21 May 2011, 17:27
ކުރީ ސަރުކާރުގެ ވެރިކަމުގައި ޖަލުތަކުގައި ގައިދީންނަށް ލާއިންސާނީ އަދަބުތައްދީ އެމީހުންނާ މެދު ޖަރީމާ ހިންގާފައިވާ ކަމަށް ބުނެ ފުލުހުން ހައްޔަރު ކޮށްފައިވާ އިސްތަފާ އިބްރާހިމް މުހައްމަދު މަނިކު ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމުން އޭނާގެ ބަންދުގެ މުއްދަތު އިތުރު ނުކުރެވޭނެ ކަމަށް ހައި ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އޭނާގެ ގާނޫނީ ވަކީލު މިއަދު ވިދާޅުވެއްޖެ އެވެ.
ކ. މާފުށީގެ ކޯޓުން އިސްތަފާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރު ކުރުމުން އެ މައްސަލާގައި ކޯޓަށް ވައްދާފައި ވަނީ އޭނާގެ ފަރާތުންނެވެ.
ހައްޔަރު ކުރާ އެހެން މީހުންނާ ހިލާފަށް ބިޑި ވެސް އެޅުވުމެއް ނެތި ކޯޓަށް ހާޒިރުކޮށްފައި ހުރި އިސްތަފާގެ ގާނޫނީ ވަކީލު ޝާހީން ހަމީދު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވީ ފުލުހުން އިސްތަފާ ހައްޔަރު ކޮށްފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށާއި މާފުށީ ކޯޓުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ ވެސް ގާނޫނާ ހިލާފަށް ކަމަށެވެ.
ވަކީލު ވިދާޅުވީ އެމީހަކު ހައްޔަރު ކުރާ ވަގުތު އޭނާ ހައްޔަރު ކުރާ ގާނޫނީ ސަބަބު ބުނެދޭންޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވީ ނަމަވެސް އިސްތަފާ ހައްޔަރު ކުރި ވަގުތު އޭނާ އަށް ގާނޫނީ ސަބަބު އަންގާފައިނުވާ ކަމަށެވެ. ހައްޔަރު ކުރި ވަގުތު ފުލުހުން އިސްތަފާއަށް ދިން "ހައްޔަރު ކުރެވޭ މީހާގެ މައުލޫމާތު ފޯމް" ފަހުން އަތުލުމަށް ފަހު އަތުލިޔުމުން އެ ފޯމަށް ފުލުހުން ބަދަލު ގެނެސްފައިވާ ކަމަށް ވެސް ޝާހީން ވިދާޅުވި އެވެ.
އިސްތަފާ ހައްޔަރު ކުރީ ޖިނާއި އިޖްރާއަތުގެ ގަވާއިދުގެ 60 ވަނަ މާއްދާއިން ބާރު ލިބިގެން ކަމަށް ފުލުހުން ބުނާ ކަމަށް ޝާހީން ވިދާޅުވި އެވެ. އެކަމަކު 60 ވަނަ މާއްދާއިން ބާރު ލިބިގެން ހައްޔަރު ކުރެވޭނީ އެ ގަވާއިދުގެ 30 ވަނަ މާއްދާގައިވާ ހާލަތު އައިސްގެން ކަމަށާއި އިސްތަފާގެ މައްސަލައިގައި 30 ވަނަ މާއްދާގައި ބުނާ ހާލަތު މެދުވެރިނުވާ ކަމަށް ވަކީލު ވިދާޅުވި އެވެ.
