކަމަށް ޚުދު އެމެރިކާއާއި ހުޅަނގުންވެސް މިއަދު ގަބޫލުކުރެއެވެ.

އިރާގު ހަނގުރާމައިގާ އެމެރިކާއާއި އިނގިރޭސިވިލާތުން މަރާލި އިރާގުގެ އާންމުން
ނަމަވެސް މައްސަލައަކީ ޑިމޮކްރެޓިކް ކަމަށް ދައުވާކުރާ އިނގިރޭސިވިލާތާއި އެމެރިކާގެ މުޖްތަމައުތަކުގައި ބުޝްއާއި ބްލެއަރ ގެ މައްޗަށް ޝަރީއަތް ނުހިންގޭ ކަމެވެ. އެތަށް މިލިޔަން ބައެއްގެ މަރުގެ ޒިންމާ އުފުލަންޖެހޭ މިދެމީހުންނަކީ ހިޓްލަރާއި މޮސިލީނީ ފަދަ މުޖްރިމުންކަމަށް އެދެގައުމުގެ ރައްޔިތުންނަށާއި ސަރުކާރުތަކަށްވެސް ގަބޫލުނުކުރެވޭކަމެވެ. ފަހަރެއްގައި މައްސަލައަކީ އެދެ މީހުންގެ ޖަރީމާތަކުގައި މިލިޔަނުން މަރުވީ މުސްލިމުންކަމަށްވުން އެކަށީގެންވެއެވެ. އަދި ހަލާކުވެ ސުންނާފަތިވީވެސް އިރާގުފަދަ އިސްލާމީ ގައުމެއް ކަމަށްވާތީ ކަމަށް ވެދާނެއެވެ. ނަމަވެސް ބުޝްއާއި ބްލެއަރ އިރާގަށް އަރައިގަތީ އަވަށްޓެރި ގަލްފުގެ އަރަބި ގައުމުތަކުގެ ތާއީދާއި އެހީތެރިކަންވެސް ލިބިގެންކަމީ އެންމެން ދަންނަ ހަގީގަތެކެވެ.
ޗިލްކޮންގެ ރިޕޯޓަށްފަހުވެސް ބްލެއަރވަނީ އޭނާ އިރާގާ ދެކޮޅަށް ކުރެއްވި އުދުވާނީ ހަނގުރާމަ ދިފާއު ކުރައްވައި ވާހަކަ ދައްކަވާފައެވެ. އަދި އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން ވެސްވަނީ މިއީ އިބްރަތް ލިބިގަންނަންޖެހޭ ހާދިސާއެއްކަމަށް ވިދާޅުވެ މައްސަލަ ނިންމަވާލައްވާފައެވެ. ބްލެއަރގެ މައްޗަށް ޝަރީއަތް ހިނގުމެއްނެތެވެ.
ޗިލްކޮންގެ ރިޕޯޓަށްފަހު އެމެރިކާގެ ރައީސް ބަރަކް އޮބާމާވެސް ވިދާޅުވެފައިވަނީ މިފަދަ ވާހަކަފުޅެކެވެ. އެތަށް މިލިޔަންބަޔަކު ހައްގަކާނުލައި މަރައި ގައުމެއް ހަލާކުކޮށްލި ޖަރީމާއާ ގުޅިގެން ޖޯޖް ޑަބްލިޔު ބުޝްގެ މައްޗަށް ޝަރީއަތް ހިންގުމުގެ ވާހަކައެއް ނެތެވެ. ކުށެއްނެތި މަރާލި އިރާގުގެ މިލިޔަނެއްހާ މީހުންގެ ހައްގެއް ނެތެވެ. މިއީ ކޮންބާވަތެއްގެ ޑިމޮކްރަސީތަކެއްބާވައެވެ. ކޮންބާވަތެއްގެ އިންސާނީ ހައްގުތަކެއް ގެންގުޅޭ ގައުމުތަކެއް ހެއްޔެވެ؟

