07 Jul 2016, 14:55
ބާސެލޯނާގެ އާޖެންޓީނާ ފޯވާޑް ލިއޮނަލް މެސީގެ މައްޗަށް ޓެކުހަށް މަކަރު ހެދިކަމުގެ ކުށް ސާބިތުވެ 21 މަސްދުވަހުގެ ޖަލުހުކުމެއް އިއްވާފައިވާ މި ދަނޑިވަޅުގައި އޭނާ ބާސެލޯނާ ދޫކޮށްލާ ނަމަ، ރެކޯޑް ފީއަކަށް އޭނާ ގެންދަން އިނގިރޭސި ކްލަބް ޗެލްސީން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އިނގިރޭސި އޮންލައިން ނޫސް 'ދަ ސަން' އިން ބުނެފައިވާ ގޮތުން މެސީގެ ބައްޕަ ވަނީ ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗާ ބައްދަލުކޮށްފައެވެ. ޓެކްސްގެ މައްސަލައިގައި ބާސާއިން މެސީ ދޫކޮށްލަފާނޭ ކަމަށް އަޑުފެތުރިފައިވާ މިދަނޑުވަޅުގައި މެސީގެ ބައްޕަ ޖޯޖް މެންޑޭޒް ރަޝިއާގެ މަހުޖަނު ރޯމަން އާ ބައްދަލުކޮށްފައި ވަނީ އޭނާގެ 1.5 ބިލިއަން ޑޮލަރުގެ އަގުބޮޑު ޔޮޓް، "ދަ އިކްލިޕްސް"ގައެވެ.

ޓެކުހައް މަކަރު ހެދިކަމުގެ ކުށް ސާބިތުވެ 21 މަސްދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ބާސާގެ ފޯވާޑް ލިއޯ މެސީ -- ފޮޓޯ: ގޯލް
ޗެލްސީން ވަނީ ބާސާއިން، 29 އަހަރުގެ މެސީ ދޫކޮށްލާނަމަ، ސްޕެއިންގެ ޗެމްޕިއަނުންނަށް 110 މިލިއަން ޕައުންޑުގެ ފީއެއް ހުށަހެޅުމަށް ތައްޔާރުވެފައެވެ. އަދި މިހާރު ބާސާއިން އޭނާއަށް ހަފްތާއަކު ލިބޭ 600،000 ޕައުންޑުގެ ފީއަށްވުރެ ރަނގަޅު އުޖޫރައެއް ޗެލްސީން މެސީއަށް ދޭނޭކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ޗެލްސީގެ އިތުރުން މެންޗެސްޓާ ސިޓީންވެސް ވަނީ މެސީ ހޯދުމުގެ ރޭހަށް ވަދެފައެވެ. އެގޮތުން ސިޓީން މެސީއަށް ހަފްތާއަކު 800،000 ޕައުންޑްގެ އުޖޫރައެއް ހުށަހަޅާނޭ ކަމުގެ އަޑުތަކެއްވެސް ވަނި ފެތުރިފައެވެ.