07 Jul 2016, 12:19
އުތުރު ކޮރެއާގެ ރައީސް ކިމް ޖޮން-އުން އިންސާނީ ހައްގުތަކަށް އަރައިގަންނަ ކަމަށް ބުނެ އެމެރިކާ ސަރުން ފުރަތަމަ ފަހަރަށް އޭނާ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.
އެމެރިކާގެ ޓްރެޜަރީން ނެރުނު ބަޔާނެއްގައި ވަނީ، އުތުރު ކޮރެއާގައި ހިންގާ އަނިޔާވެރި ހުރިހާ ޖަރީމާތަކެއްގެ ޒިންމާ ސީދާގޮތެއްގައި ކިމް ޖޮން-އުން ނަންގަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.
އުތުރު ކޮރެއާ ސަރުކާރުގެ އިތުރު އިސް 10 އޮފިޝަލެއްގެ ނަން ވެސް ވަނީ، އެމެރިކާ އިން ބްލެކްލިސްޓް ކޮށްފަ އެވެ. އެހެންނަމަވެސް މިކަމާ ގުޅޭ ގޮތުން އުތުރު ކޮރެއާ ސަރުކާރުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނު އެވެ.
އެމެރިކާ ސަރުކާރުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، ބްލެކްލިސްޓް ކުރެވުނު އެއްވެސް ފަރާތެއްގެ މުދަލެއް އެމެރިކާގައި ހުރިނަމަ ފްރީޒްކުރުމުގެ އިތުރުން، އެއިން އެއްވެސް ފަރާތަކަށް އެމެރިކާގައި ވެސް އަދި އެމެރިކާ ރައްޔިތަކާ ގުޅިގެން ވެސް ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ނުހިންގޭނެ އެވެ.
އުތުރު ކޮރެއާ އިން ކުރިއަށްގެންދާ ނިއުކްލިއާ ހަރަކާތްތަކުގެ ސަބަބުން ވެސް އެގައުމަށް ބައިނަލްއަގްވާމީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ދަނީ ތައްޔާރުވަމުންނެވެ. އަދި އެމެރިކާ އިން މިހާރު އެޅި މި ފިޔަވަޅަކީ އެކަމަށް ބާރުލިބިދޭނޭ ކަމެއްގެ ގޮތުގައި މުހައްލިލުން ސިފަކުރެ އެވެ.
އެމެރިކާގެ ޓްރެޜަރީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން، ކިމް ޖޮން-އުންގެ ޒައާމަތުގައި އެ ގައުމުގެ އެތަކެއް މިލިއަން ރައްޔިތުން ދަނީ އިންތިހާއަށް ބޮޑެތި އަނިޔާތަކާއި ވޭންތައް ތަހައްމަލުކުރަމުންނެވެ. އޭގެ ތެރޭގައި ޝަރީއަތަކާ ނުލައި މީހުން މެރުމާއި ގަދަކަމުން މަސައްކަތްކުރުވުމާއި އަދި ޓޯޗާ ކުރުން ހިމެނެ އެވެ.
ކިމް ޖޮން-އުންއަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައި މިވަނީ، އުތުރު ކޮރެއާގެ ރައްޔިތުންނާ މެދު އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިވާކަމަށް ބުނެ އެގައުމުގެސްޓޭޓް ޑިޕާޓްމަންޓުން ރިޕޯޓެއް އާންމުކޮށްފައިވަނިކޮށެވެ.
އެރިޕޯޓްގައި ބުނެފައިވާ ގޮތުން، އުތުރު ކޮރެއާގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ 80،000 އާއި 120،000 އާ ދެމެދުގެ އަދަދެއްގެ މީހުންނަށް ޖިންސީ އަނިޔާތަކާއި އެނޫން ވެސް އަނިޔާތައްދީ އަދި މީހުންމެރުން ވެސް ވަނީ އާންމުވެފަ އެވެ.
އެމެރިކާ ސަރުކާރުން މީގެ ކުރިން ވެސް ވަނީ ބައެއް ގައުމުތަކުގެ ވެރިންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. އޭގެ ތެރޭގައި ސީރިއާގެ ރައީސް ބައްޝާރުލް އަސަދާއި، ލީބިޔާގެ ކުރީގެ ރައީސް މުޢައްމަރުލް ގައްޒާފީ ހިމެނެ އެވެ.