07 Jul 2016, 13:04
ދިރާގުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ "ދިރާގު މޯލްޑިވްސް ރޯޑް ރޭސް"ގައި ވައިވެރިވާން ބޭނުންވާ އަމިއްލަ ޖަމިއްޔާ ޖަމާއަތްތައް އަދި އެންޖީއޯތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
ކޮންމެ އަހަރަކު ވެސް ވަކި ޝިއާރެއް ކަނޑައަޅައިގެން ކުރިއަށްގެންދާ ދިރާގު ރޯޑު ރޭހުގެ މި އަހަރުގެ ޝިއާރަކަށް ދިރާގުން ކަނޑަައަޅާފައި ވަނީ "ކުޑަކުދިން ރައްކާތެރިކުރުމާ އެ ކުދިންނަށް ކުރެވޭ ތަފާތު އަނިޔާތައް ހުއްޓުވު"މެވެ.
ދިރާގުން ބުނީ ރޯޑު ރޭހުގައި ބައިވެރިވާން އެދި ހުށަހަޅާ ޖަމިއްޔާތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެވޭނީ މިފަހަރުގެ ޝިއާރާ ގުޅުން ހުރި މަަސައްކަތްތައް ކުރާ ޖަމިއްޔާތަކަށް ކަމަށެވެ.
"އެގޮތުން މި އަހަރު ވެސް ހޮވޭ ޖަމިއްޔާތަކަށް ރޭހުގެ ބައިވެރިން ވޯޓް ލައިގެން އެންމެ ގިނަ ވޯޓް ލިބޭ ފަސް ޖަމިއްޔާއަކަށް، ކޮންމެ ޖަމިއްޔާއަކަށް 20،000 ރުފިޔާގެ ރޭޓުން ޖުމްލަ 100،000 ރުފިޔާ ހަދިޔާ ކުރުމަށް ދިރާގުން މިވަނީ ނިންމަވާފަ އެވެ." ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދް ޖަލީލް ވިދާޅުވި އެވެ.
އިމްޖާދް އިތުރަށް ވިދާޅުވީ މިއީ މިފަދަ ޖަމިއްޔާތަކަށް ފައިސާ ހޯދޭނެ ވަސީލަތެއް ގާއިމްކޮށްދިނުމުގެ ގޮތުންނާއި އެ ޖަމިއްޔާއަކާއި ބެހޭ ގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ ފުރުސަތު ވެސް ހޯދައިދިނުމުގެ މަގްސަދުގައި ކުރެވިގެންދާ ކަމަކަށްވާ އިރު ދިރާގުން ހަދިޔާ ކުރާ ފައިސާގެ އިތުރުން ދުވުމުގެ ބައިވެރިންގެ ޓީޝާޓް ވިއްކައިގެން ވެސް ފައިސާ ހޯދުމުގެ ފުރުސަތު އެ ޖަމިއްޔާތަކަށް ހުޅުވިގެންދާނެ ކަމަށެވެ.
ދިރާގު ރޯޑު ރޭހުގެ ޕާޓްނާ ޖަމިއްޔާއެއްގެ ގޮތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ޖަމިއްޔާތަކަކީ ވޭތުވެ ދިޔަ 12 މަސް ދުވަހުގެ ތެރޭގައި ކުޑަކުދިން ރައްކާތެރިކުރުމާއި އެ ކުދިންނަށްދޭ އަނިއަނިޔާ ހުއްޓުވުމަށް އެދެވޭ މަސައްކަތްތަކެއް ކޮށްފައިވާ އަދި ކުރިޔަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ވެސް ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ރާވާފައިވާ ފަރާތްތަކަކަށް ވާންވާނެ ކަމަށް ދިރާގުން ބުންޏެވެ.
ރޯޑު ރޭހުގައި ބައިވެރިވުމަށް އެދި މިމަހު 16 ކުރިން ހުށަހަޅުއްވަންވާނެ ކަމަށް ދިރާގުން ބުންޏެވެ. ހުށަހަޅަން ޖެހޭ ތަކެއްޗާއި އަދި ވެސް އިތުރު މައުލޫމާތު ރޭހުގެ ވެބްސައިޓްwww.dmrr.mvއިން ލިބިވަޑައިގަންނަވާނެ ކަމަށް ދިރާގުން ބުންޏެވެ.
އަހަރުގެ ރޭސް ބާއްވާނެ ދުވަހާއި ބައިވެރިވުމުގެ ފުރުސަތު ޖުލައި މަހުގެ ފަހުކޮޅުގެ ތާރީހެއްގައި އިއުލާން ކުރުމަށް ހަމަޖެހިފައިވާ އިރު ބައިވެރިވާ އެންޖީއޯތަކާއި އެހެނިހެން ޕާޓްނަރުން ވެސް އެދުވަހު އިއުލާން ކުރެވިގެންދާނެ ކަމަށް ދިރާގުން މައުލޫމާތު ދެއްވަ އެވެ.