އެއީ މީގެ 12 އަހަރު ކުރިއެވެ. ޕޯޗްގަލްގެ ވެރިރަށް ލިޒްބަންގެ އެސްޓާޑިއޯ ޑަ ލޫޒްގައި 2004ގެ ޖުލައި މަހުގެ 4 ވަނަ ދުވަހު ކުޅުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ޕޯޗްގީޒްގެ ގައުމީ ޓީމަށް ކުރިމަތިލާން ޖެހުނު ހިތްދަތިކަން އެޓީމުގެ ކުޅުންތެރީންނާއި ސަޕޯޓަރުންގެ ހިތުން އަދި އަދަށްދާންދެންވެސް ފިލައިގެން ނުދާނެއެވެ.

މިފަހަރުގެ ޔޫރޯގައި ޕޯޗްގީޒްގެ ކެޕްޓަން ބޭންޑު އަޅައިގެން ހުރި ހުނަރުވެރި ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނީ، މިއީ މުޅިން ތަފާތު އަހަރެއް ކަމަށާއި މީގެ ކުރީން ގައުމީ ޓީމަށް އޭނާ ކުޅުނު ފައިނަލް މެޗުގައި ވީގޮތަށް ޔޫރޯ 2016ގެ ފައިނަލްގައި ނުވާނޭ ކަމަށެވެ.

އަމިއްލަ ފަސްގަނޑުގައި 2004 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލްގައި ގްރީސް އަތުން ހިތްދަތިގޮތަކަށް ޕޯޗްގީޒް ބަލިވި އިރު ރެއާލް މެޑްރިޑްގެ މިހާރުގެ ތަރި ރޮނާލްޑޯގެ އުމުރުން ވާނީ 18 އަހަރެވެ.

އެފަހަރުގެ ފޭވަރިޓުންގެ ގޮތުގައި ޕޯޗްގަލް މުބާރާތާ ކުރިމަތިލިއިރު، އެއީ ގްރީސް ޔޫރޯގައި ވާދަކުރި ދެވަނަ ފަހަރެވެ. އަދި އެއީ ބައިނަލްއަގްވާމީފެންވަރުގެ ބޮޑު ފުޓްބޯޅަމުބާރާތެއްގެ ތާރީޚްގައި ވެސް މުބާރާތުގެ އޯޕަނިންގައި ވާދަކުރި ދެޓީމެއް ފައިނަލްގައި ވާދަކުރަން ޖެހުނު ފުރަތަމަ ފަހަރެވެ.

2004 ވަނަ އަހަރުގެ ޔޫރޯ ފައިނަލްގައި ގްރީސްގެ އެންޖެލޯސް ކްރިސްޓީސް ކާމިޔާބުުކުރި ތާރީޚީ ލަނޑު. ޕޯޗްގަލް އަތުން އެފަހަރު ގްރީސް މޮޅުވީ 1-0 ލަނޑުން -- ފޮޓޯ: ދަގާޑިއަން

ރޮނާލްޑޯއާއި އޭނާގެ ޓީމުން މިވަނީ، މުޅިން އަލަށް ޔޫރޯގައި ވާދަކުރި ވޭލްސް، ސެމީ ފައިނަލްގައި ބަލިކޮށް ޔޫރޯ 2016ގެ ފައިނަލުން ޖާގައެއް ހޯދައިފައެވެ. އާދީއްތަ ދުވަހުގެ ރޭ ކުޅޭ ފައިނަލްގައި ޕޯޗްގަލްއާ ދެކޮޅަށް ނުކުންނާނީ މިފަހަރުގެ މުބާރާތް ބާއްވާ ފްރާންސް ނުވަތަ ދުނިޔޭގެ ޗެމްޕިއަން ޖަރުމަނެވެ.

އުމުރުން މިހާރު 31 އަހަރުގެ ޕޯޗްގަލް ކެޕްޓަން ބުނީ، 2004 ވަނަ އަހަރާ އަޅައިކިޔާނަމަ މިހާރު ޕޯޗްގަލްގެ ޓީމާއި އޭނާވެސް ވަރަށް ތަފާތު ކަމަށެވެ.

"އާނ، މިހާރު ވަރަށް ތަފާތު. އޭރު އަހަންނަށް ވާނީ 18 އަހަރު، އެއީ އަހަރެންގެ ފުރަތަމަ ފައިނަލް، އަހަރެން އަލަށް ކުޅުނު ފަހަރު. މިހާރު މިވަނީ 12 އަހަރު ފާއިތުވެފައި، އަހަރެމެން މިވަނީ އަނެއްކާވެސް ފައިނަލަކާ ކުރިމަތި ލާފައި. އަހަރެން ވަރަށް ފަހުރުވެރިވޭ،" ދުނިޔޭގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ރޮނާލްޑޯ ބުންޏެވެ.