ޝާހީން ވިދާޅުވީ އިސްތަފާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ ހެކި ނައްތާލާފާނެތީ އާއި ހެކިންނަށް ނުފޫޒު ފޯރުވާފާނެތީ ކަމަށް ބުނެ އެވެ. އެކަމަކު އެފަދަ ކަމެއް އިސްތަފާ ކޮށްފައިވާ ކަމުގެ އެއްވެސް ހެއްކެއް ފުލުހުން މިހާތަނަށް ވެސް ދައްކާފައިނުވާ ކަމަށާއި ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ނިންމުމަކަށް ]ގާސިމް ހައްޔަރު ކުރި މައްސަލަ[ އަށް ބެލުމުން އެފަދަ ހެއްކެއް ނެތި ބަންދުގެ މުއްދަތު އިތުރު ނުކުރެވޭނެކަން އެނގޭ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ވަކީލު ވިދާޅުވީ ކޯޓުތަކުގެ ގާނޫނުން ކޮންމެ ކޯޓަކަށް ވެސް ލިބިގެންވާ އިހްތިސާސްތައް ކަނޑައަޅާފައިވާ ކަމަށާއި އިސްތަފާގެ މައްސަލަ ބެލުމަށް މާފުށީ ކޯޓަށް އިހްތިސާސް ލިބިގެންނުވާ ކަމަށެވެ. އަދި އެއީ ކޯޓުތަކުގެ ގާނޫނުގެ 57 ވަނަ މާއްދާގެ ށ.ގެ ދަށުން ކްރިމިނަލް ކޯޓަށް ލިބިގެންވާ އިހްތިސާސެއް ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ޝާހީން ވިދާޅުވީ ޖަލުގެ ގައިދީންނަށް އިންސާނިއްޔަތާ ހިލާފް އަދަބު ދީފައިވާކަން ސާބިތުވާ ކަމަށާއި އެ މައްސަލައިގައި އިސްތަފާގެ އިހުމާލެއްވާ ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. ވަކީލު ވިދާޅުވީ ފުލުހުން އެ ކުރާ ތަހުގީގަކީ އެތައް އަހަރެއް ކުރީގެ މައްސަލައެއްގެ ތަހުގީގަކަށް ވެފައި އެ މައްސަލަ ސާބިތުވެފައިވާ ކަމަށް ފުލުހުން ބުނާއިރު އިސްތަފާ އެ މައްސަލައިގައި ހައްޔަރު ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.
އިސްތަފާގެ ފަރާތުން ވަކީލު ޝަރީއަތުގައި އެދިވަޑައިގަތީ އެ މައްސަލައިގައި ފުލުހުން އިސްތަފާ ހައްޔަރު ކޮށްފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި މާފުށީ ކޯޓުން އޭނާގެ މުއްދަތު އިތުރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށެވެ.
ޝާހީންގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ އިސްތަފާ ހައްޔަރު ކުރި ވަގުތު ހައްޔަރު ކުރެވުނު ސަބަބު ގާނޫނު އަސާސީގައިވާ މަގްސަދު ފުރިހަމަވާ މިންވަރަށް ފުލުހުން ބުނެދީފައިވާ ކަމަށެވެ. އަދި ވިދާޅުވީ ހައްޔަރު ކުރާ މީހުންގެ މައުލޫމާތު ފޯމަށް ފަހުން ފުލުހުން އިތުރުކޮށްފައި ވަނީ އެކަމުގެ ތަފްސީލު ކަމަށެވެ.
ވަކީލު ވިދާޅުވީ މާފުށީ ކޯޓަށް އިސްތަފާގެ މައްސަލަ ބެލުމުގެ އިހްތިސާސް ލިބިގެންނުވާ ކަމަށް ބުނި ނަމަވެސް ކޯޓުތަކުގެ ގާނޫނުގެ އެއްވެސް ތަނެއްގައި ބަންދުގެ މުއްދަތާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ލިޔެފައިނުވާ ކަމަށެވެ. އަދި އިސްތަފާގެ މައްޗަށް ތުހުމަތު ކުރެވޭ ކަންތައް ހިނގާފައި ވަނީ ގާމާދޫ، ދޫނިދޫ އަދި މާފުށީގައި ކަމަށްވުމުން މާފުށީ ކޯޓުން ވެސް އެފަދަ މައްސަލަތައް ބެލުމުގެ ފުރުސަތު ލިބިގެންވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.
