21 May 2011, 17:37
ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުން ތަމްސީލް ކުރައްވާ އެންމެ މުހިންމު ފަހުލަވާން އަލީ ވަހީދު "އުފުރާލައިގެން" ވަނީ އެމްޑީޕީގެ ރީދޫ ކޭމްޕަށް ގެންގޮސްފަ އެވެ. އެއާއެކު ދެން ރާއްޖޭގެ ސިޔާސީ ޗާޓް އެންމެ މުހިންމު ލޮކޭޝަން، މަޖިލިސްގެ ތަޅުމަށް މުހިންމު ބަދަލުތަކެއް އަންނާނެ ކަން މިހާރު ވަނީ ޔަގީންވެފަ އެވެ. ރީނދޫ ކޭމްޕަށް އަލްހާން ފަހުމީ ވަނުމާ އެކު މަޖިލީހުގައި އޮޕޮޒިޝަންގެ އަޑަށް ހީނަރުކަމެއް އައި އުސޫލުން މިފަހަރު އަންނަ ތަޅުމަށް އަރާ ގުޑުން އެތައް ގޮތަކުން ވަރުގަދަވާނެ އެވެ. އޮޕޮޒިޝަންގައި ރިހި ރިހި އޮތް ފައިގެ މައްޗަށް ފޮއި މިއަދު ވެއްޓި އޮޕޮޒިޝަނަށް ރިހުން ވަނީ ބޮޑު ވޭނަކަށްވެފަ އެވެ.
މިހާރަށް ބަލާއިރު މަޖިލީހުގެ ޗާޓަށް ވަނީ ބަދަލު އައިސްފަ އެވެ. ހަތްދިހަ ހަތް މެންބަރުންގެ ބޮޑު މަޖިލީހުގެ ތެރެއިން އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑީއާރްޕީގެ ކޯލިޝަންގެ ބައިބަޔަށް ކެވެލި ޖެހެމުން ގޮސް މިހާރު ތިބީ 33 މެންބަރުންނެވެ. މެންބަރުންގެ "ޓްރާންސްފާ ބާޒާރު"ގައި އުޅޭ ވެރިކަންކުރާ ޕާޓީ އެމްޑީޕީ ކޯލިޝަން ވަނީ 34 މެންބަރުން ހަމަކޮށް މަޖިލީހުގެ ޗާޓްގެ ބޮޑުބައެއްގައި ރީނދޫ ކުލަ ޖައްސާފަ އެވެ. މުޅި ޗާޓަށް ބަލާއިރު މިއަދަކު ލިބެނީ އެމްޑީޕީއާ އެކު ކޯލިޝަން ހަދާފައިވާ ލޭބާ ޕާޓީގެ ރެޑް ވޭވް ސަލީމް ހިމެނޭ ގޮތަށް ހިސާބު ޖެހީމަ އެވެ.
މި ހިސާބުތަކަށް ބަލައިލުމުން ޗާޓުން ސާފުކޮށް މަންޒަރު ފެނެ އެވެ. އެ މަންޒަރުން ދައްކައިދެނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ޑީއާރްޕީގެ ލީޑަރު، ކެންދޫ ދާއިރާގެ މެންބަރު އަހުމަދު ތަސްމީން އަތުން ގެއްލި އެ މަގާމު އެމްޑީޕީއަށް ލިބުމެވެ. މާނައަކީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ރައީސް ރީކޯ މޫސާ މަނިކަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ލިބުމެވެ. އެއީ މިހާތަނަށް ވެސް ތަސްމީނަށް މެޖޯރިޓީ ލީޑަރެއްގެ ލަގަބު ލިބިފައި އޮތީ ޑީއާރްޕީ ކޯލިޝަންގެ ތެރެއިންނެވެ. އެހެންވުމުން މިހާރުގެ ސިޔާސީ ހަގީގަތަކީ ޗާޓުގައި ޑީއާރްޕީގެ ލީޑަރު ތަސްމީން އަލީ މައިނޯރިޓީ ލީޑަރަކަށްވެ، 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޗާޓް ފުރޮޅުމަކަށް ގޮސްފައިވާ ކަމެވެ.
