07 Jul 2016, 11:37
އިއްޔެ ފީނަށް ގޮސް އުޅުމުގެ ތެރެއިން މަރުވި އއ. އުކުޅަހު އިރުމަތީގެ އަލީ ފިޒާލު، 28، އަކީ މޫދާ ވަރަށް ރައްޓެހި ޒުވާނެކެވެ. މަދުދަވަހެއް ފިޔަވައި ކޮންމެ ދުވަހަކު މޫދުގައި ހަރަކާތްތެރިވެ އެވެ. ގިނައިން އުޅެނީ މަސް ހިފަންށެވެ. އޭނާއާ އެކު ފީނަށް ދިޔަ މީހުންނާއި އެ ރަށު ކައުސިލުން ވެސް މައުލޫމާތު ލިބޭ ގޮތުގައި ފިޒާލު މަރުވެފައި މިވަނީ މަސް ހިފަން އުޅުމުގެ ތެރެއިން މާފުނަށް ދެވިގެންނެވެ.
ފިޒާލު އިއްޔެ އީދު ނަމާދަށް ފަހު ފީނަން ދިޔައީ އީދަށް އޭނާ ދައުވަތު ދީގެން މާލެއިން ގެންދިޔަ ރަހުމަތްތެރިންތަކަކާއެކު އެވެ. އެމީހުންނަކީ ވެސް މަސް ހިފުމުގައި ހަރަކާތްތެރިވާ ޒުވާނުންތަކެކެވެ. ފިޒާލާއެކު ފީނަން ދިޔަ މީހުންގެ ތެރެއިން އެކަކު ސަން އަށް ކިޔައިދިންގޮތުގައި އުކުޅަހު ކައިރީގައި އޮންނަ މާތިލަ ކައިރިއަށް ފީނަން ގޮސް އެކި މީހުން އުޅުނީ އެކިދިމަދިމާލުގަ އެވެ. ފިޒާލު ގެއްލުނީ އެހެން އުޅުމުގެ ތެރެއިންނެވެ.

"ފިޒާލް އަކީ ވަރަށް އަޑިއަށްދާމީހެއް، 30 މީޓަރަށް ދޭ އާންމުކޮށް އެއްނޭވާގައި، މިފަހަރު މާއަޑިޔަށްދިޔައީ ކަމަށް ބެލެވެނީ، އެހެންވެ ބުލެކް އައުޓްވީ" އެޒުވާނާ ބުންޏެވެ.
ފިޒާލް ގެއްލިގެން ހޯދަމުންދަނިކޮށް އޭނާ ފެނިފައި ވަނީ މާތިލަ ނަމަކަށް ކިޔާ ފަޅެއް ކައިރިން 43 މީޓަރު އަޑިންނެވެ. ފެނުމާ އެކު ފަރުވާ ދިނުމަށް އެއަތޮޅު ކުރަމަތި ރިސޯޓަށް ގެންދިޔަ އެވެ. އެރިސޯޓުގެ ޑޮކްޓަރުންނާ ހަވާލާދީ އުކުޅަހު ކައުންސިލުގެ ރައީސް ޝައުކަތު އިބްރާހިމް "ސަން"އަށް މިއަދު ވިދާޅުވީ ފިޒާލު މަރުވީ ނޭހާ ހުސްވެގެން ފުއްޕާމޭ ފަޅައިގެންގޮސްގެން ކަމަށެވެ.
"ޑޮކްޓަރާ ހަވާލާދީ ލިބުނު މައުލޫމާތަކީ މާފުނަށް މަހަކަށް ޖަހަން [ބަޑިޖަހަން] ގޮސްފައި ނޭވާ ހުސްވާ ހިސާބުން މަހަކަށް ޖެހީ، ޖަހާފައި ދެން އަރާހާވަރަށް ނޭވާގައި ޖާގަނެތީ ނެތިގެން ފުއްޕާމޭ ފަޅައިގެންގޮސްގެން މަރުވިކަމަށް މިބެލެވެނީ،" ޝައުކަތު ވިދާޅުވި އެވެ.
ފިޒާލް އަކީ ވަރަށް މޫދަށް ފަރިތަ އަދި ފުރީ ޑައިވިން ކޯސް ހަދާފައިހުރި ޒުވާނެކެވެ. ޝައުކަތު ވިދާޅުވާ ގޮތުގައި ފިޒާލްއަކީ އެއް ނޭވާ އިން މޫދު ތެރޭގައި ފަސް ވަރަކަށް މިނެޓް ހަރަކާތްތެރިވާ ޒުވާނެއް ކަމަށެވެ.

ފިޒާލްއަކީ އާއިލާގެ ގެސްޓް ހައުސްއެއް ހިންގާ ޒުވާނެކެވެ. މީހަކާ އިނދެ ދެ އަހަރުގެ ދަރިއަކު ހުންނަ އިރު އަންހެނުން އިނީ ދެވަނަ ކުއްޖާއަށް ބަލިވެ އެވެ.
ފިޒާލް އަށް މިދިމާވި ހާދިސާ އިން އިބްރަތް ހާސިލްކުރަން ޖެހެ އެވެ. ބަޑިޖަހައިގެންނާއި އެހެންގޮތް ގޮތުން ވެސް މަސް ހިފުމަށް އެތައް ބަޔަކު ހަރަކާތްތެރިވާ އިރު މިފަދަ ނުރައްކާތެރި ކަންކަމުން ސަލާމަތްވާން ޖެހެ އެވެ.