07 Jul 2016, 17:50
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ތައްޔާރުކުރާ ފިލްމު "ހާދަރު" މިއަންނަ ހަފްތާގައި ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވާ އިރު، އެ ފިލްމުގެ ޓިކެޓު ވިއްކަން ފަށައިފި އެވެ.
ފިލްމު "ހާދަރު"ގެ އޮފިޝަލު ހުސައިން ހަމީދު މިއަދު "ސަން" އަށް ވިދާޅުވީ ފިލްމުގެ ޓިކެޓު މިއަދު ވިއްކަން ފަށާފައިވާ ކަމަށާއި، ޓިކެޓެއް ވިއްކާނީ 100 ރުފިޔާއަށް ކަމަށެވެ.
ފިލްމުގެ ޓިކެޓު މާލެއިން ލިބެން ހުންނާނީ ބަނޑޭރިކޮށީގައި ހުންނަ ސިފްކޯ ފެމިލީ މާޓާއި އޮލިމްޕަސް ސިނަމާގެ އިތުރުން ސިފައިންގެ ދެ މަރުކަޒު ބަންޑާރަކޮށި އަދި ކަޅުތުއްކަލާ ކޮށިންނެވެ.
ފިލްމު "ހާދަރު" ޕްރިމިއާ ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފްތާގެ ހޮނިހިރު ދުވަހު (16 ޖުލައި 2016) އެވެ. މާލޭގައި އޮލިމްޕަހުގައި ފިލްމު ޕްރިމިއާ ކުރާ އިރު، ހަމަ އެ ރޭ އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ވެސް ފިލްމު ޕްރިމިއާ ކުރުމަށް ހަމަޖެހިފައި ވެ އެވެ.
އަތޮޅު ތެރޭގައި "ހާދަރު" ފިލްމު އަޅުވަނީ ހދ. ކުޅުދުއްފުށި، ޅ. ނައިފަރު، ލ. ގަން، ލ. ފޮނަދޫ އަދި އައްޑޫ ސިޓީގެ މަރަދޫ އަދި ހިތަދޫގަ އެވެ. ފިލްމުގެ ޓީމުން މައުލޫމާތު ދޭ ގޮތުގައި އެ ރަށްރަށުގައި ހުންނަ ސިފައިންގެ މަރުކަޒުތަކުން މާދަމާގެ ވަގުތެއްގައި ފިލްމުގެ ޓިކެޓު ވިއްކަން ފަށާނެ އެވެ.
މާލޭ އޮލިމްޕަސް ސިނަމާގައި ހާދަރުގެ 10 ޝޯ އެޅުވުމަށް ރާވާފައިވާ އިރު، އެ ފިލްމު ޝްވެކް ސިނަމާގައި އެޅުވުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އަދި ސްރީލަންކާގައި ފިލްމު އެޅުވުމުގެ މަސައްކަތް ވެސް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.
ފިލްމު "ހާދަރު" އަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިންވަނަ ދުވަހު ސްރީލަންކާގެ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ގެ ކުލީ ސިފައިންގެ ބަޔަކު މާލެއަށް އަރައި އުދުވާނީ ހަމަލާތަކެއް ދިން ހާދިސާއާ ގުޅުވައިގެން، ސިފައިންގެ ކޯޕަރޭޓިވް ސޮސައިޓީ (ސިފްކޯ)އިން ޕްރޮޑިއުސްކުރާ ފިލްމެކެވެ.
މި ފިލްމަކީ ހަގީގީ ހާދިސާތަކަށް ބިނާކޮށް ހަދާފައިވާ ފިލްމެއް ކަމަށް ފިލްމުގެ ޓީމުން ބުނެ އެވެ. މި ފިލްމު ބިނާވަނީ، ސިފައިންގޭގައި މަސައްކަތް ކުރާ ދެ ބެއިންގެ ހަޔާތަށެވެ. އޭގެ ތެރެއިން އެކަކު ގައުމަށްޓަކައި މަސައްކަތް ކުރުމުގެ މަގު ޚިޔާރު ކުރާ އިރު، އަނެކަކު ޚިޔާރު ކުރާ ނުބައި މަގުގެ ސަބަބުން އޭނާ ވެއްޓެނީ ސިޔާސީ ފައިދާތަކެއް ނަހަމަ ގޮތުގައި މަސައްކަތް ކުރާ މުޖުރިމެއްގެ މުށުތެރެއަށެވެ.
ފިލްމު "ހާދަރު"ގެ ވާހަކަ ލިޔެފައިވަނީ މަޝްހޫރު ލިޔުންތެރިޔާ (ބިންމާ) އިބްރާހިމް ވަހީދެވެ. އަދި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ އަޝްހަަރު ވަހީދެވެ.