07 Jul 2016, 14:29
ޑެންގީ ހުން ޖެހިގެން ކުޑަ ކުއްޖަކު މިއަދު މަރުވެއްޖެ އެވެ. އެ ކުއްޖާ މަރުވީ މިއަދުގެ ވަގުތެއްގައި އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށެވެ. ޑެންގީ ހުން ޖެހިގެން މިއަދު މަރުވީ ލ. އިސްދޫ ޗަމްޕާގޭ މުހައްމަދު ޒައިން ހަމީދު، 12 އެވެ.
އިސްދޫ ކައުންސިލުގެ ނައިބު ރައީސް މުހައްމަދު ލުތުފީ "ސަން"އަށް މިއަދު ވިދާޅުވީ ޒައިން މަރުވީ މިއަދު ހެނދުނު 11:00 އެހާކަށްހާއިރު ކަމަށެވެ.
"އޭނާ މާލެ ގެނައީ މީގެ ތިން ދުވަސް ކުރިން. ފުރަތަމަ އޭނާ އަށް ފަރުވާ ދިނީ އިސްދޫ ހެލްތު ޕޯސްޓުން. ދެން އެއަށް ފަހު ގަމަށް ގެންދިޔައީ. ގަމުގައި ވެސް އޭނާ އަށް ފަރުވާ ދިނުމަށްފަހު މާލެ މި ގެނައީ،" ލަތީފު ވިދާޅުވި އެވެ.
ލަތީފު ވިދާޅުވީ އިސްދޫގައި ވަރަށް ގަދައަށް ޑެންގީ ފެތުރެމުން އަންނަ ކަމަށެވެ. އަދި ބޮޑަށް ޑެންގީ ޖެހެނީ އުމުރުން 12 އަހަރަށް ވުރެ ދަށް ކުދިންނަށް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ރަށުގެ ހާލަތު ވަރަށް ސީރިއަސް ކަމަށެވެ.
"މިހާރު ވެސް އިސްދޫ ހެލްތު ޕޯސްޓުގައި ހަތަރު ކުދިން އެބައޮތް. ގަމުގައި ވެސް އެބައޮތް. ދެން އަޅުގަނޑު ދަންނަވާލަން ބޭނުން ވަރަށް ވިއްސާރަ ދުވަސްކޮޅެއް އިނގޭތޯ އަޅުގަނޑުމެން ރަށަށް. މިއަދު ވެސް މިއީ އަޅުގަނޑުމެން ރަށް ސާފުކުރަން ކަނޑައަޅާފައި އޮތް ދުވަހެއް. އެކަމަކު ހަމަ ވިއްސާރަ ވެހޭ ވަރުން ކެންސަލް ކޮށްލީ މި." ލަތީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑެންގީ ހުން ރަށު ތެރޭގައި އިތުރަށް ފެތުރުނަ ނުދިއުމަށް ޓަކައި ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ޑެންގީ ޖެހިގެން ކުއްޖަކު މިއަދު މަރުވެފައިވާ އިރު މިދިޔަ ޖޫން މަހުގެ ތެރޭގައި ހެލްތު މިނިސްޓްރީން ބުނީ މަދިރީގެ ޒަރީޔާ އިން ޖެހޭ ނުރައްކާތެރި ބައްޔެއްކަމަށްވާ ޑެންގީ ޖެހިގެން ރިޕޯޓްކުރާ މިންވަރު ދަށްވަމުން އަންނަ ކަމަށެވެ.