އާޖެންޓީނާގެ ކުރީގެ ރައީސް ކްރިސްޓީނާ ފެނާންޑޭޒް ޑި ކީރްޗްނާގެ މުދާތައް ހިފެހެއްޓުމަށް އެގައުމުގެ ކޯޓަކުން އަމުރުކޮށްފި އެވެ.

ކްރިސްޓީނާގެ މައްޗަށް ތުހުމަތުކުރެވެނީ، އެކަމަނާގެ ވެރިކަމުގެ ފަހު ދުވަސްކޮޅު، މިދިޔަ އަހަރުގެ ފަހުކޮޅު ބޭރުފައިސާގެ މުއާމަލާތްތަކެއްގައި މަކަރު ހެދައި އޮޅުވާލުވާލުމެވެ.

އެހެންނަމަވެސް އެކަމަނާ ވަނީ، އެ ތުހުމަތުތަކަށް އިންކާރުކުރައްވައި، އެއީ މައުރީސިއޯ މަސްރީގެ ސަރުކާރުން އެކަމަނާ ބަދުނާމުކުރަން ރާވަމުންދާ ކަންތައްތަކެއް ކަމަށް ވިދާޅުވެފަ އެވެ.

ދައުލަތުގެ ފައިސާ، ނަހަމަގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތުގައި ކްރިސްޓީނާގެ ގާތް ބައެއް ބޭފުޅުންނާ ދެކޮޅަށް ވެސް ވަނީ ތަހުގީގުތަކެއް ހިންގައިފަ އެވެ.

ޝަރީއަތުގެ އަޑުއެހުމަށް ފަހު ކޯޓުން ނުކުމެ ވަޑައިގެން ނޫސްވެރީންނާ ބައްދަލުކުރައްވައި ކްރިސްޓީނާ ވިދާޅުވީ، އާޖެންޓީނާގެ ޝަރުއީ ނިޒާމު މިވަނީ ވަރަށް ބޮޑަށް ކިލަނބުވެފައި ކަމަށެވެ.

ކޯޓުގައި އެކަމަނާގެ ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ދިޔައިރު، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުން އެތަކެއް ސަތޭކަ ފުލުހުން ކޯޓު ސަރަހައްދުގައި ހަރަކާތްތެރިވެފައިވެ އެވެ.

އާޖެންޓީނާގެ ކުރީގެ ރައީސް ކްރިސްޓީނާ ފެނާންޑޭޒްގެ ޝަރީއަތް ކުރިއަށް ގެންދިޔަ، ވެރިރަށް ބީނޯސް އޭރީޒްގައި ގެ ކޯޓުގެ ބޭރުގައި ރަޔަޓް ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: އޭޕީ

މިދިޔަ މޭ މަހު ރައީސް ކްރިސްޓީނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ، އެގައުމުގެ މަރުކަޒީ ބޭންކުން ގިނަ އަދަދެއްގެ އެމެރިކާ ޑޮލަރުގެ މުއާމަލާތްތަކެއް ގަވައިދާ ހިލާފަށް ހިންގުމަށް އަމުރުކުރި ކަމުގެ ކުށުގައެވެ.

ކްރިސްޓީނާގެ ތަހުގިގުތައް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ފެޑެރަލް ކޯޓުގެ ފަނޑިޔާރު ކްލައުޑިއޯ ބޮނާޑިއޯ އަކީ، ފާޅުގައި އެކަމަނާއާ ދެކޮޅުކަން އިއުލާނުކުރައްވާފައިވާ ފަނޑިޔާރެކެވެ.

ކްރިސްޓީނާއަށް ތާއީދުކުރާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިއީ މިހާރުގެ ރައީސް މައުރީސިއޯ ކުރިއަށްގެންދާ ސިޔާސީ ދައުވާތަކެކެވެ.

އެހެންނަމަވެސް ރިޕޯޓްތައް ބުނާގޮތުން މިދިޔަ މަހު، ކްރިސްޓީނާގެ ސަރުކާރުގެ އިސް އޮފިޝަލެއް ކަމަށްވާ ހޯޒޭ ލޮޕޭޒް ވަނީ ކަޅުފައިސާގެ މުއާމަލާތްތައް ހިންގާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރީ ގާތްގަނޑަކަށް ނުވަ މިލިއަން ޑޮލަރުގެ ފައިސާ ހިމެނޭ ދަބަސްތަކެއް ބީނޯސް އޭރީޒްގެ ގަނޑުވަރެއްގެ ފާރުމަތިން ބޭރުކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ކަމަށްވެ އެވެ.

ކްރިސްޓީނާ ފެނާންޑޭޒަކީ، މިހާރު އަވަހާރަވެފައިވާ، އާޖެންޓީނާގެ ކުރީގެ ރީގެ ރައީސް ނެސްޓަރ ކީރްޗްނާގެ އަނބިކަނބަލުންނެވެ.