ރޭ މާލޭގައި އޮތް އެމްޑީޕީގެ ތާރީހީ ޖަލްސާގައި ރައީސް ނަޝީދު ވަނީ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ކަމުގެ އިޝާރާތެއް ކުރައްވާފަ އެވެ. ނަމަވެސް އޭގެ ހަގީގަތަކީ ކޮބައިބާ އެވެ؟ މަޖިލީޙުގެ މެންބަރުންގެ ފޯމޭޝަންގެ ހިސާބުތަކަށް ބަލާއިރު އިދިކޮޅު މެންބަރުން ބެހިފައިވާ ގޮތަކީ، ޑީއާރްޕީގެ 26 މެމްބަރުންނާއި ޕީއޭގެ ހަތް މެމްބަރުން އަދި ޖުމްހޫރީ ޕާޓީގެ ތިން މެންބަރުނާއި އަދި ގިނަ ފަހަރަށް ސަރުކާރާ ދެކޮޅަށް ވަކާލާތު ކުރައްވާ އަދި ވޯޓުދެއްވާ ގައުމީ ޕާޓީއަށް ނިސްބަތްވާ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދާއި ގުރައިދޫ ދާއިރާގެ އިބްރާހީމް ރިޒާ އާއި ކުޑަހުވަދޫ ދާއިރާގެ އަހުމަދު އާމިރު އާ އެކު އިދިކޮޅަށް 39 މެންބަރުންނާ އެކު މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ފަރާތަކުގެ އަތުގައި ހަނިގޮތަކަށް ނަމަވެސް އޮތުމެވެ. ދެން އޮތީ މިނިވަން މެންބަރުންގެ ވާހަކަ އެވެ. އެ ބޭފުޅުން މިހާތަނަށް އަމަލުކުރައްވާފައިވާ ގޮތަށް ބަލާއިރު އެ ބޭފުޅުންގެ ނިންމުން ބުރަވާ ކޮޅާ މެދު ޝައްކެވެ. އަދި ވޯޓުދެއްވާފައި ވަނީ ދެކޮޅަށް ވެސް ކިރޭ ގޮތަށެވެ. މިނިވަން ކަމާ އެކު ވަކި ކޮޅަކަށް ފާޅުގައި ވަކާލާތު ނުކުރައްވާ މަޖިލީހުގައި ވަކާލާތުކުރައްވާ މެންބަރުންގެ ގޮތުގައި ތިބީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއި މީދޫ ދާއިރާގެ އަހުމަދު ޝިޔާމް މުހައްމަދާއި ކާށިދޫ ދާއިރާގެ އިސްމާއީލް އަބްދުލް ހަމީދާއި މި ތިން ބޭފުޅުންނެވެ.
މަޖިލީހުގެ އަގުލަބިއްޔަތަކީ 39 ކަމަށްވުމުން އިތުރު ފަސްމެންބަރަކު އެމްޑީޕީއަށް ލިބުމުން ނަޝީދުގެ ދެކެމުން އަންނަ ސިޔާސީ ހުވަފެން ހަގީގަތަކަށް ވާނެ އެވެ. ހަލަބޮލި ސިޔާސީ މައިދާނުގެ ވާހަކަތައް ހުރި ގޮތުން އިތުރު މެންބަރުންތަކެއް ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެމްޑީޕީއަށް ސޮއިކުރާނެ އެވެ. އަދި މިހާރު މިއޮތް ގޮތުން މަޖިލިސް އަލުން މަސައްކަތައް ދާއިރު މުޅިން އައު މަންޒަރުތަކެއް ފެންނާނެ އެވެ. މުޅިން އައު އަޑުތަކަކާއި ކުލަތަކެއް ފަވާލެވިގެން އަންނާނެ އެވެ.
މިހާތަނަށް މަޖިލީޖުގައި އިދިކޮޅުގައި ހުންނަވައިގެން އެމްޑީޕީގެ ރީނދޫ ކޭމްޕަށް ފާޑު ވިދާޅުވަމުން ވަޑައިގެންނެވި އަލީ ވަހީދު ވަނީ ރައްޔިތުންގެ މަޖިލިސް ދެން ހުޅުވުމުން ޗާޓް އަލުން ކުރައްސަވާނެ ކަމަށް ވިދާޅުވެފަ އެވެ.
"ދެން ރައްޔިތުންގެ މަޖިލިސް ހުޅުވުނީމަ ޗާޓް ވެސް ކުރަހާނަން، އެ ޗާޓްގެ އެތެރެ ވެސް އިނގޭނެ، އެ ޗާޓްގެ މައްޗަށް އަރައި ދިވެހިރައްޔިތުންނަށް ފައިދާ ހުރި ކަންތައްތަކަށް ހުރަސްއަޅާ މީހުން އެއްކައިރިކޮށްފައި ވެސް މިސަރުކާރު ކުރިއަށް ގެންދާނަން،" އަލީ ވަހީދު ވިދާޅުވިއެވެ. މި ވާހަކަތަކުންނާއި ރައީސްގެ ވާހަކަފުޅުތަކާއި އަދި ބަދަލުވަމުންދާ ހަގީގަތަށް ބަލާއިރު މިއިން ދައްކައިދެނީ ދެން މަޖިލީސް ހުޅުވޭނީ މުޅި ތަޅުމުގެ ޗާޓު ބޮޑުތަނުން ބަދަލުވާނެ ކަމެވެ.
މިހާރުގެ ހާލަތަށް ބަލާއިރު ވެސް "ފާޑަކަށް" އެމްޑީޕީ ފަޅި ވަނީ ބޮޑުވެފަ އެވެ. މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު ވިދާޅުވީ މަޖިލީހުގެ ގަވައިދާ އެއްގޮތަށް މެންބަރަކު ޕާޓީއަކަށް ބަދަލުވުމުން އަމަލު ކުރަން ޖެހޭ އުސޫލުތަކުގެ ތެރެއިން މެޖޯރިޓީ ލީޑަރު ބަދަލުވާ ނަމަ އެކަން މަޖިލީހަށް ބަލައިގަނެވޭނީ ބަދަލުވި މެންބަރުން އެކަން މަޖިލީހަށް ރަސްމީކޮށް އެންގުމުން ކަމަށެވެ.
"އަދި ބައެއް މެންބަރުން ނާންގަވާ ތިއްބެވީ، ޕާޓީގެ ލިޑަރުގެ ސިޓީއަކާ އިލެކްޝަންސް ކޮމިޝަންގެ ސިޓީއަކާ މެންބަރުގެ ސިޓީއެއް މަޖިލީހަށް ބޭނުންވާނެ،" އަހުމަދު ވިދާޅުވި އެވެ.