އިސްތަފާ ކުރިން ހުންނެވީ ޕްރިޒަންސް ޑިވިޝަން ހިންގެވުމާ ހަވާލުވެވަޑައިގެން ކަމަށާއި އަދިވެސް އޭނާގެ ދަށުން މަސައްކަތް ކުރި މީހުންނާ އެކު ގުޅުން އޮންނަ ކަމަށް ޝަމީމް ވިދާޅުވި އެވެ. އަދި މީގެ ކުރިން ވެސް މި މައްސަލައާ ގުޅުހުން ހުރި ފައިލެއް ޑީޕީއާރްއެސް އިން ގެއްލިފައިވުމުން މި މައްސަލައިގައި ހެކިންނަށް ނުފޫޒު ފޯރުވައި، ހެކި ނައްތާލުމުގެ ފުރުސަތު އިސްތަފާއަށް އޮތް ކަމަށް ވަކީލު ވިދާޅުވި އެވެ.
ވަކީލު ވިދާޅުވީ ޖަލުގައި އަނިޔާތަކެއް ކުރަމުންދާ ކަމަށާއި އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ބުނެ އިސްތަފާ އޮކްޓޯބަރު 10، 1994 ގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއް ލިޔުއްވާފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ހިމެނޭ ފޮޓޯ އާއި "ބިޑި، އަނދަގޮނޑި އަދި އެހެނިހެން އަދަބުތައް ދޭންޖެހުނު ގޮތުގެ ތަފްސީލް" ބަޔާންކޮށްފައިވާ ދެ ފޮތަށް ބެލުމުން ވެސް ޖަލުގައި އަނިޔާކޮށްފައިވާކަން އެނގޭ ކަމަށް ޝަމީމް ވިދާޅުވި އެވެ. ގާތްގަނޑަކަށް 300 ވަރަކަށް ސޮފްހާގެ ޗޮކޮލެޓް ކުލައިގެ އާދައިގެ އެ ދެ މޮނީޓަރު ފޮތް ޝަރީއަތަށް ހުށަހެޅުމަށް ވެސް ވަކީލު މަސައްކަތް ކުރެއްވި އެވެ. އެކަމަކު އެއީ މަފުށީ ކޯޓަށް ހުށަހަޅާފައިވާ ތަކެތި ކަމުގައިނުވާތީ ރިޔާސަތުން އެ ފުރުސަތެއް ނުދެއްވި އެވެ.
ބައެއް އިންސާނިއްޔަތާ ހިލާފް އަދަބު ދީފައިވާ މީހުންނާއި އެމީހުންނަށް އެ އަދަބުތައް ދޭންޖެހުނު ގޮތުގެ ތަފްސީލު އެ ފޮތުގައި ލިޔެފައިވާ ކަމަށް ވަކީލު ވިދާޅުވި އެވެ. އެގޮތުން ގައިދީނން ނުކެއުމުގެ ސަބަބުން އެކި އަނިޔާތައް ދިން ގޮތުގެ ތަފްސީލާއި އަނދަގޮނޑި ޖެހި މީހުންނާއި ނުކާންދީ ބެހެއްޓި މީހުންގެ ނަންތައް ވެސް އެ ފޮތުގައި ލިޔެފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.
އިސްތަފާގެ ސިޓީއާ ބެހޭ ގޮތުން ޝާހީން ވިދާޅުވީ އެއީ އިސްތަފާ އުމްރާއަކަށް ވަޑައިގެންނެއިރު ޖަލުގެ ހާލަތު ހުރި ގޮތް ކަމަށާއި އެ ސިޓީއަކީ އިސްތިއުފާ ދެއްވުމަށް ލިޔުއްވި ސިޓީއެއް ކަމަށެވެ.
އެ މައްސަލައިގައި ރިޔާސަތު ބެއްލެވި ހައި ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ޝަރީފް އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލެއްވީ ނިންމަވާނެ ދުވަހެއް އިއުލާން ކުރައްވާނެ ކަމަށް އިއުލާން ކުރެއްވުމަށް ފަހު އެވެ.