2004 ވަނަ އަހަރުގެ ޔޫރޯ ފައިނަލްގައި ގްރީސް އަތުން ޕޯޗްގަލް ބަލިވުމުން ރޮނާލްޑޯއަށް ރޮވިފައި --

"އަހަރެން އަބަދުވެސް ބޭނުންވޭ ގައުމީ ޓީމާއެކު މުބާރާތެއް ކާމިޔާބުުކުރަން. މިއީ އަހަރެމެންގެ ފަހަރުކަމަށް އަހަރެން އުންމީދުކުރަނީ."

ރޮނާލްޑޯ ބުނީ، އޭނާއަށާއި ޕޯޗްގަލް އަށާއި އެޓީމުގެ ކުޅުންތެރީންނަށާއި އަދި އެ ޓީމުގެ ހުރިހާ ސަޕޯޓަރުންނަށް ވެސް މިފަހަރުގެ ޔޫރޯ ހައްގު ކަމަށެވެ.

"އަދި މިހާތަނަށް އަހަރެމެންނަށް މުބާރާތެއް ކާމިޔާބެއް ނުކުރެވޭ، އެއެކަމަކު މިއީ ފައިނަލް. އަހަންނަށް ހިޔެއް ނުވޭ ޕޯޗްގަލް ފައިނަލާ ހަމައަށް ދަތުރުކުރާނޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާނެކަމެއްވެސް. އެކަމަކު އަހަރެމެން މިވަނީ ފައިނަލަށް ގޮސްފައި،" އޭނާ ބުންޏެވެ.

ޔޫރޯ 2016ގެ ސެމީ ފައިނަލްގައި ވޭލްސް އަތުން 2-0 އިން ޕޯޗްގަލް މޮޅުވި މެޗުގައި ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ އޭނާގެ ޓީމާއެކު އުފާފާޅުކުރަނީ -- ފޮޓޯ: ޑެއިލީނައިޖީރިއަން

ފީފާ ބެލޮންޑޯ އެވޯޑް ތިންފަހަރަށް ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ ބުނީ، މިފަހަރުގެ ޔޫރޯ އޭނާގެ ގައުމަށް ހޯދައިދިނުމަށް ވާންޖެހޭ ކޮންމެ ގުރުބާނީއެއްވެސް ވުމަށް ތައްޔާރަށް ހުރި ކަމަށެވެ.

"އަހަރެން މިދަނީ ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުން. ހަމައެކަނި ލަނޑު ޖަހައިގެނެއްނޫން، ވަރުގަދައަށް ކުޅެ، ޑިފެންސްކޮށް، އަދި އެހެންކުޅުންތެރީންނަށް އެހީތެރިވެސް ވެދީގެން،" މިފަހަރުގެ ޔޫރޯ ކާމިޔާބުކުރުމަށް ފެންބޮވައިގެންފައިވާ ޕޯޗްގީޒް ކެޕްޓަން ބުންޏެވެ.

ޔޫރޯ 2016ގެ ސެމީ ފައިނަލްގައި ވޭލްސް އަތުން 2-0 އިން ޕޯޗްގަލް މޮޅުވި މެޗުގައި ރޮނާލްޑޯ ވޭލްސްކޮޅަށް ލަނޑު ޖަހަނީ -- ފޮޓޯ: ދަ އޮލިމްޕިއަން

ރޮނާލްޑޯ ވަނީ 2004 ވަނަ އަހަރުގެ ޔޫރޯގައި ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިފަހަރުގެ ޔޫރޯގައި މިހާތަނަށް ތިން ލަނޑު ކާމިޔާބުކޮށްފައިވާއިރު، އޭނާ ވޭލްސްކޮޅަށް ރޭ ޖެހިލަނޑާއެކު ވަނީ، ޔޫރޯގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ފްރާންސްގެ މިޝޭލް ޕްލެޓިނީ ގާއިމްކޮށްފައިވާ 9 ލަނޑުގެ ރެކޯޑާ އަރައި ހަމަކޮށްފައެވެ.

"މި މުބާރާތް ކާމިޔާބުކުރުމަށް މަސައްކަތްކުރަމުން މިދަނީ 23 ކުޅުންތެރީންގެ ސްކޮޑަކުން އެކަންޏެއް ނޫން. އަހަރެމެންގެ ސަޕޯޓަރުންވެސް ހިމެނޭ. އަހަރެމެންގެ ސަޕޯޓަރުން ދޭ ތަރުހީބުން އަހަރެމެންނަށް ކުރިއަށް ދިއުމަށް އާދަޔާޚިލާފު ހިތްވަރެއް ލިބިގެންދޭ،" ރެއާލްގެ ހުނަރުވެރި ފޯވާޑް ބުންޏެވެ.