07 Jul 2016, 14:03
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފައްޓަވާފައިވާ އިސްލާހީ ޕްރޮގުރާމުގެ ދަށުން ޕީޕީއެމްގެ ހުރިހާ ކޮމެޓީތަކެއް އިސްލާހު ކުރުމަށް ދާދިފަހުން އެޕާޓީން ވަކިކޮށްފައިވާ އެ ޕާޓީގެގެ ކުރީގެ ކައުންސިލް މެމްބަރު އައިމިނަތު ނާދިރާ ރައީސް މައުމޫނަށް ދަންނަވައިފި އެވެ.
ރައީސް މައުމޫނަށް ނާދިރާ މިދިޔަ އަންގާރަ ދުވަހު ފޮނުއްވާފައިވާ ސިޓީފުޅެއްގައި ވިދާޅުވެފައި ވަނީ ސުލޫކް ކޮމެޓީގައި ތިއްބެވި ބޭފުޅުންނަކީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކަމަށެވެ. އަދި އެފަދަ ބޭފުޅުން ތިއްބެވި ކޮމެޓީއަކުން އިންސާފުވެރިކަމާ އެކު މައްސަލައެއް ބެލެވޭނެ ކަމަށް އޭނާ ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސް މައުމޫނަށް ފޮނުއްވެވި ސިޓީގައި ނާދިރާ ވިދާޅުވެފައިވެ އެވެ.
"ވީމާ މަނިކުފާނުގެ އިސްލާހީ ޕްރޮގުރާމުގެ ދަށުން ޕާޓީގެ ކޮމެޓީތައް އިސްލާހު ކުރެއްވުމުގެ މަސައްކަތް ކުރުން މުހިއްމު ކަމަށް ފެންނާތީ މަނިކުފާނަށް މިވާހަކަ ދެންނެވީމެވެ،" ނާދިރާ ވިދާޅުވި އެވެ.
ނާދިރާ ޕާޓީން ވަކި ކުރުމުގެ ކުރިން ރައީސް މައުމޫނަށް ފޮނުއްވާފައިވާ އެ ސިޓީގައި ނާދިރާ ވިދާޅުވީ ސުލޫކް ކޮމެޓީން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެ ކޮމެޓީގެ ނައިބު މުގައްރިރު އޭނާ އެ ކޮމެޓީ އަށް ޖަވާބުދާރީ ވުމަށް އެދި ވައިބާއިން މެސެޖެއް ކޮށްފައިވާ ކަމަށެވެ. އަދި އެ މެސެޖު ނާދިރާއަށް ލިބިވަޑައިގަތީ މިދިޔަ އަންގާރަ ދުވަހުގެ 11:12ގައި ކަމަށް ނާދިރާ ވިދާޅުވި އެވެ.
"އަޅުގަނޑު ހާޒިރުވާ [ސުލޫކް ކޮމެޓީއަށް ހާޒިރުވާން] އެދިވަޑައިގެންފައި ވަނީ މިއަދު [މިދިޔަ އަންގާރަ ދުވަސް] މެންދުރު ފަހު 2:00ގައި. މައްސަލައަށް ފުރިހަމައަށް ޖަވާބުދާރީވާން މިހާ ކުޑަ ވަގުތު ކޮޅެއް ދެއްވުމަކީ އިންސާފުވެރި ގޮތެއް ކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެ އެވެ." ނާދިރާ ވިދާޅުވި އެވެ.
ނާދިރާއަކީ މި ސަރުކާރުގެ ޖެންޑާ މިނިސްޓްރީގެ ކޯޑިނޭޓަރު ކަމުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ނަމަވެސް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެ، ޓުވީޓެއް ކުރެއްވުމުން އޭނާ ވަނީ އެ މަގާމުން ވަކިކޮށްފަ އެވެ.
މަގާމުން ވަކި ކުރެއްވުމުން ނާދިރާ ކުރި ޓުވީޓެއްގައި ވިދާޅުވީ އޭނާ މަގާމުން ވަކިކުރީ އިއުލާންނުކޮށް ރިސޯޓު ތަރައްގީކުރުމަށް ރަށްތައް ދޫކުރުމާ ދެކޮޅަށް ޓުވީޓު ކުރެއްވުމުން ކަމަށެވެ.
އެގޮތަށް ޓުވީޓުކޮށްގެން މިއަދު ވަޒީފާ އިން ވަކިކުރި ނަމަވެސް އެއީ ގައުމުގެ ހައްގުގައި ވިދާޅުވި އެއްޗެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ނާދިރާގެ އިތުރުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީނު ވެސް މިދިޔަ އަންގާރަ ދުވަހު ޕީޕީއެމްގެ ސުލޫކް ކޮމެޓީން ވަނީ ޕީޕީއެމް އިން ވަކިކޮށްފަ އެވެ.