އިރާގު ހަނގުރަމައަށްފަހު ސައްދާމް ހުސައިން ދައްޖައްސައި މަރަނީ
ޑިމޮކްރަސީއާއި އިންސާނީ ހައްގުތައް އޮންނަނީ އެދެގައުމުގެ ދޮންމީހުންނަށް އެކަނި ބާވައެވެ. ނޫނީ އިންސާނީ ހައްގުތައް އޮންނަނީ ކުށްވެރިއަކަށް މަރުގެ އަދަބު ދިނުމުން ބާވައެވެ؟ ޣައިރު ގާނޫނީ ހަނގުރާމައެއްކޮށްގެން މިލިޔަނެއްހާ އިރާގު ރައްޔިތުން މުޅި ދުނިޔޭގެ ކުރިމަތީގައި މަރާލައި އދ. ގެ ހުއްދައެއްނެތި އިރާގު ތަޅައި ސުންނާފަތިކޮށް އެގައުމު ޓެރަރިސްޓުންގެ ހާއްޔަކަށް ބަދަލުކޮށްލި ދެމީހެއްގެ މައްޗަށް އެކަމުގެ ކުށުގައި ޝަރީއަތް ނުހިންގޭނަމަ އެއީ ޑިމޮކްރަސީ ތަކަށްވާނެ ބާވައެވެ؟ ނޫނީ ތަހުޒީބު ގައުމުތަކެއްގެ ގޮތުގައި ސިފަކުރެވޭނެ ބާވައެވެ؟
އިނގިރޭސިވިލާތުގައި ތިބި އިންސާނީ ހައްގުތަކަށް ގޮވާލާ އާންމުންގެ ފަރާތްތަކުން ޗިލްކޮން ގެ ރިޕޯޓަށްފަހު ގެންދަނީ ހަނގުރާމައިގެ މުޖްރިމެއްގެ ގޮތުގައި ޓޯނީ ބްލެއަރ ގެ މައްޗަށް ޝަރީއަތް ހިންގުމަށް ގޮވާލަމުންނެވެ. އަދި ލަންޑަންގެ ކުރީގެ މޭޔަރ ކެން ލިވިންގްސްޓޯންވެސް ވަނީ އިނގިރޭސިވިލާތުން އެމެރިކާއާ ގުޅިގެން އިރަގާ ދެކޮޅަށް ކުރީ އިރާގު ގަސްދުގައި ހަލާކުކޮށް ފަނާކޮށްލުމުގެ އިސްތިއުމާރީ ހަނގުރާމައެއް ކަމަށާއި އެހަނގުރާމަ ލީޑްކުރި ލީޑަރުންނާ ހިޓްލަރާ ތަފާތުނެތްކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަދި އިރާގު ހަނގުރާމައިގެ ބޭނުމަކީ އިރާގުގެ މުއްސަނދިކަން ފޭރިގަތުންކަމަށްވެސް ލިވިންގްސްޓޯން ވަނީ ވިދާޅުވެފައެވެ.

ލޯޑް ޖޯން ޗިލްކޮން އޭނާގެ ރިޕޯޓް އިއްވަނީ
އަނެއްކޮޅުން ބްލެއަރ ނިސްބަތްވެ ވަޑައިގަންނަވާ އިނގިރޭސި ލޭބަރޕާޓީގެ ލީޑަރު ޖެރިމީ ކޮބިންވެސްވަނީ ބްލެއަރ ހިންގެވި ޖަރީމާތަކުގެ މައްސަލާގައި އިރާގުގެ ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގެންފައެވެ. ބްލެއަރ ދޮގުހައްދަވައިގެން މިފަދަ ބޮޑު ޖަރީމާއެއް ހިންގެވީ އިނގިރޭސި ހައުސް އޮފް ކޮމަންސްއަށްވެސް އޮޅުވާލައްވައިގެން ކަމަށް ޖެރިމީ ކޮބިން ވިދާޅުވިއެވެ. އިނގިރޭސި ބޮޑުވަޒީރަކު ފާޅުގައި ދޮގު ހައްދަވައިގެން އެގައުމުގެ ޕާލަމެންޓަށްވެސް އޮޅުވާލައްވައިގެން ބޮޑެތި ޖަރީމާތަކެއް ހިންގަވައި މިލިޔަނުން މީހުން މެރިއިރުވެސް ވީކަމެއްނެތެވެ. އަދި އޭނާގެ މައްޗަށް ކުރެވޭނެ ކަމެއްވެސް ނެތެވެ. މިއީވެސް ޑިމޮކްރަސީ ބާވައެވެ؟
އެހެންކަމުން މިއީ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ނަމުގައި ހުޅަނގުން ފަތުރާ ޕްރޮޕަގެންޑާތަކުގެ ހަގީގަތާމެދު ވިސްނާލުން ރަނގަނޅު ދަނޑިވަޅެކެވެ. އަދި ހުޅަނގުގެ ގައުމީ މަސްލަހަތު އޮންނަ ކަންކަމުގައި ޑިމޮކްރަސީއާއި އިންސާނީ ހައްގުތައް އެއީ އެގައުމުތަކުން ދަންނަ އެއްޗެއްތޯވެސް ސުވާލުކޮށްލަން ރަނގަނޅު ވަގުތެކެވެ.